އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 82

އަބްދުﷲ ފާރޫގް ހަސަން

3

(25 ޖޫން ގެ އަދަދާ ގުޅޭ)

ހަތަރުފަރާތުން مثــنّـى އަށް ތާއީދުކޮށް އަޑުއުފުލޭން ފަށައިފިއެވެ. އެތަކެއް ވޮލަންޓިޔަރުން އެކަލޭގެފާނާ ބައިވެރިވާން ތައްޔާރުވެއްޖެއެވެ. ދެން ހުށަހެޅުނީ ލަޝްކަރުގެ އިސްވެރިކަމުގެ މައްސަލައެވެ. މަދީނާގެ އަހުލުވެރީންގެ އަޣުލަބިއްޔަތުގެ ޚިޔާލުފުޅަކީ މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން ނުވަތަ އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ދަރަޖަ މަތިވެރި ޞަޙާބީއަކު އެމަގާމަށް ޢައްޔަންކުރެއްވުމެވެ. ނަމަވެސް عمـر رضى اللّـه عنــه ވިދާޅުވިއެވެ. "أبو عبيدة ވަނީ ޖިހާދުގެ ދަޢުވަތަށް އިޖާބަދެއްވުމުގައި އިސްނަންގަވައިފައެވެ. އެހެންކަމުން ލަޝްކަރުގެ ވެރިކަން އެކަލޭގެފާނާ ޙަވާލުކޮށްފީމެވެ."

أميـرالمؤمنـين ގެ އިޢުލާނަށްފަހު ހާޒިރުވެވަޑައިގެން ތިއްބެވި ޞަޙާބީންގެ ލޯފުޅުތައް ހުއްޓުނީ مثــنّـى ގެ މޫނުފުޅަށެވެ. ބައެއް ބޭކަލުން ހީފުޅުކުރެއްވީ أبو عبيدة ޢައްޔަންކުރެވުމަކީ އެކަލޭގެފާނުގެ ޙައްޤުފުޅަށް ލިބުނު އުނިކަމެއް ކަމުގައި مثــنّـى ދެކެވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް އެކަލޭގެފާނުގެ މޫނުފުޅުމަތީގައި ދެރަފުޅުވުމުގެ ނުވަތަ ހިތްޕުޅާ ނުވުމުގެ ކުޑަވެސް އަސަރެއް ނެތެވެ. އެކަލޭގެފާނުގެ މޫނުފުޅުމަތީ ން ފާޅުވޭވޭހުރީ ހިނިތުންވެވަޑައިގަތުމެވެ. އެކަލޭގެފާނުގެ މޫނުފުޅުމަތީން ގަދަހެކި ފެންނާންހުރީ އެމަތިވެރި މުޖާހިދުގެ ހިތްޕުޅުގެ ތަނަވަސްކަމުގެ މައްޗަށެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މަޤްޞަދު ޤިޔާދަތަށް އެދުންވެރިވެވަޑައިގެންނެވުމަށްވުރެ މާމަތިވެރިކަމުގެ މައްޗަށެވެ.

عمـر الفاروق رضى اللّـه عنــه ވިދާޅުވިއެވެ. "مثــنّـى އެވެ! ކަލޭގެފާނު އިތުރަށް މަޑުކުރެއްވުމުގެ ބޭނުމެއް ނެތެވެ. ކަލޭގެފާނު ހަމަ މިއަދުމެ ފުރައިވަޑައިގަންނަވާށެވެ. أبو عبيدة ވަރަށް އަވަހަށް ކަލޭގެފާނާ ބައްދަލުކުރައްވާނެއެވެ."

