އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން މެންޗެސްޓާ ސިޓީ 2-1 އިން ބަލިވުމާ ގުޅިގެން ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ކަށަވަރުވެއްޖެއެވެ.
ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ހަތް މެޗު ބާކީ އޮއްވައެވެ. އެޓީމަށް 31 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ސިޓީން ލީގުގެ ބާކީ ހުރިހާ މެޗެއް ކާމިޔާބުކުރި ނަމަވެސް ލިވަޕޫލާ އަރައި ހަމަނުކުރެވޭނެއެވެ.
އިނގިރޭސި ފުޓްބޯޅައިގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރު މިކުރީ 30 އަހަރަށްފަހުއެވެ. އަދި މިއީ އިނގިރޭސި ފުޓްބޯޅަ ލީގުގެ ނަން 1992 ވަނަ އަހަރު އިންގްލިޝް ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ނަމަވެސް ލީގުގެ ދިގު ތާރީހުގައި އެޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން 19 ފަހަރު ކަށަވަރު ކޮށްފައިވެއެވެ.
އަމިއްލަ ދަނޑުގައި ސިޓީގެ މައްޗަށް ޗެލްސީން ރޭ ހޯދި މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އެޓީމަށް ވަނީ ބޮޑުވެފައެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ކެވިން ޑި ބްރޭނާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި މެޗުން ޗެލްސީ މޮޅުވީ 78 ވަނަ މިނެޓުގައި ގޯލް ރޮނގު މަތިން، ފަހު ޑިފެންޑަރުގެ ގޮތުގައިހުރެ ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި ގަސްތުގައި އަތްލުމުން ލިބުނު ޕެނަލްޓީ އަކުންނެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ ވިލިއަންއެވެ. ޗެލްސީއަށް ރޭގެ މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ސިޓީގެ ކީޕަރު އެޑަސަން ކައިރިން ނައްޓާލާފައި ޕުލިސިކް ގޯލަށް ފޮނުވާލި ބޯޅަ ގޯލް ރޮނގު މަތިން ސިޓީގެ ކައިލް ވޯކާ ވަނީ ދިފާއުކޮށްފައެވެ. މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މި ސީޒަނުގައި ލީގު ޑޮމިނޭޓްކުރަމުން އައި ލިވަޕޫލް ސީޒަން ދެބައިވިއިރު ބޮޑު ފަރަގަކުން އޮތީ އެއްވަނައިގައެވެ. ކޮވިޑް 19 އާ ގުޅިގެން ލީގުގެ މެޗުތައް މެދުކަނޑާލި އިރު ވެސް އެ ޓީމު ތަށި ހޯދާނެކަން އޮތީ ޔަގީނާ ގާތަށް ކަށަވަރުކުރެވިފައެވެ. ކޮވިޑާ ގުޅިގެން ލީގު މެދުކަނޑާލުމަށްފަހު އަލުން ފެށުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފައިވަނީ މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ސީޒަންގައި ލީގު ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.