އިބްރާހިމް ޒަކީ
މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި، ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަަވަރު ކުރުމަށް އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.
މިކަން ބަލައި ދިނުމަށް އެދި، އުޝާމް އެންއައިސީގެ ރައީސް އަހުމަދު ސުލެއިމާނަށް ފޮނުވާފައިވާ ސިޓީއެެއްގައި ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ކުށުގެ ވެށީން ހައްޔަރުކޮށް، ހިނގައިދިޔަ ކަންކަމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކަންކަން ކޮށްފައި ވަނީ މިފަދަ މައްސަލަ ތަކުގައި މީގެ ކުރިން އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހިލާފަށް ކަންވެސް މި މައްސަލައިގައި މިހާތަނަށް ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި ފުލުހުން އަމަލު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުން އަންނަނީ ބައެއް ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ، ފުލުހުންގެ އިދާރާ ފަދަ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު ކަންކަން ބަލައި، ތަހުގީގު ކުރުމާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަކަށް ބެލުމަކީ އެންއައިސީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވެސް ބުނެފައި ވެއެވެ.
ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބެލުމަށް ވަނީ ނިންމައިފައެވެ. އެ މައްސަަލަ ބަލަން އެޖެންޑާ ކޮށްފައިވަނީ މާދަމާ 2:00 ގައި އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށެެވެ.
ސަފާރީގެ ރޭޕްކޭސްއާ ގުޅިގެން ފުލުހުން ހައްޔަރު ކުރުމަށްފަހު 39 އަހަރުގެ ދެ ދިވެހިން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ އިއްޔެ ދޫކޮށްލީ، އެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބޭތިއްބުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށް ދޫކޮށްލި ދެ ފިރިހެނުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިމީހާ ހިމެނޭކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ދެމީހުންކަމުން ރޭޕްގެ މައްސަލައިގެ ކުރިޔަށް ނުދާ ކަމަށްވެސް ސޯޝަލް މީިޑީއާގައި މީހުން އަންނަނީ ބުނަމުންނެވެ. މިމައްްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހާމަ ކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
ސާފާރީގައި ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއެމް) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފައެވެ.