އިބްރާހިމް ޒަކީ
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ބެހޭ ކޮމިޓީ (241ކޮމިޓީ) އަށް ނަގާ ބާރުތަކަކީ މަޖިލީހުގެ ގަވާއިދުންނާއި ގާނޫނުއަސާސީގެ ބާރުވެރިކަމުން ނެގެން އޮތް ބާރުތަކެއް ކަމަށް އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ބިލު ދިރާސާކުރުމަށް، ހޮއްވެވި 241 ކޮމިޓީގެ ސަބް ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެވެސެ މުގައްރިރު އަސްލަމް ވިދާޅުވީ، 241 ކޮމިޓީއަކީ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތަށް އެބާރުވެރިކަމާއެކު އުފައްދާފައިވާ ކޮމިޓީއެއް ކަމަށެވެ.
އެ ކޮމިޓީއަކީ ގާނޫނުއަސާސީން އުފައްދާފައިވާ ހަމައެކަނި ކޮމިޓީކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، ގާނޫނުއަސާސީން އެ ކޮމިޓީ އުފައްދަން ނިިންމީ، ސަލާމަތީ ހިދުމަތްތަކާބެހޭގޮތުން ހާއްސަގޮތެއްގައި މަޖިލީހުގެ ދައުރެއް އޮންނާނެ ކަމަށް ދެކިގެން ކަމަށެވެ.
އަސްލަމް ވިދާޅުވީ، އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާ މެދު ފުށުއެރުންތަކެއް މިހާރު ހުރުމުން، އިސްލާހު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސިފައިން ހިމެނިގެން ހިންގާ ކަންކަން ބެލުމުގެ ބައި މަޖިލީހުގެ ގަވާއިދުން ކޮމިޓީއަށް ދިނުމަށް ގަވައިދު އިސްލާހު ކުރާފަދަ އިޝާރާތެއްވެސް އަސްލަމް ދެއްވިއެވެ.
އަސްލަމް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، 241 ގެ ބާރުތަކާބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ، ގާނޫނު އަސާސީން ދީފައި ނެތް ބާރެއް ރައްޔިތުންގެ މަޖިލީހުން ނަގާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިހާރު ގާނޫނު އަސާސީ އޮތް ގޮތުން ތިން ބާރަށްވެސް މަސައްކަތް ކުރާނެ ހުދޫދެއް ކަނޑައަޅައިފައިވާ ކަމަށާއި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އެ އިމުގެ ތެރޭގައި ހުރިހާ ބާރުތަކެއްވެސް މަސައްކަތް ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ފެންނަމުން އަންނަނީ އެގޮތަށް މަސައްކަތް ކުރާތަން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރުތައް ނޫން އެހެން ބާރެއް މަޖިލީހުން ނަގާނެ ކަމަށް އެއްވެސް ހާލެއްގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ގާނޫނު އަސާސީން ދީފައި ނެތް ބާރެއް ރައްޔިތުންގެ މަޖިލީހުން ނަގާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ރައީސް ވިދާޅުވިއެވެ.