ކުޅިވަރު

އާސެނަލުން ސައުތެމްޓަން ބަލިކޮށްފި

އައިދާ އަބްދުލް ހަކީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗް 2-0 ގެ ނަތީޖާ އަކުން އާސެނަލުން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކީ އާސެނަލުންނެވެ. އެގޮތުން ފުރަތަމަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ އާސެނަލްގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިން ބުކަޔޯ ސާކާ އޭރު ހުރީ އޮފްސައިޑުގައެވެ. އަދި އޭގެ މިނެޓެއްވަރު ފަހުން އޭރިއާތެރެއަށް ވަދެ އޮބާމިޔަން ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ރޭގެ މެޗުގައި އާސެނަލުން ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައިއެވެ. އެއީ ސައުތެމްޓަންގެ ކީޕަރު މެކާތީ ޖައްސާލި ބޯޅައެއް އެންކެޓިއޭ ފަޔަށް އެރުމުން ހުސްކޮށް ހުރެ އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ސައުތެމްޓަނުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގައި އާސެނަލުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 86 ވަނަ މިނެޓުގައެވެ. އޮބާމިޔަން އަށް އޭރިއަ ބޭރުން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެއް، އާސެނަލްގެ ކީޕަރަށް ކޮންޓްރޯލް ނުވެ ލިބުނު ބޯޅައަކުން އެލަނޑު ކާމިޔާބުކުރީ ޖޯ ވިލޮކްއެވެ.

ރޭގެ މޮޅާއެކު އާސެނަލުން މިހާރު ވަނީ 43 ޕޮއިންޓް ހޯދައި ތާވަލުގެ ނުވަ ވަނައަށް ޖެހިލައިފައެވެ. ކޮވިޑް 19 އާ ގުޅިގެން ލީގުގެ މެޗުތައް މެދުކަނޑާލުމަށްފަހު އަލުން މެޗުތައް ކުޅެން ފެށި ފަހުން ލީގުގައި އާސެނަލުން ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.