މިއަދާއި މާދަމާ ކުރިއަށްގެންދަން ހަމަޖެހިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކޮންގްރެސް މިއަދު މެންދުރުފަހު 2:00ގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމްގެ ކޮންގްރެސްއަށް ޗެނެލް 13 ފިޔަވާ އެހެން މީޑިއާއެއް ނުވެއްދުމަށް އެ ޕާޓީން ނިންމާފައިވާ އިރު، ޗެނަލް 13އިން ކޮންގްރެސް ވަގުތުން ދުރަށް ދައްކާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ޗެނަލް 13ގެ އިތުރުން ޕީޕީއެމްގެ ފޭސްބުކް ޕޭޖުންނާއި ޓުވިޓާއިން ކޮންގްރެސްގެ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. ޕީޕީއެމްގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.
ޕީޕީއެމުން ބާއްވާ އެ ކޮންގްރެސްއަކީ އަސާސީ ގަވާއިދާ ހިލާފަށް ބާއްވާ ކޮންގްރެސްއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެހެންކަމުން އެ ކޮންގްރެސް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސިވިލް ކޯޓުގައި އެދުނު އިރު، އެ ކޮންގްރެސް ހުއްޓުވުމަށް ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައެވެ.
ނަދީމް ހުށަހެޅި މައްސަލައާ ގުޅިގެން އިލެކްޝަނުން ނިންމީ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓު ކުރި ހުކުމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ނަދީމް ފޮނުއްވި ސިޓީގައި ވަނީ ގައުމީ ޖަލްސާ ބޭއްވުމަށް ޕީޕީއެމް އިން ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ގަވާއިދު ޖާގަ ދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށް ނަދީމްގެ ސިޓީގައިވެއެވެ.
ސިވިލް ކޯޓަށް ޔުމްނާ ހުށަހެޅުއްވި މައްސަލައިގައި ކޯޓުން ކުރިން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމްގެ ކައުންސިލުން ޕީޕީއެމް ހިންގާނީ ޕީޕީއެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ގަޒިއްޔާގައި އެކަށައަޅާފައިވާ އޮތް އުސޫލާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވާތީ، އެ ނިންމުން ބާތިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ސިވިލް ކޯޓުން ގޮތެއް ނިންމަންދެން، ޕާޓީގެ އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕީޕީއެމްގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.
ޕީޕީއެމުން މިއަދާއި މާދަމާ ބާއްވާ ކޮންގްރެސްގައި އެ ޕާޓީގެ ރައީސްކަމާއި ނައިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކުރުމަށް ނިންމާފައިވެއެވެ.