އައިޝަތު ނަހުލާ

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށް ލަސްތަކެއް އައީ ރައީސްގެ ދަތުރުފުޅާއި ބަންދު އައުމުން: ނަހުލާ

2

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމުގެ ވައުދު ފުރިހަމަކުރުމަށް ލަސްތަކެއް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅާއި ބަންދު އައުމުން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީ "އެނގިދާނެތާ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައި މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމުގެ ވައުދަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައެޅި ވައުދެކެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދުވަސްތައް ގުނަމުންދަނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ.

"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މިކަމުގައި ކުޑަ އިޝޫއެއް ވެސް އެބަ އަޑުއިވެމުންދޭ ސޯޝަލް މީޑިއާގައި. އެކަމަކު ދަންނަވާލަން އޮތީ ދެ ދުވަހެއްގެ ތެރޭގައި އަގުހެޔޮވެގެންދާނެ ކަމަށް. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރާވަޑައިގަންނަވަން ޖެހުމާ ގުޅިގެން މިމަސައްކަތްތައް އަޅުގަނޑުމެން މިހާރު ވާހަކަދައްކަން ޖެހޭ ފަރާތްތަކާ ވާހަކަދެކެވެމުންދަނީ. ބަންދު ވެސް އައުމާއެކު ކުޑަ ލަހެއް މިކަމަށް މިއައީ. މިއީ އަޅުގަނޑުމެންގެ އޮތޯރިޓީން ކުރަން ބުނެފައި އޮތް ކަމެއް ނުވެގެން ދިމާވި އިޝޫއެއް ނޫން. އަޅުގަނޑުމެންގެ ކަންތައް އަޅުގަނޑުމެން ނިންމާފައި މިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި ރައީސް އޮފީހުންނާއި އެހެނިހެން ގުޅިފައި ހުރި މިނިސްޓްރީތަކުން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަހަލަ ކަންތައްތަކުގައި ރައްޔިތުން އެއްބާރުލުދިނުމަށް ދަންނަވާ ކަމަށެވެ. އަދި ޓިކެޓުގެ އަގުހެޔޮކުރީމަ އުދުހުންތައް އޮޕަރޭޓްކުރާ ކުންފުނިތަކުގެ ސޭލްސްއަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮކުރީމަ، މިކަންތައްތައް ހިންގާ ކޮމްޕެނީތަކަށް ނުވަތަ ކޮމްޕެނީއަކަށް ވަރަށް ބޮޑު ތަފާތުތަކެއް ސޭލްސްއަށް އެބަ އާދޭ. އެހެންވީމާ އެހާ ބޮޑު ބަދަލެއް ސޭލްސްއަށް އަންނަ އިރު އަޅުގަނޑުމެން އޮތޯރިޓީން އަގުތަކެއް ކަނޑައެޅުމުން ސަރުކާރުން ބަލާފައި ސަރުކާރުން އެބަޔަކަށް ސަބްސިޑައިޒް ކުރަން ޖެހޭ ކަންތައްތައް ކޮށްގެން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ ކުރިންވެސް ދެންނެވި ފަދައިން އެ ވައުދުގެ ޕްރޮސީޖާތައް ހިނގަން ފައްޓާނީ ދެ ހަފްތާ ފަހުން ކަމަށާއި އަގުތައް ކުޑަކުރީމާ ހުރިހާ ދިމާއަކުން ވެސް އެތައް ބައިވަރު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮޕަރޭޓްކުރާ ކުންފުނިތަކަށް އެ ބަދަލުތައް ގެނައުމަށް ވަގުތުކޮޅެއް ބޭނުންވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.  

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