އިއްޔެއަކީ ދުނިޔޭގެ ހުދު ބަލީގެ ދުވަހެވެ. ހުދު ބަލި ޖެހިފައިވާ އެތައް ބަޔަކު ރާއްޖޭގައިވެސް އެބަ ތިއްބެވެ. އޭގެ ތެރެއިންވެސް މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ފާހަގަކޮށްލެއެވެ. ނިއުމާ ވަނީ ހުދުބަލި ޖެހިފައިވީނަމަވެސް، ފިލްމީ ދާއިރާގައި މަސައްކަތް ކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.
ނިއުމާ އޭނާގެ އެފްބީ އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ފުރަތަމަ އޭނާގެ ހަށިގަނޑުން ހުދުބަލީގެ ނިޝާންތައް ފެންނަން ފެށުމުން ވަރަށް ހާސްވި ކަމަށެވެ. ފިލްމީ ކެރިއަރާއި އޭނާއަށް އާމްދަނީ ލިބޭ ހަމައެކަނި ދޮރު ބަންދުވެދާނޭ ހިތަށް އެރުމުން ރޮވުނު ކަމަށް ނިއުމާ ބުންޏެވެ. ނިއުމާ ބުނީ ހަށިގަނޑުގެ ބައިތައް ހުދުވެ ބޮޑަށް ބަލީގެ އަސަރުތައް ފެންނަން ފެށި ވަރަކަށް އޭނާ ކުރިމަތި ލާން ޖެހުނު މަލާމާތް އިތުރުވި ކަމަށެވެ. އެހެންނަމަވެސް، އެކަމުން އަމިއްލަ މީހާ ބަލިކަށިކުރުވިޔަ ނުދީ ޗެލެންޖެއްގެ ގޮތުގައި ނެގިކަމަށް ނިއުމާ ފާހަގަކޮށްފައިވެއެވެ.
ނިއުމާ ބުނީ ހަށިގަނޑުގެ ކުލަޔަށް އައި ބަދަލުތައް އަމިއްލައަށް ގަބޫލުކޮށް އެކަމުން އިތުރު ހިތްވަރު ހޯދި ކަމަށެވެ. ހުދުބައްޔާއިއެކުވެސް ކުރިއަށް ދިއުމުގެ ނަސީބު ގަދަ ކީރިތިވަންތަ ﷲ ދެއްވުމުން އެކަމަށް ކޮންމެ ދުވަހަކުވެސް ޝުކުރުވެރިވާ ކަމަށް ނިއުމާ ފާހަގަކުރެއެވެ.
ނިއުމާ ބުނީ އަމިއްލަ މީހާ އެހެން އިންސާނުންނާއި ތަފާތު ވުމުގެ މާނައަކީ އޭނާއަކީ ހުތުރު މީހަކަށް ވުން ނޫން ކަމަށެވެ.
ނިއުމާގެ ފިލްމު ކެރިއަރުގެ އެތައް އަހަރެއް ދިޔައީ ހުދުބައްޔާ ގުޅޭ ގޮތުން ވާހަކަ ނުދައްކަ އެވެ. އޭނާ ފާޅުގައި އެވާހަކަދައްކަން ފެށީ ދާދި ފަހުންނެވެ. ނިއުމާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ އަލިގަދަ އަންހެން ތަރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިރު އަހަރެމެން ގަބޫލުކުރާމެ ވީ ހަގީގަތަކީ މީހެއްގެ ހުންނަ މި ފަދަ ކަމަކުން އެމީހަކު ނިކަމެތިކޮށް، މަލާމާތް ކުރުން ފަދަ ކަންކަން ކޮށްގެން ނުވާނޭ ކަމެވެ. އެއީ ކޮންމެ މީހަކަށްވެސް ކޮންމެ ވަގުތެއްގައިވެސް ކުރިމަތިލާން ޖެހިދާނޭ ކަމެއް ކަމެވެ. އެފަދަ މީހުންނަށް ހިތްވަރު ދީ މުޖުތަމައުތެރޭގައި ހައްގު މަގާމު ދިނުމުގެ ހިތްވަރު އަހަރެމެން ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނާން ޖެހޭނެ އެވެ.
ހަމަ އެހެންމެ އަހަރެމެން ކޮންމެ މީހަކުވެސް ބަލަންވީ މި ފަދަ ކަންކަމަކީ ތިބާ ނިކަމެތިކޮށްލައި ހިތްވަރު އެލުވައިލައި ދިރިއުޅުން މަތީން މާޔޫސް ކޮށްލާ ކަމަކަށް ވިޔަ ނުދިނުމަށެވެ. އޭގެ ބަދަލުގައި އިތުރަށް މަސައްކަތްކޮށް ކުރިއެރުމަށް މަސައްކަތްކުރުމަކީ އަޒުމް ކަނޑައަޅާން ޖެހޭ ކަމެކެވެ. ކާމިޔާބަކީ މަސައްކަތްކުރާ މީހެއްގެ ހައްގެއް ކަމެވެ. މިއަދު ނިއުމާ އެވަނީ އެކަން ސާބިތުކޮށްދީފަ އެވެ. ހުދުބައްޔާ އެކު ވެސް ނިއުމާ ކުރީ ގަދަ ހިތްވަރެކެވެ. އެކަމުގެ ސަބަބުން މާޔޫސްވެ ފަހަތަށް ޖެހޭން ފުރުސަތު ނުދީ ކުރިޔަށް ދާން ގަދައަޅައި މަސައްކަތް ކުރީއެވެ. ނަތީޖާ ފޮންޏެވެ.