ކުޅިވަރު

ތާވަލްގެ އެއް ވަނައިގައި ޔުވެންޓަސް އަށް 7 ޕޮއިންޓުގެ ލީޑެއް

އައިދާ އަބްދުލް ހަކީމް

އިޓާލިއަން ލީގުގައި ލެއްޗޭ 4-0 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އިން ހަތް ޕޮއިންޓަށް ލީޑް ފުޅާކޮށްފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގެ 31 ވަނަ މިނެޓުގައި ލެއްޗޭގެ ފަބިއޯ ލޫސިއޯނީ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން މެޗްގެ ބާކީ ބައިގައި އެޓީމު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. މެޗުގައި ޔުވެންޓަސްގެ ހަތަރު ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ.

ޔުވެންޓަސްގެ ފުރަތަމަ ގޯލު 53 ވަނަ މިނެޓުގައި ޖެހީ ޕައޮލޯ ޑިބާލާ އެވެ. ދެވަނަ ގޯލަކީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗްގެ 62 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލެކެވެ. މިއީ ރޮނާލްޑޯ މި ސީޒަނުގައި ކާމިޔާބުކުރި 23 ވަނަ ލީގު ގޯލެވެ. ލީގުގައި އެންމެ ފަހުން ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ވަނީ ޕެނަލްޓީއަކުން ގޯލެއް ކާމިޔާބު ކޮށްފައެވެ.

ޔުވެންޓަސްގެ ތިން ވަނަ ގޯލަކީ މެޗުގެ 83 ވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޖެހި ގޯލެކެވެ. ޔުވެންޓަސްގެ ފަހު ގޯލު އޭގެ ދެ މިނެޓު ފަހުން ޑަގްލަސް ކޯސްޓާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ގޯލަށް ވައްދާލީ ޑިފެންޑަރު މަތިއެސް ޑި ލިޓް އެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސްއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ލާޒިއޯ އިން މިއަދު ފިއޮރެންޓީނާ ބަލިކޮށްގެން އެއް ވަނައިގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

ރޭ ހޯދި މި މޮޅާ އެކު ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ލިބިގެންނެވެ. ދެ ވަނައިގައި އޮތީ 27 މެޗުން 62 ޕޮއިންޓް ލިބިފައިވާ ލާޒިއޯ އެވެ. ތިން ވަނަ 27 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިންޓަ މިލާން އަށް ލިބޭއިރު ހަތަރު ވަނައިގައި އޮތް އެޓަލާންޓާ 27 މެޗުން 54 ޕޮއިންޓް ވަނީ ލިބިފަ އެވެ.