އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 81

އަބްދުﷲ ފާރޫގް ހަސަން

4

(22 ޖޫންގެ އަދަދާ ގުޅޭ)

ރުސްތުމުގެ އަމުރުފުޅަށް ސިފައިން އާޒަރުމީދުޚުތުގެ ދެމުލައްދަނޑިފުޅުގައި ހިފަހައްޓައިފިއެވެ. ނަމަވެސް އެކަމަނާ އެއްވެސް ދެކޮޅުވެރިކަމެއް ނުދެއްކެވިއެވެ.

ޝާހުޕޫރު ޤަތުލުވުމަށްފަހު އީރާނުގެ މަސްރަޙަށް އައިސްފައިވާ ބަދަލުތަކަކީ އިސްލާމީ ލަޝްކަރު މަދާއިނާ ދިމާޔަށް ކުރިއަރައިގެންދާން ވަރަށް ފަހި ބަދަލުތަކެކެވެ. އެހެންކަމުން مثــنّـى بــن حــارثـــة رضى اللّـه عنــه އެހީ ހޯއްދެވުމަށްޓަކައި أميـرالمؤمنـين ގެ އަރިހަށް ވަފުދެއް ފޮނުއްވިއެވެ. އެއަށްފަހު އިސްލާމީ ލަޝްކަރާއިގެން މަދާއިނާ ދިމާޔަށް ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވިއެވެ. مثــنّـى رضى اللّـه عنــه ގެ ޙަމަލައަކީ އީރާނުމީހުން ހީވެސްނުކުރާފަދަ ކުއްލި ޙަމަލައެކެވެ. އެދުވަސްވަރު ޝާމްކަރައިގެ މައިދާނުގައި މުސްލިމުންނާއި ރޫމީންނާ ދެމެދު ހިނގަމުންދިޔަ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން މަދީނާއިން މާގިނަ އަދަދެއްގެ ސިފައިންގެ އެހީފުޅެއް ލިބިވަޑައިގެންފާނެކަމަކަށް مثــنّـى އުންމީދެއް ނުކުރައްވައެވެ. މަދާއިނުގެ ހާލަތު މުސްލިމުންނަށް ކިތަންމެ ފަހިކޮށް އޮތްކަމުގައިވިޔަސް އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންފައިވާ އަމިއްލަފުޅު ޙާލަތު އޮތީ އެކަށޭނަ ފަހިކަމެއްގައެއް ނޫންކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް އެކަލޭގެފާނުގެ ނިންމެވުމަކީ ޢަޒުމުފުޅު ވަރުގަދަ ސާބިތުކަން ބޮޑު ހިތްވަރުފުޅު ގަދަ ޖަނަރަލެއްގެ ނިންމެވުމެކެވެ. އެކަލޭގެފާނުގެ ޢަސްކަރީ ދިރިއުޅުއްވުމުގައިވަނީ އިންތިހާދަރަޖައިގެ ނުސިޔާނު ޙާލަތްތަކުގައިވެސް އެންމެ އެދެވޭ ނަތީޖާ ހާސިލު ކުރައްވައިފައެވެ.

އީރާނަށް ކުރިމަތިވެފައިއޮތް ދުއްޕާން މޫސުމުގައިވެސް އެބައިމީހުންނަށް ލައްކަލައްކައިން ސިފައިން މައިދާނަށް ނެރެވިދާނެކަން އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. އީރާނާއެކު ނަތީޖާއެއް ކަނޑައެޅޭފަދަ ހަނގުރާމައެއް ކުރައްވަން ބޭނުންފުޅުވާ ވަސީލަތްތަކުގެ ބައިކުޅަބައިވެސް އެވަގުތު އެކަލޭގެފާނަށް ލިބިވަޑައިގެންފައި ނުވާކަން ވިސްނިވަޑައިގަންނަވައެވެ. ކަންމިހެން ހުރުމާއެކުވެސް މުސްލިމުން އީރާނުގައި ހޯދައިފައިވާ ފުތޫހާތު ދަމަހައްޓަވައި މުސްލިމުން ފަތަޙަކޮށްފައިވާ ތަންތަން މުސްލިމުންގެ އަތުން ބީވެގެންދިޔަނުދެއްވައި ބަލަހައްޓަވަން އެކަލޭގެފާނު ބޭނުންފުޅުވިއެވެ. އެހެންކަމުން އިސްލާމީ ލަޝްކަރުގެ ބައެއް ޝާމުގެ މައިދާނަށް ބަދަލުވުމުގެ ސަބަބުން ޢިރާޤުގައި މުސްލިމުންގެ ބާރަށް ކުޑަ ހީނަރުކަމެއް އައިސްފައި އޮތްކަމުގައިވިޔަސް މުސްލިމުންގެ ހިތްވަރާއި ފަންވަރާއި ޢަޒުމަށް ކުޑަވެސް ފަރަގެއް ނާންނަކަން އީރާނަށް އަބަދުވެސް ހަނދާންކޮށްދޭން ބޭނުންވާނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ބަހުރައިންގެ މަދުމީސްކޮޅެއް ގޮވައިގެން އެކަލޭގެފާނު މި މާސިންގާ ހަނގުރާމަ ފެއްޓެވިއިރުވެސް އެކަލޭގެފާނުގެ އެންމެ ފުރަތަމަ އުސޫލަކީ ދުޝްމިނުންނަށް ޙަމަލަދިނުމުގެ ފުރުސަތު ނުދެއްވުމެވެ. އަބަދުވެސް އެބައިމީހުންނަށް ދިފާޢުވާން މަސައްކަތްކުރަން މަޖުބޫރު ކުރެއްވުމެވެ.

