ސުޝާންތު ސިންގުރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވުމާއި ގުޅިގެން ބޮލީވުޑް ތެރޭގައި ނެޕްޓިޒަމް އޮތް މިންވަރާއި ބެހޭ ގޮތުން އެތައް ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ. ބޮލީވުޑްގައި ހުރިހާ ފުރުސަތެއް ދެނީ މަޝްހޫރު ތަރިންގެ ދަރިންނަށް ކަމަށްބުނެ އާއްމުން އަންނަނީ ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަ ގިނަ މަޝްހޫރު ތަރިންގެ ދަރިން ބޮއިކޮޓް ކުރަން ގޮވާލައިފައެވެ.
ބޮލީވުޑް ތެރޭގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭ ގޮތުން މަޝްހޫރު ތަރިން ވެސް އަންނަނީ އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ. އެގޮތުން ފަރްހާނު އަޚްތަރު ވެސް މިވަނީ ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
ފަރްހާނު ބުނީ ސުޝާންތުގެ މަރާ ގުޅޭ ވާހަކަތަކާއި، އޭނާ އަމިއްލައަށް މަރުވީ ކީއްވެކަމާ ބެހޭގޮތުން ވާހަކަދައްކަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. ފަރްހާނު ބުނީ، މަޝްހޫރު ތަރިންގެ ދަރިންނަށް ފިލްމުތަކުން ފަސޭހައިން ފުރުސަތު ލިބޭކަން އޭނާވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންނަަމަވެސް ބޮލީވުޑްގައި ނާކާމިޔާބީ އާއި ކާމިޔާބީގެ ބައިވެސް އޮންނަ ކަމަށް ފަރުހާން ބުންޏެވެ.
މީގެ އިތުރުން ފަރްހާނު ބުނީ، ފިލްމީ އާއިލާއަކަށް ނިސްބަތްވާ ނުވާ ތަރިންނާއި މެދު ބޮލީވުޑްގައި އަބަދު ކަންތައް ކުރަނީ ގޯސްކޮށް ނޫން ކަމަށާއި، ފިލްމީ އާއިލާތަކަށް ނިސްބަތްވާ ތަރިންވެސް ބައެއް ފަހަރު ބޮލީވުޑްގައި އެކަނި ވާކަމަށެވެ.