އެޓަރނީ ޖެނެރަލް

ފުލުހުންގެ ބިލަށް ސަރުކާރުން އިތުރު 40 އިސްލާހު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިގެން، އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި މިހާރު އިސްލާހު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން އިތުރުން 40 އިސްލާހު ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބިލަށް މި އިސްލާހުތައް ހުށަހަޅާފައި ވަނީ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ. އޭޖީ އޮފީހުގެ ފަރާތުން ކޮމިޓީއަށް މި އިސްލާހުތައް ހުށަހެޅުއްވީ އެ އޮފީހުގެ ކައުންސެލް ޖެނެރަލް އައިޝަތު ނައީމު އާއި ޑެޕިއުޓީ ކައުންސެލް ޖެނެރަލް އައިޝަތު މުހައްމަދުއެވެ.

އެ ބޭފުޅުން ވިދާޅުވީ އެ އިސްލާހު ތަކަކީ، ފުލުހުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހޯމް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ބިލަށް އިތުރަށް ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ.

ސަރުކާރުން ބިލަށް ހުށަހަޅާފައިވާ އިސްލާހު ތަކުގެ ތެރޭގައި، ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަށާއި، އެ ކޮމިޓީން ނިންމާ ނިންމުންތައް އސިްތިއުނާފު ކުރުމަށް ކޮމިޓީއެއް އުފެއްދުމުގެ އިތުރުން، ހަދަން ޖެހޭ ގަވާއިދުތައް ހެދުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަށް އޮތް ތަން ބަދަލުކޮށް އަކަން މިނިސްޓަރަށް ދިނުން ހިމެނެއެވެ. ޕޮލިސް ބޯޑު އެކުލެވިގެންވާ ގޮތް ހުށަހެޅުންވެސް ހިމެނެއެވެ.

ލާމަރުކަޒީކޮށް ހިދުމަތް ފޯރުކޮށް ދިނުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީގޮތުން އިންތިޒާމު ކުރެވިގެން ވާންވާނީ މުޅި ރާއްޖެއަށް ބެހިފައިވާ ވަކި ވަކި ބައިތަކެއްގެ މައްޗަށް ކަމަށާއި އެގޮތަށް ބެހިގެންވާ ބައިތައް ކަނޑައަޅާނީ، މިނިސްޓަރުގެ ލަފަޔާއެކު ކޮމިޝަނަރު ކަމަށް އޮތްތަން، އެކަން ކަނޑައަޅާނީ ކޮމިޝަނާގެ ލަފާގެ މަތިން މިނިސްޓަރު ކަމަށް ބަދަލުކުރުމަށްވެސް ވަނީ ހުށަހަަޅައިފައެވެ.

މީގެ އިތުރުން ފުލުހުންގެ ރޭންކުތަކަށް، ބަދލުގެނެސް، ކޮންސްޓަބަލުންނާއި ކޯޕްރަލްގެ ރޭންކު ބިލުން އުނިކުރަންވެސް ވަނީ ހުށަހަޅައިފައެވެ.

ބިލުން 241 ކޮމިޓީއަށް ދީފައިވާ ބައެއް ކަންތައްތަކަށްވެސް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. ފުލުހުންގެ ހިދުމަތުން ވަކި ވުމަށްފަހު ފަސް އަހަރު ނުވަނީސް އަލުން ފުލުހުންގެ ހިދުމަތަށް ނުކުންނަ ފަރާތްތައް ޓްރެއިނިން ހަދަން ނުޖެހޭ ގޮތަށްވެސް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

މީގެ އިތުރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ރާއްޖެއިން ބޭރުގައި ހެކި ހޯދުމަށް ފުލުހުން މަސައްކަތްކުރުމަށް އޮން ބަޔަށްވެސް އޭޖީ އޮފީހުން ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.