ކަސޯޓީ ޒިންދަގީ ކޭ 2ގެ މިސްޓަ ބަޖާޖުގެ ރޯލު ކުޅުނު ކަރަން ސިންގު ގްރޯވަރ، ލޮކްޑައުން އަށްފަހު އެ ސީރީޒް އަލުން ފަށާއިރު ނުފެންނާނެ ކަމަށް ހަބަރުތައް ފެތުރުމާ ގުޅިގެން ގިނަ ބަޔަކު ދިޔައީ މިސްޓަ ބަޖާޖުގެ ރޯލުން ދެން ފެނިގެންދާނީ ކާކުތޯ ބެލުމަށް އިންތިޒާރުކުރަމުންނެވެ.
ބެލުންތެރިންގެ އިންތިޒާރަށް ނިމުން އައިސް، ބަޖާޖުގެ ރޯލުން ފެެނިގެންދާނީ ކާކުކަން މިވަނީ އާންމު ކޮށްފައެވެ. އެގޮތުން ދެން މިސްޓަ ބަޖާޖުގެ ރޯލުން ފެނިގެންދާނީ ކުރިން ސްޓާ ޕްލަސްއިން ދެއްކި ޔޭ ހޭ މޮހއްބަތޭން ގެ ލީޑްރޯލު އަދާކުރި ކަރަން ޕަޓޭލްއެވެ.
ކަރަން ޕަޓޭލް ވަނީ ކުރިން ދެއްކި ކަސޯޓީ ޒިންދަގީ ކޭ ގައި މިސްޓަ ބަޖާޖުގެ ދަރިފުޅުގެ ރޯލުވެސް ކުޅެފައެވެ.
މިސްޓަ ބަޖާޖުގެ ރޯލާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަރަމް ޕަޓޭލް ބުނީ، އެރޯލަކީ އާއްމުން ވަރަށް ބަލައިގެންފައިވާ އައިކޮނިކް ރޯލެއް ކަމަށެވެ. އަދި ޔޭ ހޭ މޮހާއްބަތޭން އިން އާއްމުން އޭނާގެ ކެރެކްޓަރު ބަލައިގަތުމާ އެކު ދިން ލޯބި، ބަޖާޖުގެ ރޯލު އަދާކުރުމުންވެސް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.