އިބްރާހިމް ޒަކީ
ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ކައުންސިލްތައް މިހާރުން މިހާރަށް އުވާލައި، ރައްޔިތުންގެ މަޖިލިސް ވެސް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އުފައްދާފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދިނުމުގެ މައްސަލައިގައި ވާހަކަ ދައްކަަވަމުން ޖާބިރު ވިދާޅުވީ، ހަރަދު ކުޑަ ކުރުމުގެ މޮޑެލްއެއް ޕްލޭނިން މިނިސްޓަރު ރާއްޖޭގައި ހިންގަން ޖެހޭނެ ކަމަށެވެ.
އެގޮތުން ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލައި، އެލްޖީއޭ އުވާލަންވީ ކަމަށާއި ރައްޔިތުންގެ މަޖިލިސްވެސް މިހާރަށް ވުރެ ކުޑަކޮށް، ވަޒީރުންގެ މަޖިލިސް ވެސް މިހާރަށްވުރެ ކުޑަ ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ސއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބޯޑަރު ބަންދުކޮށް، މާލެ ސަރަހައްދު ލޮކްޑައުން ކޮށް، އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ފުނޑި ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ބިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި، އެހެންކަމުން އާމްދަނީ ހޯދާނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ދާ ޖަގައިހެން މަސްވެރިކަން ކުރުމަށް ހުޅުވާލެއްވުމަށްވެސް ޖާބިރު ގޮވައިލެއްވިއެވެ.
ޖާބިރު ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރަށް ބަލާއިރުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރީގެ ހާލަތަށް ރުޖޫއަ ވާނެކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.