ސްޕެނިޝް ލީގުގައި ރޭ މަލޯކާ އަތުން މޮޅުވެ ރެއާލް މެޑްރިޑު އަނެއްކާވެސް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ. ރޭގެ މެޗް ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މި ނަތީޖާ އެކު ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 31 މެޗް ކުޅެ 68 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ބާސާއަށް ވެސް 31 މެޗް ކުޅެ 68 ޕޮއިޓް ލިބިފައިވާއިރު، ރެއާލަށް އަށް ކުރި ލިބެނީ ހެޑް ޓު ހެޑް އިންނެވެ.
ރޭގެ މެޗްގައި ރެއާލް މެޑްރިޑަށް އެމީހުންގެ އަސްލު ކުޅުން ދެއްކިފައި ނުވާއިރު މުޅިމެޗްގައި އެޓީމަށް، 18 ވަނައިގައި އޮތް މަލޯކާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ ހަތް ޝޮޓެވެ. މަލޯކާއިން ވަނީ ގޯލާ އަމާޒުކޮށް ފަސް ބޯޅަ ފޮނުވާލައިފައެވެ.
ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ރެއާލް އިން ވަނީ މެޗްގެ 19 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީޝްއަސް ޖޫނިއާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ ލުކާ މޮޑްރިޗް ތަނަވަސްކޮށްފިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
ރޭގެ މެޗްގައި ރެއާލުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފް ފެށުނުތަނާ އެވެ. އެލަނޑަކީ މަލޯކާގެ އެންޓޯނިއޯ ރައިލޯ ޕެނަލްޓީ އޭރިއާ ބޭރުން ބޯޅަ ކްލިއާ ކޮށްލަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ޖެހުމެއްގެ ފައިދާ ނަގައި ކާމިޔާބު ކުރި ލަނޑެކެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް މަލޯކާގެ ކުޅުތެރިންގެ ބޯމަތިން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
އެ ގޯލަށް ފަހުވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް އެޓީމަށް ލިބިގެން ދިޔައެވެ. ރެއާލްގެ ބެންޒީމާއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ. ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ނިމުނީ 2-0 ގެ ނަތީޖާ އިން ރެއާލް ކުރީގައި އޮވެގެންނެވެ.