مثــنّـى بــن حــارثـــة رضى اللّـه عنــه ގަޑިޔެއްހައި އިރުތެރޭގައި ހީރަތަށް ދަތުރު ފައްޓަވައިފިއެވެ. أميـرالمؤمنـين އެދުވަހުގެ އިރުއޮއްސުމުގެ ކުރީން ޤަބީލާތަކުގެ އަމީރުންގެ ނަންފުޅުގައި ފަތްތޫރަ ހިންގައިލެއްވިއެވެ. މުރުތައްދުވުމަށްފަހު ތައުބާވެގެން ޖިހާދުގައި ބައިވެރިވާން އެދޭމީހުންނަކަށް މިހާރަކު އެއްވެސް މަނާކުރެވުމެއްނެތެވެ. އެމީހުން ވަނީ ކުރީގެ ހުރިހައި ހުރަސްތަކަކުންނާއި އިސްތިސްނާތަކަކުން ނެއްޓި މިނިވަންވެފައެވެ. مثــنّـى ހީރަތަށް ވަޑައިގެންނެވުމާއެކު އެކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންނެވީ އީރާނުގެ ލަޝްކަރެއް ނަރުސީގެ ވެރިކަމުގެ ދަށުގައި ދިޖުލާ ކޯރާއި ފުރާތު ކޯރާ ދެމެދުން ކަސްކަރަށް ދަތުރުކުރާ ވާހަކައެވެ. ދެވަނަ ލަޝްކަރު ޖާބާނުގެ ވެރިކަމުގައި ފުރާތު ކޯރުގެ އައްސޭރީން ހީރަތަށް އަންނަ ވާހަކައެވެ. مثــنّـى ބޭނުންފުޅުވީ أبو عبيدة ވަޑައިގަންނަވަންދެން މުސްލިމުންގެ ބުރަކަށި ޙިމާޔަތް ކުރައްވާށެވެ. ލަޝްކަރުގެ ފަހަތް ރައްކާތެރިކުރައްވާށެވެ. އެހެންކަމުން އެކަލޭގެފާނު ހީރަތުން ނުކުމެވަޑައިގެން ސަހަރާއާވީ ފަރާތުން ޚައްފާނުގައި މުޢަސްކަރު ހައްދަވައިފިއެވެ. އެއަށްފަހު أبو عبيدة އަށް އިންތިޒާރު ކުރައްވަމުން ގެންދެވިއެވެ.

أبو عبيدة މަދީނާއިން ފުރައިވަޑައިގެންނެވީ ހަތަރުހާސް މުޖާހިދުންނާ އެކުގައެވެ. ނަމަވެސް ދަތުރުފުޅު ކުރެއްވި މަގުމަތީގެ މަންޒިލުތަކުން އެތަކެއްހާސް ވޮލަންޓިޔަރުންނެއް އެކަލޭގެފާނާ ބައިވެރިވަމުން ދިޔައެވެ. އެހެންކަމުން އެލަޝްކަރު ޚައްފާނަށް އައިއިރު ލަޝްކަރުގެ ޢަދަދުވަނީ ދިހަހާހަށް އަރައިފައެވެ.

މުސްލިމުން ހީރަތު ހުސްކޮށް ސަހަރާއާވީ ފަރާތަށް ފަހަތަށް ޖެހުމުން މަދާއިނުގައި ދިޔައީ އެކަމާ އުފާފާޅު ކުރަމުންނެވެ. މަދާއިނުގެ އަހުލުވެރީން ހީކޮށްގެންތިބީ ޖާބާނާއި ނަރުސީގެ ލަޝްކަރު މުސްލިމުން ޢިރާޤުން ބޭރުކޮށްލެވެންދެން އެބައިމީހުންގެ ކުރިޔަށްދިޔުން ދަމަހައްޓާނެ ކަމުގައެވެ.