އެހެންކަމުން ފާރިސީންނަށް ވަރުގަދަ ޠޫފާނީ ޙަމަލަތަކެއް ދެއްވުމަށްފަހު މަދާއިނަށްދާ މަގުން އެނބުރި ފަހަތަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ހިތާމަފުޅަކީ އިސްލާމީ ލަޝްކަރުގެ މީސްކޮޅު މަދުކަމާހުރެ އިތުރު އެންމެ މަންޒިލަކަށް ކުރިޔަށް ވަޑައިނުގެންނެވުނުކަމެވެ. ހަމައެއާއެކު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމަކީ ފާރިސީންނަށް ހީރަތު އަލުން އަނބުރައި ހިފަން މަސައްކަތްކުރުމުގެ ބަދަލުގައި އެބައިމީހުންގެ ވެރިރަށް ދިފާޢުކުރުމުގެ ފިކުރުގައި ތިބޭން މަޖުބޫރު ކުރެއްވުނުކަމެވެ.

مثــنّـى بــن حــارثـــة رضى اللّـه عنــه ހީރަތަށް އެނބުރި ވަޑައިގެންނެވުމަށްފަހު އިންތިޒާރު ކުރައްވަމުން ގެންދެވީ މަދީނާއިން އިތުރު އެހީ ލިބިވަޑައިގަންނަވާނެ ވަގުތަކަށެވެ. خليفة المسلمين ގެ އަރިހަށް އެހީއަށް އެދިވަޑައިގެން ލިޔުއްވި ސިޓީފުޅުގައި مثــنّـى ވަނީ މުރުތައްދުވެގެން މުސްލިމުންނާ ހަނގުރާމަކުރުމަށްފަހު ތައުބާވެފައިވާ ޤަބީލާތައް އިސްލާމީ ލަޝްކަރުގައި ބައިވެރިކުރެއްވުމުގެ ހުއްދަ ވިދާޅުބަސްފުޅަކަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް صدّيق الأكبـر ގެ އަރިހުން ޖަވާބެއް ލިބިވަޑައިގެންނެވުމުގެ ކުރީން މަދާއިނަށްވަނީ އަނެއްކާވެސް އަނެއް އިންޤިލާބު އައިސްފައެވެ. مثــنّـى އަށް ޚަބަރު ލިބިވަޑައިގެންނެވި ގޮތުގައި އީރާނުގެ އައު މަލަކާ ވަނީ ޤައުމުގެ ސިޔާސީ އަދި ޢަސްކަރީ ހުރިހާ ކަމެއްގެ ލަގަން ޒުވާން އައު ބޭފުޅަކާ ހަވާލުކުރައްވައިފައެވެ. އެބޭފުޅަކީ ޤައުމުގެ ޢާއްމުންނާއި ޚާއްޞުންގެ މެދުގައިވެސް އެއްވަރަކަށް މަޤްބޫލު ބޭފުޅެކެވެ. ރުސްތުމު ހަރަކާތްތެރިވެވަޑައިގަންނަވާން ފެއްޓެވިގޮތުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާން ފެށުމާއެކު مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ކަންބޮޑުވެވަޑައިގެންނެވުން ދިޔައީ އިތުރުވަމުންނެވެ.

"ވަގުތު މިހާރު މިދަނީ އަހަރެމެންނާ އިދިކީލިގޮތަކަށް ބަދަލުވަމުންނެވެ." مثــنّـى އެއްދުވަހެއްގެ ހަވީރު އެކަލޭގެފާނުގެ އެކުވެރީންގެ އަރިހުގައި ވިދާޅުވިއެވެ. ވިދިގެންއައި ދުވަހުގެ ހެނދުނު ހެނދުނާ އެކަލޭގެފާނު މިސްރާބު ޖެއްސެވީ މުސްލިމުންގެ ދާރުލްޚިލާފަތާ ދިމާޔަށެވެ. صدّيق الأكبـر رضى اللّـه عنــه އާ ސީދާ ވާހަކަފުޅު ދެއްކެވުމުގެ ބޭނުންފުޅުގައެވެ.

