މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ ޒުވާން ތަރި، ސުޝާންތު ސިންގު ރާޖުޕުތު ކުޅުނު ފަހު ފިލްމު "ދިލް ބެޗާރާ" ސިނަމާތަކުގައި ރިލީޒްނުކޮށް އޮންލައިން ޕްލެޓްފޯމުތަކުގައި ރިލީޒް ކުރާތީ އެތައް ބަޔަކު މާޔޫސްވެއްޖެއެވެ.
ލީޑްރޯލުން ސުޝާންތު އާއި އެކީ ސަންޖަނާ ސަންހީ ފެނިގެންދާ ދިލް ބެޗާރާ އޯޓީޓީކޮށް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި އެ ފިލްމު ރިލީޒްކުރަން ނިންމުމުން އޭނާގެ ސަޕޯޓަރުން އުފާވި ނަމަވެސް ސުޝާންތު ކުޅުނު ފަހު ފިލްމު ބޮޑު ސިނަމާއެއްގައި ނުބެލޭތީ ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
ޓުވިޓާގައި ގިނަ ބަޔަކު ދަނީ ސުޝާންތު ކުޅުނު ފަހު ފިލްމު ސިނަމާތަކުގައި ރިލީޒުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ އެގޮތަށް އެކަން ނުވާނެ ކަމަށް ބުނެފައެވެ.
ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ފޭނުން ދަނީ ބޮލީވުޑްގައި ސުޝާންތު އެކަނި ކޮށްލައި، މަޝްހޫރު ޑައިރެކްޓަރުންނަށާއި ޕްރޮޑިއުސަރުން ވެސް ބޮލީވުޑްގެ ކާމިޔާބު ތަރިންގެ ދަރިންނަށް ފުރުސަތު ދޭ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ. އެ ނަފްރަތުތަކަށް ކެތް ނުކުރެވިގެން މަޝްހޫރު ފަންނާނުން ވަނީ ސޯޝަލް މީޑިއާއާ ވެސް ދުރުވެފައެވެ. އޭގެ ތެރޭގައި ސޯނަމް ކަޕޫރާއި ސޮނާކްޝީ ސިންހާ ހިމެނެއެވެ.