+ + + + +

ޒަރުބަޚުތު ހުންނެވީ މަދާއިނުގެ ޖަލުގައެވެ. ބަރުދާސްތު ނުކުރެއްވޭފަދަ ހިތާމަފުޅާއި ފިކުރުފުޅު ބޮޑުވުމުގެ ސަބަބުން އޭނާގެ ސިކުނޑިފުޅާއި ޖިސްމާނީ ބާރުފުޅު ދިޔައީ ވަޅޯވަމުންނެވެ. އޭނާ ޖަލުގައި ހޭދަކުރެއްވި އެންމެފުރަތަމަ ހަފްތާ ހޭދަކުރެއްވީ ބިމުއަޑީގައިހުރި ވަރަށް ކުޑަކުޑަ އަނދިރި ކޮޓަރިޔެއްގައެވެ. މިހާރުވަނީ ހަމަބިމުގައިހުރި ނިސްބަތުން ތަނަވަސް ކޮޓަރިޔަކަށް އޭނާ ބަދަލުކުރެވިފައެވެ. އެކޮޓަރީގައި ކޯރާ ދިމާޔަށް ހުޅުވޭ ކުޑަދޮރެއް ހުއްޓެވެ. ވަރަށް ހަނިހަނި ދޮރެކެވެ. ނަމަވެސް އެކުޑަދޮރުގެ ދަގަނޑު ތޭރިތަކުގައި ހިފަހައްޓަވައިގެން ހުންނަވައި އޭނާއަށް ތާޒާ ވައިގެ ތެރެޔަށް ނޭވާފުޅު ލެއްވެއެވެ. އެކޮޓަރިޔަށް ބަދަލުކުރެވުނުފަހުން އޭނާގެ ފަރީއްކޮޅުވެސް އާއްމު ޤައިދީންގެ ކެއުމަށްވުރެ ރަނގަޅެވެ.

އޭނާ އެއްވެސް ފާރަވެރިޔަކާ ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ފާރަވެރީންނާ ވާހަކަ ދައްކަވައިގެން ބޭރުތެރޭގެ ޚަބަރުތައް ހޯއްދަވާކަށެއްވެސް މަސައްކަތްޕުޅެއް ނުކުރައްވައެވެ. އަނިޔާ ލިބިވަޑައިގަންނަވަމުންދާކަމާއި އާރެއްބާރެއް ނެތްކަމުގެ އިޙްސާސްވަނީ އޭނާގެ ތުންފަތްޕުޅުގައި ސިލް ޖަހައިފައެވެ. އޭނާ އާ ކޮޓަރިޔަށް ބަދަލުކުރެވުނީ ރޭގަނޑެއްގައެވެ. މިހާރު އޭނާއަށް ތާޒާ ވައިގެ ލުއިލުއި ރޯޅިތަކެއްގެ ފިނިކަން އިޙްސާސްކުރެއްވެއެވެ. އޭނާ އެތައްދުވަހެއްގެ ފަހުން ތަރިތަކުގެ ހިނިތުންވުން ބައްލަވާން ހުންނެވިއެވެ. އެރޭ ވަރަށްގިނައިރުވަންދެން އޭނާގެ އަރިހަކަށް އަވަހާރަފުޅެއް ނާދެއެވެ.

އޭނާއަށް ހެނދުނު ހޭފުޅުލެއްވެވުނުއިރު ފާރަވެރީންގެ ދެމީހުން ތިއްބެވެ. އޭނާ ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ފާރަވެރީންގެ އެކަކު އޭނާގެ ކުރިފުޅުމަތީގައި ފަރިއްކޮޅު ތަށި ބަހައްޓައިފިއެވެ. އޭނާ ބުންޏެވެ. "މިއަދު ކަލާ ވަރަށްގިނައިރު އަވަހާރަފުޅު ލައްޕަވައިފީމުއެވެ."