+ + + + +

ބަހުރައިނުގެ ހިތްވަރުފުޅުގަދަ ޢަޒުމްފުޅު ވަރުގަދަ މުޖާހިދު ހުންނެވީ އެބޭކަލެއްގެ ހިމަތޮޅި ފަޅުކަމާއި ހަށިކޮޅުގެ ޟަޢީފުކަމާ އެކުވެސް އެކަލޭގެފާނުގެ ބެއްލެވުންތަކުގައި ޢަޒުމާއި، ޔަޤީންކަމާއި އިޚްލާޞްތެރިކަން ރާޅުޖަހަމުންދާ މަތިވެރި އިންސާނާގެ ކުރިފުޅުމަތީގައެވެ. ހިޖާޒުގެ ޤާފިލާއަށް އަޖަމުކަރައިގެ ތަނަވަސް ބައްރުގެ ތެރެއިން އައު މަންޒިލްތައް ފެނި އައުމަގުތައް ހުޅުވިފައިވަނީ އެމާތް އިންސާނާގެ ޒަމީރުގެ އަލިކަމުގެ ތެރެއިންނެވެ.

مثــنّـى بــن حــارثـــة رضى اللّـه عنــه އެފަހަރު މަދީނާއަށް ވަޑައިގެންނެވިއިރު صدّيق الأكبـر ވަނީ އެކަލޭގެފާނުގެ ދުނިޔަވީ ޙަޔާތްޕުޅު ނިންމައިލައްވައި އުޚުރަވީ ދަތުރުފުޅު ފައްޓަވަން "ވަށިފޮށިކޮޅު" ތައްޔާރު ކުރައްވައިފައެވެ. އެކަލޭގެފާނަށްފަހު އިސްލާމީ އުންމަތުގެ އަމީރަކު ކަމުގައި أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه ޢައްޔަންކުރައްވައިފައެވެ. އެޙާލަތުގައި صدّيق الأكبـر ގެ އަރިހުގައި އެއްވެސް ވާހަކަފުޅެއް ދެއްކެވޭނެކަމަކަށް مثــنّـى އުންމީދެއް ނުކުރައްވައެވެ. މަދީނާއިން އެކަލޭގެފާނުގެ ދަތުރުފުޅަށް އެއްވެސް އަހަންމިއްޔަތެއް ލިބިވަޑައިގަންނަވާނެކަމަކަށްވެސް ހީފުޅެއް ނުކުރައްވައެވެ. ދަތުރުފުޅުގެ މަގުމަތީން އެކަލޭގެފާނާ ބައްދަލުވެވަޑައިގެންނެވި ބޭކަލުންގެ ވާހަކަފުޅުތަކުގެ މައުޟޫޢަކީ صدّيق الأكبـر ގެ އާލާސްކަންފުޅެވެ. އެކަލޭގެފާނުގެ ގާއިމްމަގާމުގެ އާރުލާ ޝަޚްޞިއްޔަތުގެ ވާހަކައެވެ. އިސްލާމީ ލަޝްކަރު ޝާމްކަރައިގެ މައިދާނުގައި ހޯދަމުންގެންދާ މަތިވެރި ފަތަޙައިގެ ވާހަކަތަކެވެ.

އެހެންކަމުން أبوبكر الصّدّيق رضى اللّـه عنــه ގެ ގެކޮޅުގެ ދޮރުކޮޅުމައްޗަށް ހުއްޓިވަޑައިގެންނެވިއިރު مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ބޭނުންފުޅަކަށް ވެފައިއޮތީ ހަމައެކަނި صدّيق الأكبـر ގެ ހާލުކޮޅު ދެކެވަޑައިގެންނެވުމެވެ. ނަމަވެސް صدّيق الأكبـر އަށް مثــنّـى ފެނިވަޑައިގެންނެވުމާއެކު ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. مثــنّـى އަށް ކުއްލިޔަކަށް އިޙްސާސްވެވަޑައިގަތީ އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އެއްވެސް އެދުންފުޅެއް صدّيق الأكبـر އަށް ވަންހަނާވެވަޑައިގެންފައި ނެތްކަމެވެ.

