ލައިފް ސްޓައިލް

މި ދެމައިން ޑޮކްޓަރަކަށްވާން ކުރި ދަތުރު: ގުރެޖުއޭޓްވީ އެއްކޮށް، އިންޓާންޝިޕް ހަދަނީ އެއް ތަނެއްގައި

ސިންތިއާ ކުޑްޖީ، 49، އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ޑޮކްޓަރަކަށް ވުމެވެ. ނަމަވެސް އޭނާގެ އަންހެން ދަރިފުޅު، ޖޭސްމިން ލިބުނު ފަހުން އެ ހުވަފެން ހާސިލުކުރުން މަޑުޖައްސައިލިއެވެ. ނަމަވެސް 27 އަހަރު ވަންދެން ޑޮކްޓަރަކަށް ވުމަށް ދެކެމުންދިޔަ ހުވަފެން ސިންތިއާ ހަގީގަތަކަށް ހެދީ، ހުރި ހަމައެކަނި އަންހެން ދަރިފުޅާ އެކުއެވެ. ދެމައިން ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެކުއެކީގައި ކަހަލަ ގޮތަކަށް މެޑިކަލް ސްކޫލަކުން ގުރެޖުއޭޓް ވެ، ޑޮކްޓަރު ކަމުގެ ކެރިއަރު ފަށައިފައެވެ.

ދިގު ނަމަވެސް ކާމިޔާބު ދަތުރެއް

އުމުރުން އެންމެ ދެ އަހަރުގައި އުފަން ގައުމު، ގާނާ އިން އެމެރިކާއަށް ބަދަލުވި ސިންތިއާ އެންމެ ކުޑައިރުއްސުރެ ވާން ބޭނުންވީ ޑޮކްޓަރަކަށެވެ. އެގޮތުން އުމުރުން 17 އަހަރުގައި އެނބުރި ގާނާއަށް އޭނާ ކުރި ދަތުރެއްގައި، މަންމައަކު އޭނާގެ ދަރިފުޅު ވަރަށް ގަދައަށް ހުން އައިސްގެން ސިންތިއާގެ އާއިލާ ކައިރިއަށް އެހީއަށް އައެވެ. އެއީ ސިންތިއާގެ އާއިލާ އެމެރިކާގައި އުޅެފައިވާތީ ދަރިފުޅަށް އެހީއެއް ވާން އެނގިދާނެ ކަމަށް ހިތައެވެ. މިއީ ސިންތިއާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހާދިސާއެވެ.

"ސިއްހީ ނިޒާމުތަކުގައި އެހާ ބޮޑު ތަފާތުތަކެއް ހުރުމުން އަހަރެންނަށް ވަރަށް ބޮޑަށް އަސަރުކުރި. އަހަރެން ކޮންމެވެސް ކަމެއް ކުރަން ބޭނުންވި،" ސިންތިއާ ބުންޏެވެ.

އެގޮތުން ގާނާއަށް ކުރި ދަތުރަށްފަހު ސިންތިއާ އެނބުރި އެމެރިކާއަށް ގޮސް، މެޑިކަލް ސްކޫލަކަށް ދިއުމަށް ބަޔޮލޮޖީ މޭޖާ ކިޔަވަން ޔުނިވާސިޓީއަކަށް ދާން ފެށިއެވެ. ނަމަވެސް ކޮލެޖުގެ ސީނިއާ އަހަރުތަކުގައި އުމުރުން 22 އަހަރުގައި ސިންތިއާ ބަލިވެއިނެވެ.

ސިއްހީ ދާއިރާއިން ބޭރުން ކެރިއަރެއް ބިނާކުރަން އޭނާ ބޭނުން ނުވި ނަމަވެސް، މަންމައަކަށް ވުމުން ސިންތިއާގެ ޕްލޭންތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުންތަކެއް އައެވެ. އެކަމަށް އިތުރު ގޮންޖެހުމެއް ކުރިމަތި ވީ ދަރިފުޅު ލިބުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިންތިއާގެ ދެމައިން ދޫކޮށް ފިރިމީހާ ދިއުމެވެ.

"ގެއަށް އާމްދަނީއެއް ހޯދަން ވަޒީފާއަކަށް ދާން ޖެހޭތީ ފިޒީޝަނަކަށް ވުމަށް އަހަރެން ދެކެމުން ދިޔަ ހުވަފެން އެއްފަރާތް ކޮށްލަން ޖެހުނު. އެއީ އަހަރެން ނަރުހަކަށް ވީ ގޮތަކީ،" ސިންތިއާ ބުންޏެވެ. އެގޮތުން ސިންތިއާ އެންމެ ފުރަތަމަ ދެ އަހަރު މަސައްކަތް ކުރީ ނާސިން އެސިސްޓެންޓަކަށެވެ. އެއަށްފަހު ރަޖިސްޓާޑް ނަރުހެއްގެ ގޮތުގައި އަށް އަހަރު ހޭދަކުރިއެވެ.

