މުނިފޫހިފިލުވުން

އަންކިތާ ހުރީ ސުޝާންތުއަށް ޓަކައި ކެރިއަރ ދޫކޮށްލަންވެސް ތައްޔާރަށް

އީމާ މުހައްމަދު ވަހީދު

މިމަހުގެ 14 ވަނަ ދުވަހު ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާއިރު، އޭނާއާއި ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭގެ ގުޅުމާ ގުޅޭގޮތުން މިވަނީ އެދެމީހުންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ސަންދީޕު ސިންގު އިންޓަވިއުއެއް ދީފައެވެ.

ސަންދީޕު ސިންގް ބުނީ، އަންކިތާ އަދި ސުޝާންތުއަކީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައި ތިބި ދެމީހުން ކަމަށެވެ. އަންކިތާ އާއި ސުޝާންތުއާ އޮތް ގުޅުން ކެނޑުނު ނަމަވެސް، ސުޝާންތު ކުޅުނު ފިލުމުތަކަކީ ހިޓް ފިލްމުތަކަކަށް ވޭތޯ އަންކިތާ ދުއާ ކުރި ކަމަށެވެ.

ސަންދީޕު ބުނީ އަންކިތާ އަކީ ސުޝާންތުގެ ލޯބިވެރިޔާ އެކަނި ނޫން ކަމަށެވެ. މަންމަޔަކު ދަރިފުޅަށް އަޅައިލައި ބަލާ ހެން އަންކިތާ ސުޝާންތު ބެލި ކަމަށެވެ. އަދި އޭނާ ފިލްމީ ދާއިރާގައި 20 އަހަރު މަސައްކަތް ކޮށްފައިވާއިރު، އަންކިތާ ކަހަލަ ކުއްޖަކާ ދިމާ ނުވާ ކަމަށެވެ. ސުޝާންތުއަށް އެހެެން މީހަކު ނުބަލާ ވަރަށް އަންކިތާ ބެލިކަން ފާހަގަކުރަމުން ސަންދީޕު ބުނީ ސުޝާންތު ސަލާމަތް ކުރެވުނީހީ ހަމައެކަނި އަންކިތާ އަށް ކަމަށެވެ.

ސަންދީޕު ބުނީ އަންކިތާގެ މުޅި ދުނިޔެއަކީ އޭރު ސުޝާންތު ކަމަށާއި، ސުޝާންތު އަށްޓަކައި ކެރިއަރ ދޫކޮށްލަންވެސް އަންކިތާ ހުރީ ތައްޔާރަށް ކަމަށެވެ. ސަންދީޕު އިތުރަށް ބުނީ ސުޝާންތު އަމިއްލައަށް މަރުވި ހަބަރު ލިބުމުން އެންމެ ފުރަތަމަ ވެސް ހާސްވީ އަންކިތާއަށް ވާނެ ގޮތް ވިސްނާފައި ކަމަށެވެ.