ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނެގި ރާއްޖޭގެ ދެވަނަ ކޯޗަކަށް ކްލަބު އީގަލްސްގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ވެއްޖެއެވެ.
އޭއެފްސީ ޕްރޮފެޝަނަލް ލައިސަންސްއަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސްއަށް ފަހު ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ. މި ލައިސަންސް މީގެ ކުރިން ނަގާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީއެވެ.
މޯހަން ޕްރޯ ލައިސަންސް ނެގުމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މޯހަންއަށް މަރުހަބާ ދަންނަވައިފައެވެ.
މޯހަން ޕްރޯ ލައިސަންސް ހާސިލުކުރި އިރު، އޭނާއަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެއެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފައެވެ.
އެފްއޭއެމްގެ ޓެކްނިލް ޑައިރެކްޓަރެއްގެ މަގާމު ވެސް އަދާކުރެއްވި މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދީފައެވެ. އޭނާ މިހާރު އިރުޝާދުދެމުން އަންނަނީ ކްލަބު އީގަލްސްއަށެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ވެސް މޯހަންގެ ދައުރު ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، މޯހަން ހުރީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.