أبوبكر الصّدّيق رضى اللّـه عنــه، مثــنّـى އާ މުސާފަޙާކުރެއްވުމަށްފަހު އެކަލޭގެފާނުގެ އަރިހުގައި مثــنّـى ބޭންދެވިއެވެ. އެއަށްފަހު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ބާލީސްކޮޅުގައި އޮށޯވެވަޑައިގެން ވިދާޅުވިއެވެ. "مثــنّـى އެވެ! އަޅުގަނޑު ބަލިވެއުޅޭތީ ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އަޅުގަނޑު ކަލޭގެފާނުގެ ވާހަކަފުޅު އަޑުއަހާން ބޭނުމެވެ."

مثــنّـى ފަސްޖެހިވަޑައިގެން އިންނަވައި ވާހަކަފުޅު ފައްޓަވައިފިއެވެ. ވަރަށް ކުރުކުރުކޮށް އީރާނުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވައިލެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް صدّيق الأكبـر ގެ ގިނަގުނަ ސުވާލުތަކުގެ ސަބަބުން مثــنّـى ގެ ހިތްވަރުފު އާވިއެވެ. އީރާނުގެ ޙާލަތާމެދު ތަފްސީލީ ބަޔާނެއް ދެއްވިއެވެ. مثــنّـى އީރާނުގެ މައިދާނުގެ ފުރިހަމަ ލަފްޒީ ތަސްވީރެއް ކުރައްސަވައިދެއްވުމުން صدّيق الأكبـر އެކަލޭގެފާނުގެ ހާލުކޮޅު ބައްލަވަން ތިއްބެވި ބޭކަލުންގެ އަރިހުގައި ވިދާޅުވިއެވެ. عمـر بــن الخطّاب ގޮވައިގެން އަންނާން ދާށެވެ."

عمـر رضى اللّـه عنــه ކުޑައިރުކޮޅެއްގެ ފަހުން އިންނެވީ އިސްލާމީ އުންމަތުގެ އެމަތިވެރި ލީޑަރުގެ އެންމެފަހުގެ ވަޞިއްޔަތް އަޑުއައްސަވާށެވެ. އެ ވަޞިއްޔަތަކީ މާދިގު ވާހަކަފުޅުތަކެއް ނޫނެވެ. "އޭ عمـر އެވެ! މިއަދު އަޅުގަނޑުގެ ޙަޔާތުގެ ދަތުރު ނިމިއްޖެކަމުގައިވާނަމަ މާދަމާ ކަލޭގެފާނު مثــنّـى އަށް ބޭނުންފުޅުވާ އެހީފުޅު ހަމަޖައްސަވައިދެއްވައިފައި އެކަލޭގެފާނު ފުރުއްވައިލައްވަންވާނެއެވެ."

أميـرالمؤمنـين أبوبكر الصّدّيق رضى اللّـه عنــه ހަމައެދުވަހުމެ އެކަލޭގެފާނަށްޓަކައި އަރަހުށި މާތް اللّـه ގެ ޙަޟުރަތުގައި ތައްޔާރު ކުރެއްވިފައިވާ މަތިވެރި ނިޢުމަތަށް ދަތުރުކުރައްވައިފިއެވެ. އެކަލޭގެފާނުގެ ޚަލީފާކަމުގައި ހޭދަވި ގާތްގަނޑަކަށް ހަތާވީސް މައްސަރުގެ މުއްދަތުގެ ތެރެއިން ހަމަކޮންމެ ދުވަހަކީވެސް އިސްލާމީ އުންމަތް އިތުރަށް ކުރިއަރުއްވައި އިތުރު ޝަރަފުތަކެއް ހޯއްދަވައިދެއްވައި މަތިވެރި ކާމިޔާބީތަކެއް ޙާޞިލުކޮށްދެއްވި ދުވަހެކެވެ.

أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه ގެ ކުރިފުޅުމަތީގައި އޮތް އެންމެ މުހިންމު މަސައްކަތްޕުޅަކީ އެކަލޭގެފާނުގެ ކުރީން ހުންނެވި خليفة المسلمين ގެ އެންމެފަހުގެ ވަޞިއްޔަތް ފުރިހަމަކުރެއްވުމެވެ. އެހެންކަމުން أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه މަސްޖިދުއްނަބަވީގެ ގޯތިތެރޭގައި ދިދައެއް ޖެއްސެވިއެވެ. އެދިދައިގެ ދަށަށް ޖަމާވެވަޑައިގަންނަވާން މުޖާހިދުންނަށް ދަޢުވަތު ދެއްވިއެވެ. ނަމަވެސް މަދީނާގެ މުޖާހިދުންގެ ގިނަބޭކަލުން ތިއްބެވީ ޝާމްކަރައިގެ މައިދާނަށް ވަޑައިގެންނެވެ. މަސްޖިދުއްނަބަވީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ގިނަބޭކަލުންނަކީ މުސްކުޅިފުޅު ޞަޙާބީންނެވެ. ނުވަތަ ދައުލަތުގެ އަސާސީ ބޭނުންފުޅުތަކުގައި މަދީނާގައި ތިއްބެވުން ކޮންމެހެން ލާޒިމު ކަމުގައި ބެލެވޭ ބޭކަލުންނެވެ. މަދީނާގެ ބައެއް ބޭކަލުން أميـرالمؤمنـين އަށް ވިސްނައިދެއްވަން މަސައްކަތްޕުޅުކުރެއްވީ އެންމެ ފުރަތަމަ ޝާމްކަރައިގެ ފުތޫހާތު ނިމުމަކަށް ގެންނެވުމަށެވެ. އެއަށްފަހު ފާރިސްކަރައިގެ މައިދާން ހުޅުއްވައިލެއްވުމަށެވެ. ނަމަވެސް عمـر الفاروق رضى اللّـه عنــه އެކަލޭގެފާނުގެ ކުރީން ހުންނެވި ޤަދަރު މަތިވެރި ޤާއިދުގެ ބަސްފުޅު ކައްޗާކުރައްވައި ލަސްކޮށްލައްވާކަށެއް ބޭނުންފުޅެއް ނޫނެވެ. އުންމަތުގެ މާޒީގެ ތާރީޚު ވަނީ އެކަލޭގެފާނުގެ ކުރިފުޅުމަތީގައެވެ. އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބެއްލެވީ ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގެންނެވުމާ ވިދިގެން އުންމަތަށް ކުރިމަތިވި ނުސިޔާނު ވަގުތުގައި أبوبكر رضى اللّـه عنــه އެޅުއްވި ފިސާރި ފިރިހެން ފިޔަވަޅުފުޅުތަކެވެ.

އެދުވަސްވަރު މަދީނަތުލްމުނައްވަރާ އޮތީ ކޮންމެފަދަ ވަގުތެއްގައިވެސް ހަތަރުފަރާތުން ދުޝްމިނުން އައިސް އަރައިގެންފާނެކަމުގައި ބެލެވޭ ނުސިޔާނު ފައްތަރެއްގައެވެ. ޞަޙާބީންގެ ބައެއް ބޭކަލުން ސިފަކުރައްވައިފައިވާ ފަދައިން އުންމަތްއޮތީ ފިނިމޫސުމުގެ ވާރެޔާ ތެމިފައިވާ ބަކަރިއެއްގެ މިސާލުން މިސާލު ޖެހޭފަދަ ޙާލަތެއްގައެވެ. ނަމަވެސް خليفة المسلمين އެއިން އެއްވެސް ނުރައްކަލަކަށް ފަރުވާލެއް ނުބެހެއްޓެވިއެވެ. އިސްލާމީ ލަޝްކަރު ޝާމްކަރަޔަށް ފުރުއްވައިލެއްވިއެވެ. އެކަމުގެ ހުއްދަ ފަތެއްގެގޮތުން ދެއްކެވި އެންމެ އިހުގެ އަދި އެންމެ ފަހުގެ ދަލީލަކީ އެއީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަމުރުފުޅުކަމެވެ. ހަތަރުފަރާތުން މިނިކާވަގުތައް އައިސް އަރައިގަނެ އެކަލޭގެފާނުގެ ހަށިކޮޅު ފަޅައި ކުދިކުދިކޮށްގެން ކައިލާނެކަން އެނގިވަޑައިގެންނެވިކަމުގައިވިޔަސް އެ އަމުރުފުޅު ލަސްކޮށް ނުލެއްވޭނެކަމެވެ. އެހެންކަމުން أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه މަދީނާގެ އަހުލުވެރީންނަށް ޖިހާދުގެ ދަޢުވަތުދެއްވީ ހަމަ އެ ޢަޒުމުފުޅާއި ޔަޤީންފުޅުކަމާއެކުގައެވެ. ނުހަނު ނުރައްކާތެރި ނާޒުކު ޙާލަތެއްގައި މުސްލިމުންގެ އެންމެފުރަތަމަ ޚަލީފާ ޢަމަލުކުރެއްވި ގޮތްކޮޅު ނަމޫނާއަކަށް ބައްލަވައިގެންނެވެ. ޢިރާގުގެ މުޖާހިދުންނަށް އެހީ ފޮނުއްވުމުގައި އެކަލޭގެފާނު ދައްކަވާ އެންމެ ވަރުގަދަ ދަލީލަކީ އެކަމަކީ صدّيق الأكبـر رضى اللّـه عنــه ގެ އެންމެފަހުގެ ވަޞިއްޔަތްކަމެވެ.

