ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އަށްވުރެ ޒާތީ ބޭފުޅެއް ދެކިލައްވާފައި ނުވާ ކަމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަވަސް އޮންލައިންގެ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން އަކީ ހިތުގައި ފިތުނަ އޮވެގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިިކަމުގައި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށް ދެއްވި ކަމަށާއި އެކަމާ ދެކޮޅު ނުހައްދަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމްގެ މަސައްކަތުން ރައީސް މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބުނު ހިސާބުން ރައީސް މައުމޫން އަމަލު ކުރެއްވީ އެންމެ ރަނގަޅަށް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެމަނިކުފާނު ބޭނުންފުޅުވި ހުރިހާ ކަމެއް ސަރުކާރުގެ ތެރެއިން ނުވެ، ކަމެއްގަ ހިތްހަމަނުޖެހިވަޑައިގެންނެވި ވަގުތު ނުކުމެވަޑައިގެން ގައުމު މިހާ ބޮޑު އަނދަވަޅަކަށް ވައްޓާލުމުގައި އެމަނިކުފާނު ފާޅުގައި އެ ކުރެެއްވި މަސައްކަތަކީ އެމަނިކުފާނު ޒާތީވެގެން ކުރެއްވި ކަމެއް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް މައުމޫން އާއެކު ސިޔާސީ މަސައްކަތް ކުރަން ޖެހިއްޖެނަމަ، ސިޔާސީ މަސައްކަތް ކުރެއްވުން ހުއްޓާލައްވައި ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ.