ހއ. ފިއްލަދޫގައި ގާއިމުކުރި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމިފައިވާ ކަމަށް ޔޫތު މިނސްޓްރީން ބުނެފިއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަދޫގެ ޒުވާނުން ބޭނުންވާ ގޮތަށް އެރަށުގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އެ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގައި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
އޭގެ އިތުރުން އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ފިއްލަދޫ ކައުންސިލާއި އެރަށް ހިމެނޭ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝަރީފް ދެއްވި އެހީތެރިކަމަށް މިނިސްޓަރު މަހްލޫފު ޝުކުރު އަދާކުރައްވާފައި ވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި މަރުކަޒަކީ ކުރީގެ ސަރުކާރުން ހަދަން ފަށައި ކޮންމެވެސް ސަބަބަކާ ހެދި މަސައްކަތް ހުއްޓިފައިވާ ތަނެއް ކަމަށެވެ. އެ މަސައްކަތަށް ހަތަރު ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮވިޑާ ގުޅިގެން މާލެ އާއި އަތޮޅުތެރޭގައި ޔޫތު މިނިސްޓްރީ ކުރަމުން އައި ބައެއް މަސައްކަތްތައް މަޑުޖެހިފައި އޮތްއިރު ބަލިމަޑުކަމުން އަރައިގަނެވުމުން އެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.