ވައިބާ އިން ފޭސްބުކް އާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައިފިއެވެ.
ވައިބާ އިން ވަނީ ފޭސްބުކް ކަނެކްޓް ގެ އިތުރުން ފޭސްބުކް އެސްޑީކޭ އަދި ޖިފީތައްވެސް ނެގުމަށް ނިންމައިފައެވެ. މީގެ އިތުރުން ވައިބާއިން ފޭސްބުކް ގައި ހިންގަމުން ގެންދާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓައިލުމަށް ވަނީ ނިންމައިފައެވެ.
ފޭސްބުކްގައި "ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" ނަމުގައި ހިންގަމުން އަންނަ ހަރަކާތާ ގުޅިގެން ގިނަ ކުންފުނިތަކަކުން އަންނަނީ މި ކެމްޕެއިންގައި ބައިވެރިވެ ފޭސްބުކް އާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑަމުންނެވެ.
"ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" ކެމްޕެއިން އަކީ ދާދި ފަހުން އެމެރިކާގައި ކުރިޔަށް ދިޔަ މުޒާހަރާތަކާއި ގުޅިގެން ހަ ޖަމިއްޔާއަކުން އިސްނަގައިގެން ފައްޓާފައިވާ ހަރަކާތެކެވެ. މި ހަރަކާތުން ވަނީ ކުންފުނި ތަކުން ފޭސްބުކް އާ މެދު ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތްތައް އަންނަ ޖުލައިމަހު މެދުކަނޑާލުމަށް ގޮވާލައިފައެވެ.
"ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" ކެމްޕެއިން ފަށާފައިވަނީ ފޭސްބުކްގައި ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދޭ ލިޔުންތަކާއި އަނިޔާވެރިކަމަށް މަގުފައިވާ ލިޔުންތައް ނުނަގައި އެލިޔުންތައް ޕްރޮމޯޓު ކުރާތީއެވެ. "ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" ކެމްޕެއިން އިން ވަނީ ފޭސްބުކް އިން މި ނުރަނގަޅު ކަންކަން ބޭނުންކޮށްގެން ބޮޑު ފައިދާއެއް ހޯދަމުންދާ ކަމަށްބުނެ މިކަމާ ދެކޮޅަށް އެންމެން ތެދުވުމަށް ގޮވާލައިފައެވެ.
ވައިބާ އިން ބުނެފައިވަނީ ފޭސްބުކް އާ ދެމެދުވެފައިވާ ހުރިހާ ގުޅުމެއް އަންނަ މަހުގެ ކުރީ ކޮޅު ކަނޑައިލަން ނިންމާފައިވާ ކަމަށެވެ.