އިނގިރޭސި އެފްއޭ ކަޕްގައި ރޭ ނޯވިޗް ސިޓީ އާ ދެކޮޅަށް ކުޅެ މެންޗެސްޓާ ޔުނައިޓެޑުން އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ. މެޗް ނިމުނީ 2-1 ގެ ނަތީޖާ އަކުން ނެވެ.
ރޭގެ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1-1 ގެ ނަތީޖާ އަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތު ކުޅެގެންނެވެ.
ރޭގެ މެޗް ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ނަތީޖާ ބަދަލުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ ދެވަނަ ހާފްގައި މެޗްގެ 51 ވަނަ މިނެޓުގައެވެ. ޔުނައިޓެޑްގެ އޮޑިއޮން އިގާލޯ ވަނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ 1-0 އަކަށް ބަދަލުކޮށްލައިފައެވެ. ޔުނައިޓެޑުން ލަނޑު ޖެހިތާ 26 ވަރަކަށް މިނެޓް ފަހުން ނޯވިޗްގެ އެމިލިއާނޯ ބުއެންޑިއާގެ އެހީތެރިކަމާއި އެކު ޓޮޑް ކާންޓްވެލް ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗްގެ 89 ވަނަ މިނެޓުގައި ނޯވިޗްގެ ޓިމް ކްލޯސް އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
ދެވަނަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. އެހެންކަމުން މެޗްގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފް ވަނީ ކުޅެފައެވެ. ސެމީން ޖާގަ ހޯދި ލަނޑު އިތުރު ވަގުތުގެ ފަހު ހާފުނިމެން ކައިރިވެފައި ވަނިކޮށް އެންތޮނީ މާޝިއަލްގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ ޔުނައިޓެޑްގެ ހެރީ މަގުއިރޭ އެވެ.
އިނގިރޭސި އެފްއޭ ކަޕްގައި މާދަމާ ތިން މެޗް ކުޅޭނެ އެވެ. ރާއްޖެ ގަޑިން 17:00 ގައި ޝެފީލްޑް ޔުނައިޓެޑާއި އާސެނަލް ބައްދަލު ކުރާއިރު، 20:00 ގައި ލެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރާނެއެވެ. އަދި 22:30 ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާނެ އެވެ.