އިނގިރޭސި ކްލަބު ލިވަޕޫލަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކްލަބެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ލިސްޓުގެ ކުރީ ސަފުގައި ލިވަޕޫލު އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އެ ކްލަބުން އެންމެ ދިގު އިންތިޒާރެއް ކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓަށެވެ.
އިިނގިރޭސި ލީގު ތައްޓަކަށް އިންތިޒާރުކުރަމުންދިޔަ މުއްދަތުގެ ތެރޭގައި ލިވަޕޫލުން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ލިވަޕޫލުން ދެ ފަހަރަކު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހިމެނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-1ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވުމާ ގުޅިގެން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެ، އެ ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ދިގު އިންތިޒާރަށް މިވަނީ ނިމުމެއް އައިސްފައެވެ. އިނގިރޭސި ފުޓްބޯޅައިގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރެވިފައި މިވަނީ 30 އަހަރަށްފަހުއެވެ. އަދި މިއީ އިނގިރޭސި ފުޓްބޯޅަ ލީގުގެ ނަން 1992 ވަނަ އަހަރު އިންގްލިޝް ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ނަމަވެސް ލީގުގެ ދިގު ތާރީހުގައި ކްލަބުން 19 ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ.
ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ހަތް މެޗު ބާކީ އޮއްވައެވެ. އެޓީމަށް 31 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ސިޓީއަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ސިޓީން ލީގުގެ ބާކީ ހުރިހާ މެޗެއް ކާމިޔާބުކުރި ނަމަވެސް ލިވަޕޫލާ އަރައި ހަމަނުކުރެވޭނެއެވެ.
ޗެލްސީ އާއި ސިޓީ ރޭ ބައްދަލުކުރި މެޗު ނިމުމާއެކު ލިވަޕޫލުގެ ސަޕޯޓަރުން ވަނީ އުފާފާޅުކުރުންތައް ފަށައިފައެވެ. ސޯޝަލް މީޑިއާގައި އެތައް އަހަރެއް ވަންދެން ކޮންމެ ދުވަހަކުހެން އެހެން ކްލަބުތަކުގެ ސަޕޯޓަރުން ކުރަމުންދިޔަ މަލާމާތްތަކަށް ލިވަޕޫލުގެ ސަޕޯޓަރުން ރައްދުދޭން ފެށިއެވެ. ލިވަޕޫލުގެ ސަޕޯޓަރުން ތިބީ ވަރަށް ވެސް އުފަލުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިވަޕޫލުގެ ސަޕޯޓަރުންނަށް ވަނީ އީދެއް އައިސްފައެވެ. އޭގެ ތެރޭގައި ލިވަޕޫލުގެ ދިވެހި ސަޕޯޓަރުން ވެސް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފާހަގަކޮށްލެވެއެވެ.
ރައީސް މައުމޫން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނަކީ ލިވަޕޫލުގެ ސަޕޯޓަރެކެވެ. ރައީސް ކަމުގައި "ރަން 30" އަހަރު ހޭދަކުރެއްވުމަށްފަހު ވެސް މިހާރު ދިހަ އަހަރު ފާއިތުވެއްޖެއެވެ. ލިވަޕޫލުން އިނގިރޭސި ލީގު ކާމިޔާބުކުރާނެ ދުވަހަކަށް މައުމޫން އިންތިޒާރުކުރައްވާތާ 30 އަހަރުވެއްޖެއެވެ.
"ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވިގޮތުގައި އެމަނިކުފާނު ލިވަޕޫލަށް ސަޕޯޓް ކުރަން ފެށިތާ މިހާރު ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ވެއްޖެއެވެ. ރައީސް މައުމޫން އެންމެ ފުރަތަމަ ލިވަޕޫލަށް ސަޕޯޓްކުރައްވަން ފެށީ އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި އެ ކްލަބު ކުޅެން ފެށި ހިސާބުންނެވެ. ލިވަޕޫލަށް ފުރަތަމަ ސަޕޯޓުކުރައްވަން ފެއްޓެވި ދުވަސްވަރު މެޗުތައް ލައިވް ނުކުރި ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ކްލަބާ ގުޅޭ މައުލޫމާތާއި މެޗުތަކުގެ މައުލޫމާތު ހޯއްދަވަމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭރުއްސުރެ ރައީސް މައުމޫނަކީ ލިވަޕޫލުގެ ސަޕޯޓަރެކެވެ. ރައީސް މައުމޫން ވިދާޅުވިގޮތުގައި މިހާރުވެސް ހާލުކޮޅު ރަނގަޅު ނަމަ، ގަވައިދުން މެޗުތައް ބައްލަވައެވެ.
