އަލީ ޔާމިން
ތެލެސީމިއާ ކުދިންނަށް އިހުމާލުވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެކުދިންނަކީ އަނެކުންގެ އެހީތެރިކަމާއި ކުލުނާއި ލޯތްބަށް އިންތިހާއަށް ބޭނުންވާނެ ކުދިންނެވެ. ހަދިޔާކޮށްލެވޭ އެންމެ ލޭ ތިއްކަކުންވެސް އެކުދިންގެ ފުރާނަ ސަލާމަތްކޮށްލެވިދާނެއެވެ. ތެލެސީމިއާ ކުދިންގެ އާހުގެ އަޑަކީ ގިނަ ބަޔަކު އެ އަޑަށް ބީރު ކަންފަތެއް ދީފައިވާ އަޑެކެވެ. އެކަން ތެލެސީމިއާ ސެންޓަރު ހުންނަ އިމާރާތުގެ ބޭރަށް ބަލައިލިޔަސް އެހުރީ ފެންނާށެވެ. އެ އިމާރާތުގެ ކުލަ ހަސްފަސްވެ ބާވެ ފެހި ޖަހައިފައިވާއިރުވެސް އެތާނގައި ކުލަކޮޅެއް ހާކާލައި އާބާތުރަފިލުވާލާނެ ވަގުތެއް ސަރުކާރަކަށް ނުވިއެވެ. ތެލެސީމިއާ ބައެއް ކުދިން ސިފަކުރާ ގޮތުގައި އެއީވެސް އެކުދިންގެ ދެރަކަން ދައްކުވައިދޭ ކަމެކެވެ.
ތެލެސީމިއާ ކުދިން އަންނަނީ އެކި ގޮތްގޮތުން އެކުދިންގެ އާހުގެ އަޑު ސަރުކާރަށް އިއްވުމަށް މަސައްކަތް ކުރަމުންނެވެ. އެކި މަންސަތައް ބޭނުންކޮށްގެނެވެ. މަތީ ފަޑީގެ އެކި ބޭފުޅުން މެދުވެރިކޮށެވެ. ރައްޔިތުންގެ މަޖިލީހަށް ސިޓީބިޓީ ފޮނުވައިގެންނެވެ. މި ހުރިހާ ކަމެއް އެކުދިން ކުރާއިރުވެސް އެކުދިންގެ ހަގީގީ މައްސަލައަށް މިއަދާ ހަމައަށްވެސް ވަނީ ހައްލެއް ނުލިބިއެވެ. އެކަން މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެޝަނަލް ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމާ ގުޅިގެން، ތެލެސީމިއާ ޒުވާނަކު ކުރި ޓުވީޓުތަކުންވެސް ހާމެވެގެން ދިޔައެވެ.
"މަނިކުފާނު (ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު) ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމުން އުފާވި، އަދި އެކަން ބަލައިވެސް ގަންނަން. އެކަމަކު އަޅުގަނޑުގެ އެހެން އެކުވެރިން މަނިކުފާނަށް ޝުކުރު އަދާކުރި ގޮތަށް، އަޅުގަނޑަށް އެކަން ކުރެވޭކަށް ނެތް. މި ބަޔާންކޮށްލަނީ ބައެއް ސަބަބުތައް،" އެ ޒުވާނާގެ ޝަކުވާތައް ފަށަމުން ކުރި ޓުވީޓުގައި ބުންޏެވެ.
ބާރަ އަހަރު ދުވަސްވަންދެން ހިފަހައްޓާފައި ހުރި ޝަކުވާތައް ޓުވީޓާއަށް ބަންޑުންކޮށްލަމުން އެ ޒުވާނާ ބުނީ، ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތަކާއި އެކުދިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރަން އެޕޮއިންޓްމަންޓެއް ހަމަނުޖެހުނު ހަމައެކަނި ރައީސަކީ، ރައީސް ނަޝީދު ކަމަށާއި އެހެންކަމުން ތެލެސީމިއާ ކުދިންގެ ހާލު ބަލަން ރައީސް ނަޝީދު ވަޑައިގަންނަވަންވީ މިއަދު ނޫން ކަމަށެވެ.
"މަނިކުފާނު ތިޔަ ވަޑައިގަތީ 12 އަހަރު ފަހުން. މަނިކުފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގަންނަވަންވީ ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު. އަޅުގަނޑުމެން މަސައްކަތް ކުރިން ނަމަވެސް އެއިރު މަނިކުފާނަށް ވަގުތެއް ނުވި،" އެ ޒުވާނާ ބުނެފައިވެއެވެ.
ތެލެސީމިއާ ކުދިންގެ ޝަކުވާތައް ސިޔާސީ ނުކުރުމަށް އެދެމުން އެ ޒުވާނާ ބުނީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ބިލު ތަސްދީގުކުރުމަށް ފޮނުވި ތިން ފަހަރުވެސް، ރައީސްކަމުގައި ހުންނަވައި ނަޝީދު އެ ބިލު ތަސްދީގުނުކޮށްނުދެއްވި ކަމަށާއި އެކަމުންވެސް ތެލެސީމިއާ ކުދިންނާ މެދުވެފައިވާ އިހުމާލު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ މެޑިކަލް ސަޕްލައި ނުލިބި ތިން މަހަށް ވުރެ ގިނަ ދުވަސްވެގެން ދިއުމާއިި ތެލެސީމިއާ ކުދިންގެ ޝަކުވާތައް ބަޔާންކޮށް ރައީސް ނަޝިދަށް ފޮނުވި އެއްވެސް ސިޓީއަކަށް މިއަދާ ހަމައަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމުގައި އެ ޒުވާނާ ބުންޏެވެ.
ޒުވާނާ ބުނީ، ތެލެސީމިއާ ސެންޓަރަށް ރައީސް ނަޝީދު ޒިޔާރަތްކުރެއްވި ނަމަވެސް އެ ސެންޓަރުގެ އަނދިރި ފަރާތް ރައީސް ނަޝީދަށް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންގެ ޝަކުވާތަކުގެ އަޑު އެހުމުގެ ބަދަލުގައި ރައީސް ނަޝީދު ބޭނުންފުޅުވީ އެތަން ދޫކުރައްވައި އަވަހަށް ވަޑައިގެންނެވުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ.
"މަނިކުފާނު ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުން ފެނިވަޑައިގަންނަވާނީ، ސެންޓަރުގެ ވެރިން މަނިކުފާނަށް ދައްކަވަން ބޭނުންވި އެއްޗެއް. މަނިކުފާނު ވަޑައިގަތުމުގެ ކުރިން، ސެންޓަރުގެ އަސްލު ހާލަތު ވަނީ ފޮރުވާފައި. ދެން ފަހަރަކުން ކުއްލި ޒިޔާރަތެއް ކޮށްލައްވައިފިނަމަ ބޮޑު މަަންޒަރު ފެނިވަޑައިގަންނަވާނެ،" އެ ޒުވާނާ ބުންޏެވެ.
މީގެ އިތުރުން ޒުވާނާ ބުނީ، ތެލެސީމިއާ ކުދިންނަށް ދިމާވާ މައްސަލަތަކަށް އެއްވެސް ސަރުކާރަކަށް ހައްލެއް ހޯދައިދެވިފައިނުވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދައިދީފިނަމަ އުމުރު ދުވަހަށް އެކަމަށް ޝުކުރުވެރިވާނެ ކަމަށެވެ. ޒުވާނާގެ ވާހަކަ ނިންމާލީ އެހާ ހިސާބުންނެވެ.
ތެދެކެވެ. ތެލެސީމިއާ ކުދިންނާ މެދުވެފައިވާ އިހުމާލު ބޮޑެވެ. ތެލެސީމިއާ ހުންނަ މީހުންގެ ހަށިގަނޑުގައި ދަގަނޑު ހުންނަ މިންވަރު ހިފެހެއްޓުމަށް ކާންޖެހޭ ސިޓްރޮޕޯންގެ އެންމެ ފަހުން ދޫކުރި ބޭހުގެ ފެންވަރު ދަށްކަމުގެ ކަންބޮޑުވުންވެސް އެކުދިން ފާހަގަކުރެއެވެ. އެކުދިންގެ އުންމީދަކީ އެކުދިންގެ ޝަކުވާތަކަށް އަވަސް މުއްދަތެއްގައި ހައްލެއް ލިބިގެން ދިއުމެކެވެ.