ސިންތިއާގެ ވަޒީފާގެ މާހައުލުގައި ދަރިފުޅު ޖޭސްމިން ވެސް ކޮންމެވެސް ވަރަކަށް ބައިވެރިކުރުވިއެވެ. އެގޮތުން ކުޑައިރު ޖޭސްމިން ލައްވައި ބަލިމީހުންނާ ވާހަކަ ދައްކުވައި، ޑޮކްޓަރުގެ ކަށިގަނޑާ ކުޅެ ހަދަން ދިނެވެ. މިކަމުގެ ސަބަބުން ދަރިފުޅު ވެސް މެޑިސިންއަށް ލޯބި އުފެދުނެވެ. ސިންތިއާ ބަލިމީހުންނަށް ފަރުވާ ކުރާތަން ބެލުމަށާއި ޑޮކްޓަރުންނާ ގުޅޭ ރިއަލިޓީ ޝޯތަކަށް ޖޭސްމިންގެ ޝައުގުވެރިކަން އިތުރު ވިއެވެ. އަދި ސިންތިއާ މެޑިކަލް ސްކޫލަކަށް ވަންނަން ނިންމިއިރު، ދަރިފުޅު ޖޭސްމިންގެ ހުވަފެނަކަށް ވެސް ވެފައި އޮތީ ޑޮކްޓަރަކަށް ވުމެވެ.

ކިޔެވިއިރު ދެމައިން ހިތްވަރު ހޯދީ އެކަކު އަނެކަކުގެ ފަރާތުން

ދަރިފުޅު ޖޭސްމިން ކޮލެޖަށް ވަނުމުން، ސިންތިއާ ވެސް ޑޮކްޓަރަކަށް ވުމަށް އޭނާ ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ފެށިއެވެ. އެގޮތުން 2013 ވަނަ އަހަރު އުމުރުން 43 އަހަރުގައި ޔުނިވަސިޓީ އޮފް މެޑިސިން އެންޑް ހެލްތު ސައިންސަށް މެޑިސިން ކިޔަވަން ދާންފެށިއެވެ. ސިންތިއާ ޑޮކްޓަރަކަށް ވާން ކިޔަވަން ފެށިތާ ދެ އަހަރު ފަހުން ކޮލެޖު ތައުލީމު ހާސިލުކުރުމަށްފަހު ޖޭސްމިން ވެސް އޭނާ ކުޑައިރު ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ހެދުމަށް ލުއިޒިއާނާ ސްޓޭޓް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންއާ ގުޅުނެވެ.

ދެ ޔުނިވާސިޓީއެއްގައި ކިޔެވުން ވީ ދެމައިންނަށް ވެސް އުދަނގޫ ކަމަކަށެވެ. ނަމަވެސް ދެމީހުން ވެސް ކިޔަވަމުން ދިޔައީ އެކައްޗެއް ކަމުން އެކަކު އަނެކަކަށް އެހީތެރި ވެ، ތަޖުރިބާތައް ހިއްސާ ކުރަމުން ގެންދިޔައެވެ. އެގޮތުން ޓެސްޓަށް ފިލާވަޅު ދަސްކުރީ ވެސް ސްކައިޕް މެދުވެރިކޮށް ގުޅައިގެން ތިބެގެންނެވެ. އަދި ބަލިމީހުންގެ ބައްޔާ ގުޅޭގޮތުން ދެމީހުންވެސް ގުޅައި ހިޔާލު ހޯދައެވެ. މިކަމުގެ ސަބަބުން ދެމައިންގެ ގުޅުން ވެސް ބަދަހި ވިއެވެ. އެމީހުން ސިފަކުރާ ގޮތުގައި އެއީ އެންމެ ގާތް ދެ އެކުވެރިންނެވެ.

"މެޑިކަލް ސްކޫލެއްގައި ހޭދަވާ ހަތަރު ނުވަތަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވާ އުދަނގޫތައް އަންޑަސްޓޭންޑުވާ މީހަކު ނުހުރުމަކީ ވަރަށް އުދަނގޫ ކަމެއް. ނަމަވެސް އަހަރެންގެ މަންމައަށް އެ އުދަނގޫތައް އެނގުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޖޭސްމިން ބުންޏެވެ.

މެޑިކަލް ސްކޫލުން ގްރެޖުއޭޓް ވުމަށްފަހު މިއަދު ސިންތިއާ އާއި ޖޭސްމިން ރެސިޑެންސީ ޓްރެއިނިން ހަދަމުން އަންނަނީ އެއްކޮށެވެ. ލުއިޒިއާނާ ސްޓޭޓް ޔުނިވާސިޓީން ސިންތިއާ ހަދަމުން އަންނަނީ ފެމިލީ މެޑިސިންއެވެ. ޖޭސްމިން ކުރިއަށްދާން ހިޔާރުކުރީ ޖެނެރަލް ސާޖަރީއެވެ. މި ތަމްރީނަށްފަހު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ދެ މީހުންއެކުގައި މަސައްކަތުގެ މައިދާނަށް ޑޮކްޓަރުންގެ ގޮތުގައި ނުކުންނާނެއެވެ.