ވިޔަފާރި

ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ބީއެމްއެލްގެ އިތުރު އޭޓީއެމް ސެންޓަރެއް ގާއިމު ކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ސްޓާ ސިނަމާ (މ. ސްޓާ ކްލައުޑް) އިމާރާތުގައި ބީއެމްއެލްގެ އިތުރު އޭޓީއެމް ސެންޓަރެއް ގާއިމުކޮށް، ބީއެލްއެމްގެ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި 24 ގަޑައިރުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ މި ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް އެކުލެވޭ ތިން އޭޓީއެމް ހިމެނެއެވެ. އެގޮތުން މި އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ނެގުމުގެ ހިދުމަތް، ފައިސާ/ޗެކް ޖަމާ ކުރުމުގެ ހިދުމަތް އަދި ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އޭޓީއެމް ސެންޓަރަކީ މުޅި ރާއްޖެއަށް ބޭންކިންގެ ވިއުގަ އިތުރަށް ފުޅާ ކުރުމަށް ކުރާ އިންވެސްޓުމަންޓުގެ ދަށުން ގާއިމް ކުރި އޭޓީއެމް ސެންޓަރެއް ކަމަށެވެ.

މީގެ އިތުރުން ބޭންކިންގެ އެކި ހިދުމަތަށް ހޯދުމަށް ބެންކުގެ ބްރާންޗަކަށް ދިއުމުގެ ބަދަލުގައި މި ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ކަމަށް ޓިމް ވިދާޅުވި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަތޮޅުތެރެޔަށް ކުރާ އިންވެސްޓުމަންޓު އިތުރަށް ފުޅާ ކުރުމުގެ ގޮތުންނާއި. މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އިތުރު ހަތަރު ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓިމް ވިދާޅުވި ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗު، 56 އޭޓީއެމް ސެންޓަރު، 119 އޭޓީއެމް، އަދި 227 ކޭޝް އެޖެންޓުން ބޭންކިންގް ވިއުގައުގައި ހިމެނޭކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.