أميـرالمؤمنـين އެކަލޭގެފާނުގެ ވާހަކަފުޅު ނިންމައިލައްވަމުން مثــنّـى بــن حــارثـــة رضى اللّـه عنــه އާ ދިމާޔަށް ބައްލަވައިފައި ވިދާޅުވިއެވެ. "مثــنّـى އެވެ! ކަލޭގެފާނު އެއްވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯއެވެ؟"

مثــنّـى ތެދުވެވަޑައިގެންފިއެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ބޭކަލުންގެ މޫނުފުޅުތަކަށް ނަޒަރު ހިންގަވައިލެއްވިއެވެ. އެއަށްފަހު މަސްޖިދުއްނަބަވީ ގުގުމާންފެށީ އިސްލާމީ މިއްލަތުގެ ގާފިލާއަށް މަދާއިނަށް ދަތުރުކުރާ މަގުދައްކަވަން ތެދުވެވަޑައިގެންނެވި އާރުކާޓީގެ ޢަޒުމުފުޅާއި ޔަޤީންފުޅުކަމުން ފުރިފައިވާ އަޑުފުޅުންނެވެ.

"އަޅުގަނޑަކީ އިސްލާމްދީނުގެ ވަރަށް އާދައިގެ ޚާދިމަކީމެވެ. މިތާނގައި ތިޔަ ތިއްބެވީ ޢާލަމްތަކަށް ކައުކުރެއްވި މާތް ސާހިބާގެ ދަރަޖަ މަތިވެރި ޞަޙާބީންނެވެ. ބަދުރާއި ހުނައިނުގެ މައިދާނުގައި މޭފުޅުތައް އައްޑަނަކޮޅުތަކަކަށް ހެއްދެވި މަތިވެރި އަބްޠާލުންނެވެ. ތިޔަބޭކަލުންގެ ކުރިފުޅުމަތީގައި އަޅުގަނޑުފަދަ މީހަކު ޖިހާދުގެ އަހަންމިއްޔަތާމެދު ވާހަކަ ދެއްކުމަކީ މެންދުރުގެފާން އިރަށް ފުޅިބައްތި ދެއްކުންފަދަ ކަމެކެވެ. އެހެންކަމުން އީރާނުގެ މިހާރުގެ ޙާލަތު ބަޔާންކުރުމުގެ މައްޗަށް އަޅުގަނޑު ފުއްދައިލާނަމެވެ. އީރާނާ ދިމާޔަށް އަޅުގަނޑުމެން މިހާރު ކުރިޔަށްދާން ފަށާނީތޯ ނުވަތަ ދުވަސްކޮޅަކު މަޑުކޮށްލާނީތޯ ދެގޮތުންކުރެ މުސްލިމުންނަށް އެންމެ ފައިދާ ބޮޑުވާނީ ކޮންގޮތެއްކަން ކަނޑައަޅުއްވާނީ ތިޔަ މާތް ބޭކަލުންނެވެ. ތިޔަބޭކަލުން އަޅުގަނޑާ ބައިވެރިވެވަޑައިގަންނަވަން ތައްޔާރުވެވަޑައިގެންފިނަމަ އެއީ އަޅުގަނޑުގެ ހެޔޮ ނަސީބެވެ. އެހެން ނުވެއްޖެހިނދަކު އަޅުގަނޑު އެކަނިމާއެކަނިވެސް މަދާއިނާ ދިމާޔަށް ދަތުރު ފަށާނަމެވެ. އަޅުގަނޑުގެ ހިންމަތާއި އަޅުގަނޑަށް ލިބިފައިވާ ވަސީލަތްތައް ނިޔާކުރާ ގޮތެއްގެމަތީން އަޅުގަނޑުގެ ވާޖިބު އަދާކުރަމުން ގެންދާނަމެވެ. އަޅުގަނޑަށް ޔަޤީނެވެ. ތިޔަ މާތް ސާހިބުންނަށް އީރާނުގެ މުހިންމަތުގެ ޚުޠޫރަތްތެރިކަން އިޙްސާސްވެވަޑައިގަންނަވާކަށެއް ލަހެއް ނުވާނެއެވެ.

