ފެޝަން

މިޝޭލް އޮބާމާ 4000 ޑޮލަރުގެ ރަން ބޫޓްސްއާ މެދު: މިހާރު ބޭނުން އެއްޗެއް ލެވޭނެ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަބިކަނބަލުން މިޝޭލް އޮބާމާ މި ވަނީ ވަރަށް ފަހުން އަމިއްލައަށް ފޮތެއް ނެރެ ޝާއިއު ކޮށްފައެވެ. މި ފޮތުގެ ޕްރޮމޯ ޓުއާ ތަކުގައި މިޝޭލް މިދުވަސްކޮޅު އުޅޭ އިރު ބުދަ ދުވަހު ގިނަ ބައެއްގެ ލޮލުގައި އަޅައި ގަތީ ސާރާ ޖެސިކާ ޕާކާގެ ޗެޓް ޝޯ އަށް މިޝޭލް އަރައިގެން ދިޔަ ރަން ބޫޓްސް އިންނެވެ.

ރީނދޫ ކުލައިގެ ސިމްޕަލް ހެދުމެއްގައި މިޝޭލް ފެނިގެން ދިޔަ އިރު "ތައި-ހައި" ބޫޓްސް އިން މުޅި ލުކް ފުރިހަމަ ކޮށްލައެވެ. މި ހެދުމާއި ބޫޓްސް އަކީވެސް ޑިޒައިނަރ ބެލެންސިއާގާގެ ޑިޒައިންތަކެވެ. ހެދުމަކީ އެ ޑިޒައިނަރުގެ ކުރިއަށް އޮތް ސްޕްރިން/ސަމާ ކަލެކްޝަނުގެ ހެދުމެކެވެ. އަދި މި ހެދުމެއް ވިއްކަންވެސް ލިބޭކަށް ނެތެވެ.

އާންމުކޮށް ވަރަށް ޑީސަންޓްކޮށް އޮފިޝަލްކޮށް ހެދުން ތުރުކުރައްވާ މިޝޭލްގެ މި ލުކް ވީ ގިނަ ބަޔަކަށް ސިހުމެއް ގެނައި ކަމަކަށެވެ.

ޝޯގައި މިޝޭލްއަށް ވަނީ ހެދުމާ ގުޅޭ ގޮތުން ސުވާލުވެސް ކޮށްފައެވެ. އެއަށް ޖަވާބު ދެއްވަމުން މިޝޭލް ވިދާޅުވީ މިހާރު ބޭނުން އެއްޗެއް ތުރުކުރެއްވުމަށް "ފްރީ" ކަމަށެވެ. އަދި މި ބޫޓްސްގައި އެއްވެސް މާނައެއް ނެތް ކަމަށްވެސް މިޝޭލް ބުންޏެވެ.

"ހަމަ ބޫޓްސް ރީތީ" މިޝޭލް ބުންޏެވެ.

އަށް އަހަރު ފަސްޓް ލޭޑީގެ ގޮތުގައި މިޝޭލް ހުރިއިރު އޭނާ ވަނީ ފެޝަނުގެ ދުނިޔެއިން ވަރަށް ބޮޑު މަގްބޫލު ކަމެއްވެސް ހޯއްދަވައިފައެވެ. އެގޮތުން މިޝޭލް ތުރުކުރައްވާ ހެދުމެއް އޭނާ ތުރުކުރައްވައިގެން ހުންނަވާތާ ގަޑިތަކެއް ނުވަނީސް ވިކެން ފަށައެވެެ.

އެހެން ކަމުން މިޝޭލް ވަނީ ފަސްޓް ލޭޑީގެ މަގާމުގައި ހުންނެވި އިރު އާންމުކޮށް މަގްބޫލު ނޫން ޑިޒައިނަރުން ކުރިއަރުވަރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފައެވެ.