ރިޔާސީ އިންތިހާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުން ބަލައިގެންފައިވާ ކަމަށާއި ދާއިމީ ނަތީޖާއަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާ މެދުވެރިކޮށް ދިން މެސެޖެއްގައި ހަބީބު ވިދާޅުވެފައިވާ ގޮތުގައި ކޮމިޝަންގެ ފަސް މެންބަރުން އެގޮތަށް ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ހަބީބު ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލުމަށް ލިބިދޭ ހައްގާއެކު ވޯޓުލާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގާނޫނީ މެންޑާޓާ އެއްގޮތަށް ވޯޓު ގުނުމުގެ ކަންތައް ކުރިއަށްގެންދިޔަ ކަމަށެވެ.
ދިގު ކިޔުތަކެއްގައި ޖެހި ލަސްވިތަކެއްވީ ނަމަވެސް ވޯޓުލުމުގައި ބައިވެރިވި ހުރިހާ މީހުންނަށް ވެސް ހަބީބު ވަނީ ޝުކުރު އަދާކޮށްފައެވެ. ގާނޫނު ބުނާގޮތުން ހަތް ދުވަސްތެރޭ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ޖެހޭ ކަމާއި އެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެ ކަން ވެސް ހަބީބު ފާހަކުރެއްވިއެވެ.
އެގޮތަށް ހަބީބު ވިދާޅުވި އިރު، އިންތިހާބުގެ ޝަކުވާތަކެއް ހުށަހަޅައި، އިންތިހާބު ބާތިލުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިގެންގޮސްފައެވެ. އިންތިހާބުގެ ޝަކުވާތައް ޕާޓީގެ އޮފީހަށް ވީހާވެސް އަވަހަކަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށް ޕީޖީ ގްރޫޕުގެ ލީޑަރު ނިހާން ވެސް ގޮވާލާފައިވެއެވެ.