مثــنّـى ގެ ވާހަކަފުޅު މިހައިތަނަށް ގެންދަވައިފައި ކުޑައިކޮށް މަޑުކޮށްލެއްވިއެވެ. ދެން އެކަލޭގެފާނު އަލިއަޅުއްވައިލެއްވީ އެހައިތަނަށް އީރާނާއެކު ކުރެވުނު ހަނގުރާމަތަކުގައި ކަންހިނގައިދިޔަގޮތް ބަޔާންކުރެއްވުމުގެ މައްޗަށެވެ. އެބަޔަކާ އެކަލޭގެފާނު މުޚާޠަބު ކުރައްވަމުން ގެންދަވާ ބޭކަލުންނަކީ ޢަރަބިކަރައިގައި ތިއްބެވި އެންމެ ކުޅަދާނަފުޅު ބަސްވާރުންނެވެ. އާއްމު ވާހަކަ ދެއްކެވުމުގައިވެސް ފަސާހަތާއި ބަލާޣަތުގެ ކޯރުތައް ހިންގައިލައްވާ ބަހުގެ މާހިރުންނެވެ. ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގެ އިމާމުންނެވެ. ޝައްކެއްނެތެވެ. އެ ބުންވަރާއި ފަންވަރާއި ޖޯރުހުރި އިންސާނާއަކީ އެބޭކަލެއްގެ ހައިބަތާމެދު ޢަޖަމުގެ މުރުޒުބާނުންނާއި ފުރަދާނައިން ރޫރޫއަޅާ ބޭކަލެކެވެ. ނަމަވެސް ކައުސާހިބާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީންގެ ދަރަޖަ މަތިވެރިކަމުގެ އިޙްސާސުގެ ސަބަބުން އެކަލޭގެފާނު ހުންނެވީ ފަސްޖެހިވަޑައިގެންނެވިފައެވެ. އިރުކޮޅެއްވަންދެން އެކަލޭގެފާނުގެ ދޫފުޅުގައި ހިސާބެއްގެ ތުރާފުޅުކަމެއް ހުއްޓެވެ. ނަމަވެސް ދާދިއަވަހަށް އެކަން ހަމަމަގަށް އަޅުއްވައިލެއްވިއެވެ. މަޑުމަޑުން އަޑުފުޅު ބާރުވާން ފަށައިފިއެވެ. ހީވީ ހަމަހިމޭން ކޯރެއްގައި ކުދިކުދި ރާޅުބާނީތަކެއް އުފެދި އެއަށްފަހު އެއް މިސުރާބަކަށް ދަތުރުކުރާ ޠޫފާނީ ބިޔަ މާވައިތަކަކާއި ރާޅުތަކެއް އުފެދިގެންދިޔަހެންނެވެ. އެކަލޭގެފާނު އެޤައުމެއް ސިފަކޮށްދެއްވަމުން ގެންދެވި ޤައުމަކީ އެތާނގެ ކޮންމެ އުސްތިރިކަމަކާއި ކޮންމެ އާރަކާއި ކޯރެއް އެކަލޭގެފާނުގެ އަތްތިލަފުޅުގެ ރޮނގުތަކެކޭ އެއްވަރަށް ދެނެވަޑައިގަންނަވާ ޤައުމެކެވެ.

ފާރިސީންގެ ރަސްކަމުގައި އެތެރެއިން ހޮއި ހައްދައިލި ބަޣާވާތްތަކާއި ގަނޑުވަރުތެރޭގެ ކޯޅުންތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވުމަށްފަހު އެކަލޭގެފާނު ދެން ބައްލަވައިލެއްވީ އީރާނަށް ވަރުގަދަ ޙަމަލަތަކެއް ދިނުން ލަސްކޮށް އެބައިމީހުންނަށް ފައިތިލަ ސާބިތުކޮށް ހަމަޖެހިލައި ތައްޔާރުވުމުގެ ފުރުސަތު ދެވިއްޖެނަމަ ކުރިމަތިވާނެ ނުރައްކަލުގެ މައްޗަށެވެ.

