ރައްޔިތުންގެ މަޖިލިސް

ރޭޕިސްޓުން ދޫވުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެ ޖިންސީ ކުށުގެ ގާނޫނުން ބައެއް އުނިކުރަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ގާނޫނުގެ އެ މާއްދާ އިން ބައެއް އުނިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ގާނޫނުގެ އެ މާއްދާ އިން ބައެއް އުނިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

އެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި މީކާއީލް ބިލު ހުށަހަޅުއްވާފައި ވަނީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) (ރ) އަދި (ބ) އުނިކުރުމަށެވެ.

އެއީ ރޭޕްގެ ޝިކާރައަކަށް ވާ ފަރާތުުގެ އަހުލާގާއި އުޅުމަށް ބަލައި، ރޭޕްކުރި މީހާއާ ދެކޮޅަށް ހުށަހަޅާ ހެކި، ނަފީ ކުރުމުގެ ގާނޫނީ ބާރު ކޯޓަށް ލިބިދޭ ގޮތަށް ލިޔެފައިވާ ބައެވެ.

ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބުނަނީ، ކުށުގެ ޝިކާރައަކަަށް ވީ ފަރާތުގެ ނަފްސުގެ އަބުރުވެރި ކަމާއި އަހުލާގާއި ގުޅުން ހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލު ކުރެވޭ ފަދަ ހާލަތެއް ކޯޓަށް ފާހަގަ ވުމެވެ.

(ރ) ގައި ބުނެފައިވަނީ ކުށުގެ ޝިކާރައަކަށް ވީ ފަރާތާއި ކުށުުގެ ތުހުމަތު ކުރެވޭ ފަރާތުގެ ވާހަކަޔަށް ރިއާޔަތްކުރާއިރު، ތުހުމަތު ކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާ ކަމަށް ކޯޓަށް ގަބޫލު ކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން (ބ) ގައި ބުނަނީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތާމެދު ކުށުގެ ތުުހުމަތު ކުރެވުމުގެކުރިން، އޭނާ އާއި ކުށުގެ ޝިކާރައަކަށް ވީ ފަރާތާ ދެމެދު އޮތް ގުޅުމަކީ، އަދި އެ ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތު ކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލާތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވޭކަމަށެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މީކާއީލް ވިދާޅުވީ ގާނޫނުގައި އެބައި ހިމެނިފައި އޮންނަ ގޮތުން، ރޭޕިސްޓުން މުޖުތަމައަށް ދޫވުވުގެ އިތުރުން ރޭޕްގެ ޝިކާރައަކަށް ވާ ފަރާތްތައް ރޭޕްގެ މައްސަލަ ރިޕޯޓް ކުރުމަށް ވެސެ ޖެހިލުންވާ ކަމަށެވެ. އަދި ރޭޕްގެ ޝިކާރައަށް ވާ ފަރާތުން ހުށަހަޅާ ހެކި ނަފީ ކުރުމުގެ ބާރުވެސް އޮންނާތީ އެބައި އުނިކުރަން އިސްލާހު ހުށަހެޅުއްވީ ކަމަށް މީކާއީލް ވިދާޅުވިއެވެ.

މި އިސްލާހު ގެނައުމަށް މީކާއީލް ހުށަހަޅާފައި މިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭ ފަޅުގައި އޮތް ފެރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަަލައެއް ފެންމަތި ވެ އެ މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން ބަލަން އެޖެންޑާ ކޮށްފައި ވަނިކޮށެވެ.