ރީކޯ މޫސާ މަނިކް

ރީކޯ މޫސަ: ސިޔާސީ ހަޔާތް އޮތީ ޒުވާންކޮށް، މަޖިލީހަށް ކުރިމަތިލާނީ ސިޔާސީ ހަޔާތް ފެށި ހިސާބުން

7

ސިޔާސީ ހަޔާތް އަދިވެސް އޮތީ ޒުވާންކޮށް ކަމަށާއި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނީ ސިޔާސީ ކެރިއަރު ފެއްޓެވި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ އޭނާ އިއްޔެ ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެންފައި ވާތީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމާ މެދު ވިސްނުންފުޅު ގެންގުޅުއްވަނީ ކިހިނެއްތޯ "ވަން އޮންލައިން"އިން ސުވާލު ދެންނެވުމުންނެވެ.

"ކީއްވެތޯ ކުރިމަތިނުލާންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަޅުގަނޑުގެ ސިޔާސީ ހަޔާތް އަދި ހަމަ ޒުވާން. މަޖިލީހަށް ކުރިމަތި ލާނީ އެމަސައްކަތް ފެށި ހިސާބުން. މި ފަހަރު ނިކުންނާނީ ހައްދުންމަތީ ގަމު ދާއިރާއަށް." މޫސަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ މޫސަ ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު އެވެ. އެއީ ލ. އަތޮޅު މެންބަރެއްގެ ގޮތުގަ އެވެ. އޭރު ދާއިރާތައް ބަހާފައެއް ނޯވެ އެވެ. މޫސައާ އެކު އެފަހަރު ލ. އަތޮޅަށް ދެން ހޮވިވަޑައިގެންނެވީ އިލްޔާސް އިބްރާހީމް އެވެ.

މޫސަ ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ޕާޓީގެ މުސްތަގުބަލާ މެދު ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަތައް ކަމަށާއި އަދި ކަންކަން ކުރިޔަށްދާ އިރު އެނގިވަޑައިވެސް ނުގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ.

ޕީޕީއެމުން ދެ ބުރެއްގެ މަތީން 31 ފަރާތަކަށް މަޖިލިސް ޓިކެޓު ދީފައިވާ އިރު، މޫސައަށް ޓިކެޓް ދީފައެއް ނުވެ އެވެ.

މޫސަ ވިދާޅުވީ މަޖިލީހަށް ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށާއި މިހާރު ސިޔާސީ މަސްރަހުގައި ކަންކަން ހިނގާ ގޮތަށް ބަލާ އިރު ރައްޔިތުން ބޮޑަށް ބަލަނީ މީހާގެ އަމަލަށް ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުން ކޮންމެހެން ލާޒިމުކަމަށް ކަންކަން ވަމުންދާ ގޮތަށް ބައްލަވައި ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"މިހާރު މި އޮތް މަލްޓިޕާޓީ ޑިމޮކްރެސީގެ ތެރޭގައި ކަންކަން މި ފެންނަނީ ވަރަށް މަސްހުނިކޮށް. ޕާޓީގެ މެންބަރުންނަށް ވެސް ލީޑާޝިޕުގައި ތިބޭ މީހުންނަކަށް ވެސް ބައެއް ފަހަރު ވާނުވާއެއް ނޭނގެ. އެހެން ނޭނގިތިއްބާ ލީޑާޝިޕުވެސް އެބަ ބަދަލުވޭ." މޫސަ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމުން އެންމެ ބޭނުންވި ދުވަހު ޕާޓީއަށް މަސައްކަތްކޮށްދެއްވީ އިޚުލާސްތެރިކަމާ އެކުގައި ކަމަށެވެ. އެ ގޮތުން ރައީސް ޔާމީން ފަދަ ތަރައްގީގެ ދުވެލި ވަރަށް ބާރަށް ކުރިޔަށް ގެންދެވި ރައީސެއްގެ ވެރިކަން ދައުރުގެ މެދުތެރެއިން ވެއްޓުމަކީ ގަބޫލުފުޅުކުރައްވާ ކަމަކަށް ނުވާތީ ވެރިކަން ދަމަހައްޓައިދިނުމަށް ސާބިތުކަމާ އެކު މަސައްކަތް ކޮށްދެއްވި ކަމަށެވެ.

"ހަމަ އެގޮތަށް އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ ވެސް ދައުރު ހަމަވުމުގެ ކުރީން ބަޔަކު ކުޅެގެން ވާނެ ކަމަކަށް. އެމަނިކުފާނުގެ މަސައްކަތްޕުޅުވެސް އަޅުގަނޑުމެންނަށް އަދި ފެންނަނީ ވަރަށް ރަނގަޅަށް. އެހެންވީމަ ހަމަޖެހިވަޑައިގެން ވެރިކަން ކުރައްވަން ފުރުސަތު ދޭން ޖެހޭނެ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅައިލުމަށް ކުރެވޭ މަސައްކަތަށް އެއްވެސް މިންވަރަކަށް ތާއީދު ނުކުރައްވާ ކަމަށާއި ކުރިޔަށް އޮތް ދައުރުގައި މަޖިލީހަށް ވާދަކުރައްވަން ބޭނުންފުޅުވާ އެންމެ މުހިންމު އެއް މަގުސަދަކީ އެކަން ހުއްޓުވަން މަޖިލިސް ތެރެއިން މަސައްކަތް ކުރެއްވުން ކަމަށެވެ.

މޫސަ ވިދާޅުވީ ގަމު ދާއިރާ އިޚުތިޔާރު ކުރެއްވީ އެއީ އޭނާ އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ނެރެދިން ރައްޔިތުން ނިސްބަތްވާ އަތޮޅުގެ ދާއިރާއަކަށް ވެފައި އެ ދާއިރާއާ ގާތް ގުޅުން ތަކެއް ވެސް އޮތުމުން ކަމަށެވެ. އެ ގޮތުން މުޅި ހައްދުންމައްޗަށް ބަލާއިރު ގަމު ދާއިރާ ހިމެނޭ ރަށްރަށަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިފައި ހުންނާނެ ކަމަށް މޫސަ ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