ޕީޕީއެމްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޚާބުކޮށްފިއެވެ.
ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިޚާބުކޮށްފައި ވަނީ ޗެނަލް 13 ފިޔަވައި އެހެން މީޑިއާތަކަށް ސިއްރުކޮށްގެން މިހާރު ދަރުބާރުގޭގައި ބާއްވަމުންގެންދާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް ޔާމީން އެކަންޏެވެ.
ޕީޕީއެމްގެ ރައީސް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުންނަވަނިކޮށް، ސިވިލް ކޯޓުން ކުރި ހުކުމެއްގެ ދަށުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޔާމީނާ ވަނީ ޕާޓީގެ ހިންގުން ހަވާލުކޮށްފައެވެ. އޭރު ޔާމީނާ ޕާޓީގެ ހިންގުން ހަވާލުކުރީ އެމަނިކުފާނަކީ ޕާޓީގެ މުސްތަޝާރު ކަމަށްވާތީއެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން މުސްތަޝާރަކީ ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގަންނަވާ ބޭފުޅާއެވެ.
އެއަށްފަހު ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި މައުމޫނަށް ވަފާތެރި މެމްބަރުން ވަނީ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި ޕާޓީން ވަކިކޮށް، ޔާމީނަށް ވަތާތެރި ބޭފުޅުން ވަނީ ކައުންސިލަށް އައްޔަން ކޮށްފައެވެ. އެ މައްސަލަގަނޑުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ރައީސް މައުމޫން ސޮއިކުރެއްވިއެވެ.
އެއީ ޕީޕީއެމްގެ ފިކުރާ ޚިލާފު ކަމެއް ކަމަށް ބުނެ، ސުލޫކީ މައްސަލައެއް ބެލުމަށްފަހު މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މައުމޫން ވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ މިއަދު ބާއްވާފައި މިވަނީ އެ ޖަލްސާ ހުއްޓުވައިދިނުމަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވަނިކޮށެވެ.