އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަ ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި ޔުނައިޓެޑްގެ އެންތަނީ މާޝިއަލް ސީނިއާ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކާއެކު ޔުނައިޓެޑް މޮޅުވެއްޖެ އެވެ. ރޭގެ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.
ރޭގެ ހެޓްރިކަކީ ޔުނައިޓެޑްގެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ކްލަބް ދޫކޮށްލިތާ ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔަކު އިނގިރޭސި ޕްރިމިއާ ލީގުގައި ހެދި ހެޓްރިކެވެ. ޔުނައިޓެޑް އަށް އެންމެ ފަހުން ހެޓްރިކް ހަދައިދިނީ 2013 ވަނަ އަހަރު ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ރޮބިން ވެން ޕާސީ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ޔުނައިޓެޑުން އެހާފް ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. މާޝިއަލްގެ ފުރަތަމަ ގޯލު މެޗުގެ ހަތް ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފާޑް ނަގައިދިން ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައިވަނިކޮށް މާޝިއާލްގެ ދެ ވަނަ ގޯލު ފެނިގެން ދިޔައީ ޑިފެންޑަރު އާރޮން ވަން ބިސާކާ ނަގައިދިން ހުރަހެއް ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗްގެ ދެވަނަ ހާފްގައި މާޝިއަލްގެ ތާރީހީ ހެޓްރިކް ހަދާފައިވަނީ 74 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު އެސިސްޓުކޮށްދިން ރަޝްފާޑް ދިން ބޯޅަ ހޯދުމަށް ފަހު ކީޕަރު ބޯމަތިން ގޯލު ތެރެއަށް ވައްދާލައިގެންނެވެ. ރޭގެ މުޅި މެޗް ޑޮމިނޭޓް ކޮށްފައިވަނީ ޔުނަިޓެޑުންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ޝެފީލްޑް ޔުނައިޓެޑަށް ދިމާވި މައްސަލައަކީ އެންމެ ފަހުން ކުޅުނު މެޗުގައި ރިޕަބްލިކް އޮފް އަޔަލެންޑުގެ 27 އަހަރުގެ ޑިފެންޑަރު ޖޯން އީގާން އަށް ދެއްކި ރަތް ކާޑާ އެކު ސަސްޕެންޑް ވުމާއި، ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގައި ޝެފީލްޑްގެ ގޯލު ބަލަހައްޓާ ހުޝިޔާރު ކީޕަރު ޑީން ހެންޑަސަން ނެތުމުގެ އިތުރުން ޖެހިޖެހިގެން ދެމެޗް ކުޅެން ޖެހުމުން ކުޅުންތެރިންގެ ވަރުބަލިކަމެވެ. ނަމަވެސް ޝެފީލްޑުން ވަނީ މިހުރިހާ ކަމަކާ އެކުވެސް މެޗްގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
މި މޮޅާއެކު ޔުނައިޓެޑަށް ވަނީ 31 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ ފަސް ވަނައިގައި ޔުނައިޓެޑް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ވުލްވްސް އޮތީ ހަ ވަނައިގަ އެވެ. ވުލްވްސް އިން ރޭ ވަނީ ރައުލް ހިމެނޭޒްގެ ގޯލުން 1-0 އިން އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށްފަ އެވެ.