ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެންބަރުންގެ މާލީ ބަޔާން ޝާއިއުކުރާއިރު އަނބިން، ފިރިން، އަދި ދަރީންގެ މައުލޫމާތު ހިމަނަން ނުޖެހޭ ގޮތް ހަދަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ، އަނބިން، ފިރިން ނުވަތަ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތަށް، މަޖިލިސް މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން މަޖިލީހުގެ އާއްމު ކޮމިޓީިން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ބަދަލުގެންނަ ގޮތަށެވެ.

އެ މާއްދާގެ (ހ) ގައި މިހާރު ބުނަނީ، މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާއްމަށް ހުށަަހަޅަން ވާނެ ކަމަށެވެ. އަދި (ރ) ގައި ބުނަނީ މަޖިލިސް މެންބަރެއްގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭގޮތުން، އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

އެ މާއްދާގެ (ހ) އަށް ކޮމިޓީން ފާސް ކޮށްފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާއްމަށް ހުށަަހަޅަންވާނެ ކަމަށެވެ. އަދި (ރ) އަށް ގެންނަން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، (ހ) ގެ ދަށުން ހުށަހަޅާ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ މަޖިލިސް ގަވާއިދަށް މި ދެ އިސްލާހު ގެންނަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ކަމަށެވެ.