އެކަލޭގެފާނުގެ ވާހަކަފުޅު ކުރުކޮށްލައްވަމުން ވިދާޅުވިއެވެ. "ދަރަޖަ މަތިވެރި މާތް ޞަޙާބީންނޭވެ! ތިޔަބޭކަލުންނަށް އަޅުގަނޑަށް ހޯއްދަވައިދެއްވޭނީ ކިތަކެއް ވޮލަންޓިޔަރުންކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. ނަމަވެސް އަޅުގަނޑު ތިޔަބޭކަލުންނަށް ޔަޤީންފުޅުކޮށް އަރުވަމެވެ. އަޅުގަނޑު އެ ހަނގުރާމައެއް ފެއްޓި ހަނގުރާމަ ހުއްޓައިނުލައި ކުރިޔަށް ގެންދާނަމެވެ. އެ މުޖާހިދުންގެ އެންމެ ފުރަތަމަ ޙަމަލައިންވެސް ފާރިސީ ރަސްކަމުގެ ބިންގައު ގުޑުވައިލި މުޖާހިދުން މަދާއިނަށްދާ މަގުގައި ތިޔަބޭކަލުންނަށް އިންތިޒާރު ކުރާނެއެވެ. ދިފާޢީ ހަނގުރާމަ ފިޔަވައި އެހެންކަމަކާމެދު ވިސްނާކަށެއްވެސް އަޅުގަނޑު ދުޝްމިނުންނަކަށް ފުރުސަތެއް ނުދޭނަމެވެ. އަޅުގަނޑު ތިޔަބޭކަލުންނަށް ދަންނަވާން މިއައީ ރުސްތުމު އީރާނުގެ ޤިޔާދަތާ ހަވާލުވެވަޑައިގަތުމާ ވިދިގެން އީރާނުގެ ޙާލަތު ވަރަށް ހަލުއިކަމާއެކު ބަދަލުވަމުންދާ ވާހަކައެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އުދަރެސް ބަނަވަމުން މޫސުން ނުބައިވަމުންދާ ވާހަކައެވެ. ފާރިސީންގެ މުޅި ޤައުމުގެ ހުރިހައި ހަރަކާތްތެރި ބާރުތަކެއްދަނީ ރުސްތުމުގެ އަރިހަށް ޖަމާވަމުންނެވެ. ޤަބީލާތަކުގެ ސަރުދާރުންނާއި މުރުޒުބާނުންނާއި މަޖޫސީ ކާހިނުން އޭނާގެ ވަށައިގެން އެއްކޮށްލެއްވުމަށްފަހު އޭނާ ފާރިސީ ލަޝްކަރު އަލުން ރުކުރުވައިލައްވައި އަތުރައިލެއްވުން ލަހެއް ނުކުރައްވާނެއެވެ. އޭނާގެ ލަޝްކަރު ތައްޔާރުކުރެއްވުމަށްފަހު އޭނާގެ އެންމެފުރަތަމަ އަމާޒުފަތްގަނޑަކަށްވާނީ ޢިރާޤުގައި އިސްލާމީ ދިދަ ހިފައިގެންތިބި މުޖާހިދުންގެ ކުޑަކުޑަ ގެމައެވެ. އެހެންކަމުން މައްސަރުތަކެއްގެ ފަހުން ނުވަތަ އަހަރުތަކެއްގެ ފަހުން މަދީނާއިން ދަތުރުފަށާ ޤާފިލާއަކަށް ދިޖުލާއާއި ފުރާތުގެ ވާދީގައި ތިޔަބޭކަލުންނަށް އިންތިޒާރުކުރާ ދިރިތިބީންގެ ބަޔަކު ފެނިވަޑައިގެންނެވުމުގެ ބަދަލުގައި ތިޔަބޭކަލުންނަށް މަދާއިނަށް ދަތުރުކުރާ މަގުގެ ނިޝާނަކަށްވާނީ އެބައިމީހުންގެ މަހާނަތައް ކަމުގައިވުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ."

مثــنّـى ގެ ތަޤްރީރު ނިންމައިލެއްވުމާއެކު ޠާއިފުގެ ރައީސް أبو عبيدة بن مسعود ثقفى ތެދުވެވަޑައިގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "أميـرالمؤمنـين އެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސު ޖިހާދަށްޓަކައި ހުށަހަޅަމެވެ. އަޅުގަނޑުގެ ޤަބީލާގެ އެންމެން އަޅުގަނޑާ ބައިވެރިވާނެއެވެ."

ހަތަރުފަރާތުން مثــنّـى އަށް ތާއީދުކޮށް އަޑުއުފުލޭން ފަށައިފިއެވެ. އެތަކެއް ވޮލަންޓިޔަރުން އެކަލޭގެފާނާ ބައިވެރިވާން ތައްޔާރުވެއްޖެއެވެ. ދެން ހުށަހެޅުނީ ލަޝްކަރުގެ އިސްވެރިކަމުގެ މައްސަލައެވެ. މަދީނާގެ އަހުލުވެރީންގެ އަޣުލަބިއްޔަތުގެ ޚިޔާލުފުޅަކީ މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން ނުވަތަ އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ދަރަޖަ މަތިވެރި ޞަޙާބީއަކު އެމަގާމަށް ޢައްޔަންކުރެއްވުމެވެ. ނަމަވެސް عمـر رضى اللّـه عنــه ވިދާޅުވިއެވެ. "أبو عبيدة ވަނީ ޖިހާދުގެ ދަޢުވަތަށް އިޖާބަދެއްވުމުގައި އިސްނަންގަވައިފައެވެ. އެހެންކަމުން ލަޝްކަރުގެ ވެރިކަން އެކަލޭގެފާނާ ޙަވާލުކޮށްފީމެވެ."

(ނުނިމޭ)