ޒަރުބަޚުތު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ފާރަވެރީން ބޭރަށް ނުކުމެއްޖެއެވެ. ކޮޓަރީގެ ވަރުގަދަ ދަގަނޑު ދޮރު ލައްޕައިލައިފިއެވެ. ޒަރުބަޚުތު އޭނާގެ ކުރިފުޅުމަތީގައިހުރި މީރު ކާނާއިން ފުރާލައިފައިވާ ތައްޓާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއާއެކު އޭނާގެ މުޅި ހަށިކޮޅު ރޫރޫއަޅައިގަތެވެ. އޭނާއަށް އެނގިވަޑައިގަންނަވައެވެ. ޖަލުގައި އާއްމުކޮށް މިބާވަތުގެ ރިޢާޔަތްތައް ދެނީ އެމީހަކު މަރަން ނިޔާކަނޑައެޅުމުންނެވެ. "މިއީ އަހަންނަށް ދެވޭ އެންމެފަހުގެ ޖާފަތެވެ." އޭނާ ހިތްޕުޅުން ވިދާޅުވިއެވެ. އޭނާގެ ލޯފުޅުގެ ކުރިމަތީގައި މަރުގެ އަނދިރިކަން ފެތުރިއްޖެއެވެ. އޭނާ ތުރުތުރު އަޅައިވަޑައިގަންނަވަމުން ތެދުވެވަޑައިގެންފިއެވެ. އޭނާ ކުޑަދޮރުގެ ދަގަނޑު ތޭރިތަކުގައި ހިފަހައްޓަވައިފިއެވެ. "ނޫނެކެވެ. މިހެންނަކުން ނުވެވޭނެއެވެ. އަހަރެން ދިރިހުންނާން ބޭނުމެވެ. އަހަންނަށް ލިބެމުންމިދާ އަނިޔާތަކާއި އަހަރެންގެ އާރެއް ބާރެއް ނެތުމާއި ނިކަމެތިކަމާއެކުވެސް ދިރިހުންނާން ބޭނުމެވެ. އަހަންނަކީ ކުށެއްނެތް މީހަކީމެވެ. އޭނާއަށް އަހަރެން ޤަތުލެއް ނުކުރެވޭނެއެވެ."

އޭނާ ކުޑަދޮރުން ދުރަށް އެއްކައިރިޔަށް ޖެހިވަޑައިގެން ކޮޓަރީގެ ބޮޑުދޮރުމަތީގައި ހުންނަވައި ހަޅޭފުޅު ލައްވަވަން ފަށްޓަވައިފިއެވެ. ހަމައެއާއެކު ދޮރު ހަލާކުކޮށްލެއްވޭތޯވެސް މަސައްކަތްކުރައްވަން ފަށްޓަވައިފިއެވެ. އޭނާގެ ހަޅޭފުޅު އެންމެފަހުން ބަދަލުވީ ގިސްލެއްވެވުމަށެވެ. އޭނާގެ އަތްޕުޅުގައި ވާގިނެތި އަތްޕުޅު އައްސިވެއްޖެއެވެ. އެހައިތަނުން ބޭރުން ފާރަވެރީން ދުވާ އަޑު އޭނާއަށް އިވިވަޑައިގެންފިއެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ޖަލުގެ ބަނޑޭރި ފާރަވެރީންގެ ހަތިޔާރުއެޅި ހަތަރު މީހުނާއެކު އެކޮޓަރިޔަށް ވަދެއްޖެއެވެ.

"ކީއްވީތޯއެވެ؟" ޖަލުގެ ބަނޑޭރި ސުވާލުކުރިއެވެ.

ޒަރުބަޚުތު ވޭނީ އަޑުފުޅަކުން ސުވާލު ކުރެއްވިއެވެ. "އަޅުގަނޑު އޮޅުންފިލުވަން ބޭނުންވަނީ އަޅުގަނޑަށް ދިރިހުރެވޭނީ ކިހައިއިރެއްވަންދެންކަމެވެ. އަޅުގަނޑު ދަންޖައްސަވަން ހަމަޖައްސަވައިފައިވަނީ ކޮންތަނެއްގައި ކަމެވެ."

