ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

ގަވައިދާ ޚިލާފަށް ފައިސާނަގާތީ ސުވާލުކުރުމުން ހައިވޭއަށް މީހުން ބާލާފައި ޑްރައިވަރު ހިނގައްޖެ

8

ހުޅުލެއިން މާލެއަށް ދަތުރުކުރި ޓެކްސީއަކުން އިތުރަށް ފައިސާ ނަގާތީ ސުވާލުކުރުމުން ހައިވޭއަށް މީހުން ބާލާފައި ޑްރައިވަރު ހިނގައްޖެއެވެ.

މިހާދިސާ ދިމާވެފައިވަނީ ''ވަންއޮންލައިން''ގެ ނޫސްވެރިއަކަށެވެ. ނޫސްވެރިޔާ އެ ހާދިސާ ކިޔައިދެމުން ބުނީ މިއަދު މެންދުރު 1:45 ގައި ހުޅުލޭ އެއާޕޯޓު ސަރަހައްދުން އެ ނޫސްވެރިޔާ އާއި އޭނާގެ ދަރިއަކު ޓެކްސީއަކަށް އެރުމަށްފަހު ދުއްވާފައި ގޮސް، ހައިވޭއާ ކައިރިވީ ފަހުން ދަތުރެއް ކޮށްދެނީ ކިހާވަރަކަށްތޯ ސުވާލުކުރި ކަމަށެވެ.

އެސުވާލުގެ ޖަވާބުގައި ހުޅުލެއިން މާލެއަށް ދަތުރެއް ކޮށްދެނީ 100 ރުފިޔާއަށް ކަމަށް ޑްރައިވަރު ބުނުމުން އެއީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަދަދެއް ކަމަށް ނޫސްވެރިޔާ ބުނުމާއެކު ހަމަ މިހާރު ޓެކްސީން ފައިބަން އެންގި ކަމަށް ބުންޏެވެ.

''އެއާޕޯޓަށް ދިޔައީ ލަގެޖްތަކާއެކު 80 ރުފިޔާއަށް އެހެން ޓެކްސީއެއްގައި. މާލެ އަންނަން ވެގެން ޓެކްސީއަށް އެރިއިރު އެހާ އަގުބޮޑުވެދާނެ ކަމަކަށް ނުވިސްނަން. ހައިވޭއާ ކައިރިއަށް ދަތުރުކުރި ފަހުން އަހައިލެވުނީ ކިހާވަރަކަށްހޭ ދަތުރެއް. ޑްރައިވަރު ބުނީ 100އަށޭ. އެއީ ޓްރާންސްޕޯޓް ރޭޓަށް ވުރެ ބޮޑު އަގެއް ނޫންހޭ ބުނީމަ އެހެން ހެއްޔޭ، އެހެންވިއްޔާ ހަމަ މިހާރު ޓެކްސީން ފައިބާށޭ. ހަމަ މިހާރު މިތަނަށް ފައިބާށޭ ބުނެ މަޑުކޮށްލުމަށްފަހު އަޅުގަނޑުމެން ދެމައިން ބާލާފައި ޑްރައިވަރު ދިޔައީ.'' ނޫސްވެރިޔާ ބުންޏެވެ.

އަދި ތަކުރާރުކޮށް އެވަގުތު އެތަނަށް ފައިބަން އެންގުމަށްފަހު ޓެކްސީ މަޑުކޮށްލުމުން ނޫސްވެރިޔާ އާއި އޭނާގެ ދަރިފުޅު ފައިބައިގެން ހިނގާފައި އެނބުރި އެއާޕޯޓް ސަރަހައްދަށް ދިޔަ ކަމަށް ނޫސްވެރިޔާ މައުލޫމާތު ދީފައި ވެއެވެ.

މިއަމަލު ހިންގާފައިވަނީ 4721 ނަމްބަރު ޓެކްސީ ޑްރައިވަރެވެ. މިއީ 1414 ގެ ޓެކްސީ ޑްރައިވަރެއް ކަމަށް އެ ސެންޓަރުން ވަން އޮންލައިން އަށް ކަށަވަރުކޮށްދިނެވެ.

އެމައްސަލައިގައި 1414އަށް ނޫސްވެރިޔާ ފޯނުކޮށްފައި މައުލޫމާތު ދިނުމުން ޑްރައިވަރު ކަންކުރި ގޮތާ މެދު ހިތާމަކުރާ ކަމަށާއި އެކަމާ މެދު ނޫސްވެރިޔާއަށް ފެންނަ ގޮތަކަށް ޑްރައިވަރުގެ މައްސަލަ ކަމާބެހޭ ފަރާތަށް އެންގުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް އެސެންޓަރުން މައުލޫމާތު ދީފައި ވެއެވެ. އަދި ޓެކްސީން މީހުން ބޭލުވި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް އެސެންޓަރުން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ސެޕްޓެމްބަރު މަހު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35 ރުފިޔާ ކަމަށެވެ. އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކުން ނެގޭނީ 40 ރުފިޔާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ޓެކްސީ ޑްރައިވަރުން އެގަވާއިދާއި ހިލާފަށް، އިންތިހާއަށް ބޮޑެތި އަގުތައް ނަގަމުންދާތީ ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