ވިޔަފާރި

އޯސިއޭނިއާ ރީޖަންގެ "އެއާކްރާފްޓް ރިލެއިބިލިޓީ އެވޯޑް 2019" މޯލްޑިވިއަން އަށް

އަލީ ޔާމިން

ކެނެޑާގެ ޑި ހަވިލޭންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑުން ދޭ "އެއާކްރާފްޓް ރިލެއިބިލިޓީ އެވޯޑް 2019" ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ލިބިއްޖެއެވެ.

މި އެވޯޑަކީ ފްލައިޓް ފުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް އެއްވެސް ލަސްކަމެއްނެތި ފުރާ އެއާލައިންތަކުގެ ތެރެއިން ހޮވައިލެވޭ އެއާލައިންތަކަށް ދޭ އެވޯޑެކެވެ.

މިމަހުގެ 25 ވަނަ ދުވަހު ދިން މި އެވޯޑް މޯލްޑިވިއަން އަށް ލިބިފައިވަނީ 100-300 މަރުކާގެ ބޯޓު ފަހަރުގެ ކެޓަގަރީން އޯސިއޭނިއާ ރީޖަނުންނެވެ. އޯސިއޭނިއާ ރީޖަނުން އެންމެ ރިލެއިބިލިޓީ އެއާކްރާފްޓް އެވޯޑް މޯލްޑިވިއަން އަށް ލިބިފައިވަނީ ޑޭޝް-8ގެ 100-300 މަރުކާގެ ބޯޓު ފަހަރު ހިމެނޭ ކެޓަގަރީންނެވެ.

އެ ކެޓަގަރީން ޔޫރަޕުގެ އެންމެ ރިއަލެބަލް އެއާލައިނަށް ހޮވިފައިވަނީ ވިޑޮރެސް ފްލައިވެސަލްސްކެޕްއެވެ. އަދި ނޯތު އެމެރިކާއިން ހޮވިފައިވަނީ ޕަލް އެއާލައިންނެވެ.

ޑޭޝް-8ގެ 800 މަރުކާގެ ބޯޓުފަހަރު ހިމެނޭ ކެޓަގަރީން އޯސިއޭނިއާ ރީޖަނުން އެންމެ ރިލައިބަލް އެއާލައިނަކަށް ނޯކް އެއާ ހޮވުނު އިރު، ޔޫރަޕުގެ އެންމެ ރިލައިބަލް އެއާލައިނަކީ އައުރޯރާއެވެ. އަދި އޭސިއާ ޕެސިފިކު ސަރަހައްދުގެ އެންމެ ރިލައިބަލް އެއާލައިނަށް އޭއެންއޭ ވިންގްސް ހޮވުނުއިރު އެފްރިކާ އަދި މިޑްލްއީސްޓުން ހޮވިފައިވަނީ ޖަމްބޯ ޖެޓްއެވެ.

ޑި ހަވިލޭންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑުން ބުނީ ޑޭޝް-8 މަރުކާގެ އެއާކްރާފްޓްތަކަކީ ތެޔޮ ހަރަދުކުޑަ އެއާކްރާފްޓްތަކެއް ކަމަށެވެ.