ޖަލުގެ ބަނޑޭރި ފާރަވެރީންނާ ދިމާޔަށް އިޝާރަތްކޮށްލައި ބުންޏެވެ. "ތިޔަބައިމީހުން ބޭރަށް ނުކުންނާށެވެ. ދޮރުލައްޕައިލާށެވެ." ފާރަވެރީން އަމުރަށް ކިޔަވަންވިއެވެ. ބަނޑޭރި ޒަރުބަޚުތާ މުޚާޠަބުކޮށް ވާހަކަ ދައްކާން ފަށައިފިއެވެ. "ކުޑަކުޑަ އަނދިރި ކޮޓަރިޔެއްގައި ކަލާ އޮންނެވިއިރު ކަލާގެ ކެތްތެރިފުޅުކަމާއި ހިތްވަރުފުޅު ގަދަކަމާމެދު އަޅުގަނޑު ހައިރާންވިއެވެ. އެކަމަކު މިހާރު ކަލާއާމެދު ޝާހީ މެހުމާނެކޭ އެއްގޮތަށް ޢަމަލުކުރާން ފެށުމުން ޒަޚަމުވެފައިވާ ކުޑަކުއްޖަކު ފަދައިން ހަޅޭފުޅު ލައްވަވަން ފަށްޓަވައިފީމުއެވެ. ކަލާ ދަންޖައްސަން އުޅޭކަމަށް ކަލާއަށް ހީފުޅުކުރެއްވުނީ ކީއްވެގެންތޯއެވެ."

ޒަރުބަޚުތު އޭނާއަށް ގެނެސްފައިހުރި ފަރީއްކޮޅު ތަށްޓަށް އިޝާރަތް ކުރައްވައިފައި ވިދާޅުވިއެވެ. "މިއީ އަޅުގަނޑުގެ އެންމެފަހުގެ ޟިޔާފަތެއް ނޫންތޯއެވެ؟"

ނޫނެކެވެ. "ފާރަވެރިޔަކު ކަލާއާ ސަމާކުރި ކަމުގައިވާނަމަ އަޅުގަނޑު ކަލާގެ ކުރިފުޅުމަތީގައި އެމީހެއްގެ ހަންދަމައިލާނަމެވެ."

ޒަރުބަޚުތު ތުރުތުރުއަޅާ އަތްޕުޅަކުން ބަނޑޭރީގެ މުލައްދަނޑީގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "އެމީހުން އަޅުގަނޑަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ސަމާސާއެއް ނުކުރެއެވެ. އެކަމަކު އަޅުގަނޑުގެ ދިރިއުޅުން ނިންމައިލާން ނިޔާކަނޑައެޅިފައިވާނަމަ އަޅުގަނޑު މިހިރީ އެވާހަކަ އަޑުއަހަން ތައްޔާރަށެވެ."

ބަނޑޭރި ޖަވާބު ދިނެވެ. "އަޅުގަނޑަށް ޔަޤީންކަން އެރުވިދާނެއެވެ. ކަލާއަށް މަރުގެ އަދަބެއް ނުދޭނެއެވެ. އަދި މީގެފަހުން ކަލާއާމެދު ޢަމަލުކުރެވޭނީ އާއްމު ޤައިދީންނާ އެއްގޮތަކަށެއްވެސް ނޫނެވެ. ކަލާ ރުސްތުމުގެ ބައްޕާފުޅު ޤަތުލުކުރުމުގެ ރޭވުމުގައި ބައިވެރިވެވަޑައިނުގަންނަވާކަން ރުސްތުމަށްވަނީ ޔަޤީންވެވަޑައިގެންފައެވެ. ކަލާއާ ބެހޭގޮތުން އާޒަރުމީދުޚުތު ދެއްވި ބަޔާނާ އެއްގޮތަށް ޝާހީ ކިއްލާގެ ޚާދިމުންނާއި ޚުވާޖާސަރާއިން ވަނީ ހެކިދީފައެވެ."


