އިބްރާހިމް ޒަކީ
މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި، ފުލުހުންގެ އިހުމާލެއް ވޭތޯ، ބެލުމުގެ މަސައްކަތް ނޭޝަނަަލް އިންޓަގްރިޓީ ކޮމިޝަނުން ކުރަމުން ގެންދޭތޯ ބެލުމަށް، މާދަމާ އެކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލެ ސަފާރީ ރޭޕް ކޭސްގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ކުރަމުންދާކަމެއް އޮތްތޯ ބެލުމަށް މާދަމާ އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބެލުމަށްވެސް ވަނީ ނިންމައިފައެވެ. އެ މައްސަަލަ ބަލަން އެޖެންޑާ ކޮށްފައިވަނީ މާދަމާ 2:00 ގައި އޮންނަ އެ ކޮމިޓީގެ ބައްދަލުވުމަށެެވެ.
ސަފާރީގެ ރޭޕްކޭސްއާ ގުޅިގެން ފުލުހުން ހައްޔަރު ކުރުމަށްފަހު 39 އަހަރުގެ ދެ ދިވެހިން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ އިއްޔެ ދޫކޮށްލީ، އެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބޭތިއްބުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށް ދޫކޮށްލި ދެ ފިރިހެނުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޝަންގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިމީހާ ހިމެނޭކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ދެމީހުންކަމުން ރޭޕްގެ މައްސަލަ ކުރިޔަށް ނުދާ ކަމަށްވެސް ސޯޝަލް މީިޑީއާގައި މީހުން އަންނަނީ ބުނަމުންނެވެ. މިމައްްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހާމަ ކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
ސާފާރީގައި ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއެމް) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފައެވެ.