ކުޅިވަރު

ހަކީމީ އިންޓަމިލާން އަށް ދާން އުޅޭކަމުގެ އަޑުތަކެއް

އައިދާ އަބްދުލް ހަކީމް

ރެއާލް މެޑްރިޑްގެ ޒުވާން ޑިފެންޑަރު އަޝްރަފް ހަކީމީ އިންޓަމިލާން އަށް ދާން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ. އިންޓަމިލާންގެ ކޯޗު އެންޓޮނިއޯ ކޮންޓޭ ވެސް ވަނީ ހަކީމީގެ ކުޅުމަށް ތައުރީފުކޮށް އޭނާ އެޓީމަށް ގެންނަން ވަރަށް ބޮޑަށް ބޭނުންވާކަން ބުނެފައެވެ.

ރެއާލުން ލޯނުގެ އުސޫލުން ޑޯޓްމަންޑް އަށް 2018 ވަނަ އަހަރު ދޫކޮށްފައިވާ ހަކީމީ ވިއްކައިލުމަށް ރެއާލް އާއި އިންޓަ މިލާން އިން އެއްބަސް ވެފައިވާ ކަމަށް ސްކައި ސްޕޯޓްސް އިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދެ ކުލަބުން 40 މިލިއަން ޔޫރޯގެ އަގަކަށް ހަކީމީ ވިއްކައިލުމަށް އެއްބަސް ވުމަކަށް އާދެވިފައިވާ ކަމަށް ވެސް އެނޫހުގައި ވަނީ ބުނެފައެވެ.

ހަކީމީ ރެއާލްގެ ޔޫތު ޓީމާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ 2017 ވަނަ އަހަރު ރިއާލްގެ ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައިފައެވެ. ރެއާލް އިން ވަނީ 2018 ވަނަ އަހަރު ލޯން އުސޫލުން ޑޮޓްމަންޑަށް ދޫކޮށްފައެވެ. އެޓީމާ ގުޅުމަށްފަހު އޭނާ ވަނީ އެ ޓީމަށް މިހާތަނަށް 53 މެޗު ކުޅެދީ ޖަރުމަނު ލީގުގައި މިހާތަނަށް ހަތް ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މީގެ އިތުރުން 21 އަހަރުގެ ޒުވާން ޑިފެންޑަރު ހަކީމީ ހޯދުމަށް ޖަރުމަނުގެ ބަޔާން މިޔުނިކް އާއި މެންޗެސްޓާ ޔުނައިޓެޑް އިންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ޑޯޓްމަންޑްގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ހަކީމީ އަށް އަންނަ ސީޒަން ގައި ވެސް ރެއާލްގެ ފުރަތަަމަ އެގާރައިން ޖާގަ ނުލިބޭނޭކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.