ލިވަޕޫލުގެ ދިވެހި ސަޕޯޓަރުންނާއެކު އެކި އިވެންޓުތަކުން މީގެ ކުރިން މައުމޫން ފެނިވަޑައިގެންނެވިއެވެ. ސަޕޯޓަރުންނަށް ދައުވަތުދެއްވައިގެން ލިވަޕޫލުގެ ބައެއް މެޗުތައް ބެއްލެވުމުގައި ވެސް ރައީސް މައުމޫން ވަގުތު ހޭދަކުރައްވައެވެ.
ލިވަޕޫލުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނައި ކާމިޔާބީއަށްފަހު، އެކަން ފާހަގަކުރައްވަން ވެސް މައުމޫން ބޭނުންފުޅުވެއެވެ. މައުމޫން ވިދާޅުވިގޮތުގައި ލިވަޕޫލްގެ މި ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަކަށްފަހު ލިބުނު ކާމިޔާބީއެއްކަމުން އެކަން ފާހަގަކުރުމުގެ ގޮތުން ލިވަޕޫލްގެ ކުޅުންތެރިއެއް ގެނެސް ރާއްޖޭގައި ތިބި ލިވަޕޫލް ސަޕޯޓަރުންނާއެކު ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ނިންމަވައިފައެވެ. އެ ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮވިޑް 19އާ ގުޅިގެން ދިމާވެފައި މިވާ ހާލަތު ރަނގަޅުވުމުންނެވެ. މި ހާލަތުގައި ވެސް އޮންލައިންކޮށް ކާމިޔާބީ ފާހަގަކުރުން ކުރިއަށްދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި މި ކާމިޔާބީ ފާހަގަކުރަން ކަންތައްތަކެއް ހިންގާނަން. ވަރަށް ކުލަގަދަކޮށް. އެހެންނަމަވެސް މިވަގުތު ހާލަތު އޮތްގޮތުން ގިނަ މީހުން ތަންތަނަށް ގޮސް އެއްވެ އުޅުމަކީ ރަނގަޅު ކަމެއް ނޫން. އެހެންވީމަ މިވަގުތު އަޅުގަނޑުމެން އޮންލައިންކޮށް އެއްބަޔަކު އަނެއްބަޔަކާއި ވާހަކަދައްކާލައި، އުފާވެރިކަމުގެ ޝުއޫރު ފާޅުކޮށް އެކަންތައްތައް ކުރާނަން. އެހެންނަމަވެސް ހާލަތު ރަނގަޅުވީމަ ﷲ އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ބޮޑަށް މި އިހުތިފާލު ބާއްވާނަން. ހިތަށް އަރައިގެން މިއުޅެނީ ވާން އޮތީ ވިއްޔާ އަޅުގަނޑުމެން ލިވަޕޫލުގެ ކޮންމެވެސް ކުޅުންތެރިޔަކަށް ދައުވަތު ދީގެން ގެނެސް އޭނާ މާލެ ގެނެސް އޭނާއާ އެކީގައި މި ސެލެބްރޭޝަން ބާއްވާނީއޭ. އިރާދުކުރެއްވިޔާ އެކަން ކުރާނަން." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނަކީ ކުޅިވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ފުރަތަމަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދުމަށް ކުރި ދަތުރުގައި ރައީސް މައުމޫނުގެ އެއްބާރުލެއްވުމާއި ތަރުހީބު ފާހަގަކޮށްލެވެއެވެ. ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އެމަނިކުފާނު ވެރިކަމުގައި ހުންނަވަނިކޮށެވެ. ސްރީލަންކާގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި ފައިނަލް މެޗުގައި ގައުމީ ޓީމަށް ތަރުހީބު ދެއްވުމަށް ރައީސް މައުމޫން ދަނޑަށް ވަޑައިގެންނެވިއެވެ. އެ މެޗުގައި ރާއްޖެއަށް މުހުތާރު ނަސީރު (ޓޫކިލޯ) ލަނޑު ކާމިޔާބުކޮށްދިން ވަގުތު ވެގެންދިޔައީ ރައީސް މައުމޫނަށް ލިބުނު އުފާވެރި ވަގުތުކޮޅަކަށެވެ. ލިވަޕޫލަށް އިނގިރޭސި ލީގު ކަށަވަރުކުރެވުނު ވަގުތު ވެސް ވެގެންދިޔައީ ރައީސް މައުމޫނަށް އެފަދަ އުފާވެރި ވަގުތަކަށެވެ.