ޓެކްނޮލޮޖީ

ލޮކޭޝަން އޮފްކޮށްލިޔަސް ފޭސްބުކުން ޓްރެކް ކުރާކަން ފަޅާއަރައިފި

މުހައްމަދު އައުޒަމް

ލޮކޭޝަން އޮފްކޮށްލިޔަސް ފޭސްބުކުން ޓްރެކް ކުރާކަން ފަޅާއަރައިފިއެވެ.

ފޭސްބުކް ބޭނުންކުރާ ގިނަމީހުން އެމީހުން އުޅޭތަން ސިއްރުކުރުމުގެ ގޮތުން ލޮކޭޝަން އޮފްކޮށްލައެވެ. ނަމަވެސް ޔުނިވާސިޓީ އޮފް ސައުތު ކެލިފޯނިއާގެ ޕްރޮފެސަރަކު މިވަނީ ލޮކޭޝަން އޮފްކޮށްލިޔަސް ފޭސްބުކުން އެމީހާ އަބަދުވެސް ޓްރެކް ކުރާކަން ފަޅާއަރުވައިލައިފައެވެ.

ޕްރޮފެސަރ ކްރޮލޮވަރ އޭނާގެ ދިރާސާގެ މައުލޫމާތު ހިއްސާ ކުރަމުން ބުނީ ޝައްކު ކުރެވޭ ކަންތައްތަކެއް ދިމާވުމުން އޭނާ ވާނުވާ ބަލަން ދިރާސާކުރީ ކަމަށެވެ. އެގޮތުން ފޭސްބުކްގެ ލޮކޭޝަން އޮފް ކުރުމަށްފަހު އެއްވެސް ތަނަކަށް ޗެކިންގ ވެސް ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ކްރޮލޮވަރއަށް ފާހަގަކުރެވުނީ އޭނާ އުޅޭ ސަރަހައްދުގެ މުހިންމު ތަންތަން ފޭސްބުކުން ފެންނަން ފެށިކަމެވެ. މިކަން ކަށަވަރުކުރުމަށް ކްރޮލޮވަރ ވަނީ އެކި ސަރަހައްދު ތަކުގައި މިކަން ބަލައިފައެވެ.

ކްރޮލޮވަރ ބުނީ އޭނާ ޕާކަކަށް ޒިޔާރަތް ކުރިޔަސް އެތަނެއްގެ އިޝްތިހާރު ފޭސްބުކުން ފެންނަކަމަށެވެ. މިއީ ލޮކޭޝަން ޓްރެކްކޮށްގެން ކުރާކަމެއްކަން ވަނީ ފާހަގަކުރެވިފައެވެ.

ކްރޮލޮވަރ ކުރި ދިރާސާއިން އެނގުނު ގޮތުގައި ފޭސްބުކުން ލޮކޭޝަން އޮފްކޮށްލިނަމަވެސް އައިޕީ އެޑްރެސް ބޭނުންކޮށްގެން ޓްރެކް ކުރެއެވެ.

އައިޕީ އެޑްރެސް އަކީ ކޮންމެ ޑިވައިސްއެއްގެ ރަޖިސްޓަރީ ނަމްބަރެއް ގޮތަށް ބޭނުން ކުރާ އެޑްރެސް އެކެވެ. އައިޕީ އެޑްރެސް ބޭނުންކޮށްގެން އެ ޑިވައިސް ބޭނުން ކުރާ ސަރަހައްދާއި ޒިޕް ކޯޑު ފަދަ ޓްރެކް ކުރެވޭނެ ގޮތް ހޯދެއެވެ.

ދިރާސާއިން ދެއްކި ގޮތުގައި މިކަމުން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ އެޑިވައިސްއަކުން ފޭސްބުކް ޑިލީޓްކޮށްލުމެވެ.