ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބަޔާން އިން ރޭ ރަށުން ބޭރުގައި ވުލްފްސްބާގް އަތުން 4-0 ން މޮޅުވެ ލީގު ކަށަވަރު ކުރިއިރު މިއީ އެޓީމުން ޖެހި ޖެހިގެން ލީގު ހޯދި އަށް ވަނަ ފަހަރެވެ. މީގެ ކުރިން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އަށް ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑު އޮތީ ޔުވެންޓަސްގެ އަތުގައި އެކަންޏެވެ. ނަމަވެސް ބަޔާނަކީ މިހާރު އެ ރެކޯޑު ހެދި ދެވަނަ ޓީމެވެ.
ލީގުގައި ރޭ ބަޔާން މިއުނިކުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައި އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ތޯމަސް މުލާގެ އެހީއާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ކޯމަންގެ އެހީއާއެކު މިކޭލް ކިއުސަންސް ވަނީ ބަޔާން އަށް ލީޑު ފުޅާކޮށްދީފައެވެ.
ފަހު ހާފުގައި މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުގެ ޖޯސޫހާ ގިލަވޯގީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ތެރެއިން ބަޔާންގެ މިކޭލް ކިއުސަންސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ބަޔާން އަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގެ ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީއެވެ. މި މެޗުގައި ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މުލާއެވެ. މެޗް ނިމުނީ 4-0 ގެ ނަތީޖާ އަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.
އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބޮރޫޝީއާ ޑޯޓްމުންޑަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ބަޔާނުން ލީގު ނިންމާލީ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ.