އަންނަ އޮކްޓޯބަރ 4 ވަނަދުވަހު ތައާރަފް ކުރުމަށް ހަމަޖެހިފައިވާ އެލްޖީގެ އާފޯން LG V40 ThinQ ޓީޒާ ވީޑީއޯ ދައްކާލައިފި އެވެ. މިވީޑިއޯގައި އެލްޖީގެ އާފޯނާއި ބެހޭ ގިނަ ކަންތައްތަކެއް ވަނީ ހާމަވެގެން ގޮސްފައެވެ.
އެލްޖީގެ ސައުތުކޮރެއާ ވެބްސައިޓުގައި ޕޯސްޓް ކޮއްފައިވާ ޓީޒާއިން ތަފާތު އެންގަލްތަކުން ފޯން ފެނިގެންދެއެވެ. ފޯންގެ ފަހަތުގައިވާ 3 ކެމެރާގެ އިތުރުން ފަހަތުގައި ފިންގަރޕްރިންޓް ސްކޭނަރ ފެނެއެވެ.
ވީޑިއޯގައި ބޮޑަށް ފެނިގެން ދިޔައީ ފޯން ގެ ފަހަތެވެ. ނަމަވެސް ޓެކްނޮލޮޖީ ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ފޯން ގެ ކުރިމަތީގައި 2 ކެމެރާ ހުންނާނެ ކަމަށް ބުނެފައެވެ. މިފޯންގައި ޖުމްލަ 5 ކެމެރާ ހުންނަ އިރު މިއީ ވަރަށް ވަރުގަދަ ކެމެރާ ތަކަކަށް ވާނެކަމަށް ދިރާސާތަކުން ދައްކައެވެ.
ޓީޒާ ވީޑިއޯ އިން ފެނިގެންދާ ގޮތުން މިފޯނުގެ ފަހަތުގައި ބިއްލޫރި ކަވަރެއް ވާއިރު ދަގަނޑު ފްރޭމެއް ވަށައިގެން ވާނެއެވެ. ވީޑިއޯއިން ހާމަވާ ގޮތުން މިފޯނަކީ 6.4 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ ފޯނެކެވެ. ފޯނުގެ ކުލަތަކަށް ބަލާއިރު ފާހަގަކޮއްލެވެނީ މުޅިން އާ ޕްލެޓިނަމް ގްރޭގެ އިތުރުން ކާރމައިން ރަތްކުލަ އަދި މޮރޮކަން ނޫ ކުލައެވެ.
މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިއީ ތަފާތު ފޯނަކަށް ވާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.