ޒަރުބަޚުތުގެ ލޯފުޅުން ކަރުނަފޮދު ނީރައިލުމާއެކު ވިދާޅުވިއެވެ. "އާޒަރުމީދުޚުތު އަޅުގަނޑާ އެއްކޮޅަށް ބަޔާންދެއްވިތޯއެވެ؟"

"އާދޭހެވެ!"

"އެކަމަނާ ދުނިޔޭގައި އެބައިންނެވިތޯއެވެ؟"

"އާދޭހެވެ. އެކަމަނާ ދުނިޔޭގައި އެބައިންނެވިއެވެ. އެކަމަކު އެކަމަނާ އަވަހާރަވުމަށްވުރެ އެކަމަނާގެ މިހާރުގެ ހާލުކޮޅު މާދެރައެވެ. އެކަމަނާގެ ދެލޯފުޅުވަނީ ކޮނެލެވިފައެވެ."

"އެކަމަނާ އަދިވެސް އިންނެވީ ޖަލުގައިތޯއެވެ؟" ޒަރުބަޚުތު ބެދިފައިވާ އަޑުފުޅަކުން ސުވާލުކުރެއްވިއެވެ."

"ނޫނެކެވެ. ލޯފުޅުގެ އަލިކަމުން މަޙްރޫމް ކުރެވުމަށްފަހު އެކަމަނާ ޖަލުގައި ބައިންދަން ބޭނުންވާ ވަރަކަށް ސިކުނޑިފުޅު ރަނގަޅެއް ނޫނެވެ. އެހެންކަމުން މަލަކާ ޕޫރާންދުޚުތު ވަނީ އާޒަރުމީދުޚުތުގެ އަމިއްލަފުޅު ގަނޑުވަރަށް އެކަމަނާ ބަދަލުކުރައްވައިފައެވެ. އަޅުގަނޑު އަޑުއަހައިފައިވާ ގޮތުގައި މަލަކާ ބޭނުންފުޅުވީ ކަލާވެސް ދޫކޮށްލައްވާށެވެ. ނަމަވެސް ރުސްތުމު ކަލާ ޖަލުގައި ބަހައްޓަވަން ގަދަހައްދަވަނީއެވެ. އިއްޔެ ހެނދުނު މަލަކާގެ ފަރާތްޕުޅުން އަޅުގަނޑަށްވަނީ ކަލާ ޖަލުގައި ހުންނަވާއިރު އެއްވެސް އުނދަގޫފުޅެއްވިޔަ ނުދޭން އަމުރު އައިސްފައެވެ. ކަލާ މިހިރަ ފަރީއްކޮޅު ހިތްޕުޅު ހަމަޖެހިވަޑައިގެން ފަރީއްކުޅުއްވާށެވެ. ރޭގައި ކަލާގެ އަރިހަށް ނާދެވުނީތީ އަޅުގަނޑު ހިތާމަކުރަމެވެ. މިއަދު ކަލާ ހަޅޭފުޅު ނުލެއްވި ނަމަވެސް މެންދުރާ ހަމަޔަށް އަޅުގަނޑު ކަލާގެ އަރިހަށް އައީމުހެވެ."

"އަޅުގަނޑު ޖަލުގައި ބަހައްޓަވާނީ ކިހައިދުވަހަކުތޯއެވެ؟"

"އަޅުގަނޑަކަށެއް ނޭނގެއެވެ. މިހާރު ސަރުކާރުގެ ހުރިހާ ބާރުތަކެއްއޮތީ ރުސްތުމުގެ އަތްޕުޅުގައެވެ. އޭނާ ބޭނުންފުޅުވީ ކަލާ ޤަތުލު ކުރައްވާށެވެ. ނަމަވެސް މަލަކާ ޕޫރާން މައްސަލައިގެ ތެރެއަށް ވެދެވަޑައިގެންނެވުމުން ކަލާގެ ފުރާނަފުޅު ސަލާމަތްވީއެވެ. ނަމަވެސް ރުސްތުމު ހުންނެވީ އޭނާގެ ބައްޕާފުޅު ޤަތުލުވީ ކަލާގެ ފަރުވާކުޑަކަމުގެ ސަބަބުންކަން ހަނދުމަފުޅު ނައްތައިލައްވަން ތައްޔާރަކަށެއް ނޫނެވެ."

