ހުތުބާ

ހުސްވަގުތު ހޭދަކުރުމުގައި ފަރުވާކުޑަކޮށްފި ނަމަ، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ: ހުތުބާ

ހުސްވަގުތު ހޭދަކުރުމުގައި އިންސާނާ ފަރުވާކުޑަކޮށްފި ނަމަ އޭނާއަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ހުސްވަގުތު ހޭދަކުރުމުގައި އިންސާނާ ފަރުވާކުޑަކޮށްފި ނަމަ ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ނުވަތަ ހިއްސީ ގޮތުން ކަންނެތް ކަމުގެ ޝިކާރައަކަށް އެމީހަކު ވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

"ލޮބުވެތި ޒުވާނުންނޭވެ! ތިޔައީ އުއްމަތުގެ ތަނބުތަކެވެ. ތިޔައީ އުއްމަތުގެ އެންމެ އަގުބޮޑު ރައުސްމާލެވެ. މި އުއްމަތް ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ ބޮޑު ޒިންމާއެއް އެބައެއްގެ ކޮނޑުގައި އެޅުވިފައިވާ ބަޔަކީ ތިޔައީއެވެ. ތިޔަ ޒުވާނުންގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުން ހިފާށެވެ! ބޭކާރު ގޮތުގައި ވަގުތުތައް ނަގާނުލާށެވެ! ޒިންމާތައް ފުރިހަމައަށް އަދާކުރާށެވެ!،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މިއީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު މި ދުވަސްތަކުގައި ބޭނުންތެރި އަދި ފައިދާ ކުރަނިވި ކޮންމެވެސް ކަމެއް ކުރުމަށް ސަމާލުކަން ދިނުމަށް ޒުވާނުންނަށް ވަސިއްޔަތް ކުރާ ކަމަށެވެ.

"ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލިގެން ބޭކާރު ކަންތައްތަކާއި ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުންޔަވީ ގޮތުން ފައިދާ ކުރަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވަމެވެ..،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ އިންސީންނާއި ޖިންނީންގެ ތެރޭގައި އިންސާނާއަށް ވަސްވާން ދޭ ބަޔަކު ވާކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ނުރަނގަޅު އެކުވެރިން އިޚްތިޔާރު ނުކުރުމަށާއި އެފަދަ އެކުވެރިން މަސައްކަތްކުރާނީ މުންކަރާތްތަކަކީ، ރަނގަޅު ކަންތައް ކަމުގައި ދައްކައިގެން ތިޔަ ކުދިންގެ ސިކުނޑިތަކާއި ކުޅެލުމަށް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.