މުނިފޫހިފިލުވުން

ސުޝާންތުގެ ބައެއް ޓުވީޓުތައް ޑިލީޓްކޮށްފައިވާ ކަމުގެ ޝައްކު އުފެދިއްޖެ

އީމާ މުހައްމަދު ވަހީދު

މިމަހުގެ 14 ވަނަ ދުވަހު ސުޝާންތު ސިންގްރާޖުޕުތު އަމިއްލައަށް ދަން ޖެހިގެން މަރުވި މައްސަލަ އިންޑިއާގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ހެދި ސުޝާންތުގެ ޕޯސްޓް މޯޓަމްގެ ރިޕޯޓުން ވަނީ އޭނާ މަރުވީ ދަންޖެހިގެން ނޭވާ ނުލެވިގެން ކަމަށް ދައްކައިފައެވެ. އެމައްސަލައާ ގުޅިގެން އެކި ގޮތްގޮތުން ސުޝާންތުއާ ގުޅުންހުރި 22 މީހެއްގެ ބަޔާން މިހާރު ނަގައިފައެވެ.

ސުޝާންތުގެ ޓުވީޓާ އެކައުންޓުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން ފުލުހުން މިހާރު ވަނީ ސުޝާންތު މި ވޭތުވެދިޔަ 6 މަސް ދުވަހުން ފެށިގެން ކުރި ޓުވީޓުތަކުގެ ރިޕޯޓެއް ފޮނުވުމަށް އެދި ޓުވީޓާގެ މައި އިދާރާއަށް ސިޓީއެއް ފޮނުވައިފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 އިން ފެށިގެން ސުޝާންތުގެ ހުރިހާ ޓުވީޓުތައް ޑިލީޓް ކޮށްފައި ހުރިކަމަށް ވަނީ ޝައްކު ކުރެވިފައެވެ.

ސުޝާންތު މަރުވުމުގެ ކުރިން އެންމެ ފަހުން ފެނިގެންދިޔައީ، ޝްރަދާ ކަޕޫރާއެކު ޗިޗޯރޭ އިންނެވެ. ސުޝާންތުގެ ފަހު ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ފެނިގެން ދާނީ ސަންޖަނާ ސަަންހީ އާއިއެކު ދިލް ބެޗާރާ އިންނެވެ.