"ރުސްތުމުގެ ނަންފުޅުގައި އާދޭހުގެ ސިޓީފުޅެއް ލިޔާން އަޅުގަނޑަށް ހުއްދަ ދެއްވާނުތޯއެވެ؟"

"އަޅުގަނޑަށް ހުއްދަ ދެވިދާނެއެވެ. އެކަމަކު މިވަގުތު ތިޔައީ އެއްވެސް ބޭނުމެއްހުރި ކަމެއް ނޫނެވެ. ކަލާއަށް ލިޔުއްވޭން އޮންނާނެ ވާހަކައަކީ އާޒަރުމީދުޚުތުއާއި ސިޔާދުޚަޝްގެ ރޭއްވެވުމުގައި ކަލާ ބައިވެރިވެވަޑައިނުގަންނަވާ ވާހަކައެވެ. އެއީ މިހާރު ވަންހަނާވެފައިއޮތް ކަމެއް ނޫނެވެ. ރަނގަޅަށް ސާބިތުވެފައި އޮތްކަމެކެވެ. ކަލާގެ ކުށެއް ނެތްކަމަށް ހެކިދީފައިވަނީ ގަނޑުވަރުގެ ޚާދިމުންނާއި ސިޔާދުޚަޝްގެ ނޯކަރުން އެކަންޏެއް ނޫނެވެ. ސިޔާދުޚަޝްގެ އަމުރަށް އެމީހެއްގެ ގާތުގައި ކަލާ ބަންދުކޮށްފައި ބެހެއްޓި ބިންވެރިޔާވެސް ވަނީ ކަލާގެ ދިފާޢުގައި ހެކިބަސްދީފައެވެ."

"އޭނާވެސް ހައްޔަރުކުރެއްވުނީތޯއެވެ؟"

"އޭނާ ހައްޔަރުކުރިއެވެ. ނަމަވެސް ރުސްތުމު އޭނާގެ ބަޔާން އަޑުއެއްސެވުމަށްފަހު އޭނާ ދޫކޮށްލައްވައިފިއެވެ. އަޅުގަނޑަށް ޔަޤީނެވެ. ރުސްތުމު ކަލާވެސް މާގިނަ ދުވަހަކު ޖަލުގައި ބަހައްޓަވާކަށް ބޭނުންފުޅެއް ނުވާނެއެވެ. އީރާނުގެ މަލަކާގެ އިތުރަށްވެސް ކަލާއަށް ހެޔޮއެދޭ އަދި ހަމްދަރުދީވާ މީހުން ޖަލުން ބޭރުގައި ވަރަށްގިނައިން އެބަތިއްބެވެ. އެބައިމީހުން ކަލާގެމަތީން ހަނދާން ނައްތައެއް ނުލާނެއެވެ. އެބައިމީހުން ކޮންމެވެސް ދުވަހަކުން ރުސްތުމުގެ ޚިޔާލުފުޅު ބަދަލުކުރުވާނެއެވެ. އެކަމަކު ކަލާއަށް އެންމެ ރަނގަޅުވާނީ މިވަގުތު ހިމޭނުން ހުންނެވުމެވެ."

"އަޅުގަނޑަށް ނުވިސްނުނުކަމަކީ އަޅުގަނޑަކީ ކުށެއްނެތް މީހެއްކަން މަލަކާއަށް ޔަޤީންވެވަޑައިގަންނަވާއިރު އެކަމަނާގެ ރުހިވަޑައިގެންނެވުމާ ޚިލާފަށް ރުސްތުމަށް އަޅުގަނޑު ޖަލުގައި ބެހެއްޓެވެނީ ކޮންގޮތަކުންކަމެވެ."

