މުނިފޫހިފިލުވުން

ޝާހްރުކްހާނު ބޮލީވުޑްގައި 28 އަހަރު

އީމާ މުހައްމަދު ވަހީދު

ޝާހްރުކްހާން އަކީ ބޮލީވުޑްގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ޝާހްރުކްހާނުގެ ފިލްމުތަކަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ހިނގާ ފިލްމުތަކެކެވެ. ޝާހުރުކްހާނުގެ ފޭނުން ތިބީ ހަމައެކަނި އިންޑިއާގައެއް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އޭނާގެ ފޭނުން މިލިއަނުން އެބަ ތިއްބެވެ. މިއަދު މިވަނީ ޝާހްރުކްހާނު ބޮލީވުޑުގައި މަސައްކަތް ކުރާތާ 28 އަހަރުވެފައެވެ.

ޝާހްރުކްހާން އެކްޓިންގެ ކެރިއަރު ފެށީ 1992 ވަނަ އަހަރު އޭނާ ކުޅުނު ފުރަތަމަ ފިލްމު "ދިވާނާ" އިންނެވެ. ލީޑް ރޯލުން ޝާހްރުކްގެ އިތުރުން ރިޝީ ކަޕޫރު އަދި ދިވްޔާ ބާރްތީ ފެނިގެންދިޔަ އެ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރާޖް ކަންވަރު އެވެ.

ދިވާނާ އަށް ފަހު ޝާހުރުކްހާނު ދިޔައީ އޭނާގެ މޮޅު އެކްޓިން އިން އެތައް ބައެއްގެ ހިތްތައް ކަތިލަމުންނެވެ. ޝާހްރުކް އަކީ އިންޑަސްޓްރީގެ ރަސްގެފާނުގެ ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ އޭނާ ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ސަބަބުންނެވެ. ޝާހްރުކް ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ޑަރު"، "ކަލް ހޯ ނާހޯ"، ކުޗްކުޗް ހޯތާހޭ"،" ދިލްވާލޭ"، " އޯމް ޝާންތީ އޯމް" އަދި "ބާޒީގަރް" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

ޝާހްރުކްހާނު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ" ޒީރޯ" އިންނެވެ. އެފިލްމުގައި ޝާހްރުކް އާއިއެކު ލީޑްރޯލުން ފެނިގެން ދަނީ އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކެއިފްއެވެ. ދެން އެންމެ އަވަހަށް ޝާހްރުކްހާން ފެނިގެންދާނީ ލީޑް ރޯލުން އާލިއާ ބަޓް، ރަންބީރު ކަޕޫރު އަދި އަމިތާބު ބަޗަން ފެނިގެންދާ ފިލްމު "ބްރަހްމަސްތަރާ" އިންނެވެ.