"އެކަމަނާފާނުގެ ތަޚުތުގެ ހުރިހައި ބަރެއް އެޅިފައިވަނީ ރުސްތުމުގެ ކޮނޑުފުޅުގައިކަންވެސް މަލަކާއަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ރުސްތުމު ރުހިވަޑައިނުގަންނަވާ ގޮތަކަށެއް އެކަމަނާފާނަކަށް އެއްވެސް އަމުރުފުޅެއް ނުނެރުއްވެވޭނެއެވެ."

"މަލަކާގެ އިތުރަށްވެސް އަޅުގަނޑާމެދު ހަމްދަރުދީވާ އެތައްބަޔަކުވެސް ތިބިވާހަކަ ކަލާ ވިދާޅުވީމުއެވެ. އެއީ ކޮންބައެއްތޯއެވެ؟"

"އެއީ ކަލާގެ ރަޙުމަތްތެރީންނެވެ. އޭގެތެރެއިން އަޅުގަނޑު ދަންނަނީ އެންމެ ޒުވާނެކެވެ. އޭނާގެ ނަމެއް މިވަގުތަކު ފާޅެއް ނުކުރާނަމެވެ. އޭނާ މަދާއިނަށް ވަޑައިގެންނެވުމާއެކު ކަލާގެ އަރިހަށް ވަޑައިގަންނަވާނެއެވެ. މިއަދުވެސް ކަލާގެ އަރިހުގައި އަޅުގަނޑު ވަޢުދުވަމެވެ. ކަލާ މިތާނގައި ހުންނެވިހައިދުވަހަކު ކަލާއަކީ އާއްމު ޤައިދީއެއްކަމުގައި އިޙްސާސްވެވަޑައިގެންނެވިޔަކަ ނުދޭނަމެވެ. ކަލާ އެދިވަޑައިގަންނަވާ ކަންތައްތަކުގެ ތެރެއިން އެކަމެއް ފުރިހަމަކުރުމުގެ އިޚްތިޔާރު އަޅުގަނޑަށް ލިބިގެންވާ އެއްވެސްކަމެއް ފުރިހަމަކޮށްނުދީ ރައްދެއް ނުކުރާނަމެވެ."

ޒަރުބަޚުތުގެ ހިތްޕުޅު އުންމީދު ފުރިގެންދިޔުމާއެކު ވިދާޅުވިއެވެ. "މިވަގުތުވެސް އަޅުގަނޑުގެ ވަރަށްބޮޑު މުހުތާދެއް އެބައޮތެވެ. ކަލާއަށް އެކަން ފުރިހަމަކޮށްދެއްވޭނެ ނަމައެވެ. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ކޮއްކޯފުޅުގެ ހާލުކޮޅު އޮޅުންފިލުވާށެވެ. އޭނާގެ ނަންފުޅަކީ ماه بانو އެވެ. އޭނާ ވަނީ ކޮންމެވެސް ތަނެއްގައި ފިލައިވަޑައިގެންފައެވެ. އޭނާ މަދާއިނުގައި ވަޑައިގެން ނެތްކަމުގައިވާނަމަ ފުރޭބުރުޒުގެ ދަނބިދަރިކަލުންގެ އަރިހުގައި އަސްފަހާނުގައި އިންނެވުމަކީ އެކަށީގެންވާ ކަމެކެވެ. ކަލާއަށް އޭނާގެ ޚަބަރެއް ހޯއްދަވައިދެއްވިއްޖެނަމަ އަޅުގަނޑު ވަރަށް އުފާވާނެއެވެ. އެއީ އަޅުގަނޑަށް ކޮށްދެއްވޭ ވަރަށްބޮޑު އިޙްސާންތެރިކަމެއް ކަމުގައި ވާނެއެވެ."

(ނުނިމޭ)