ފަތިސް ނަމާދުކޮށްލައިގެން މަގުމައްޗަށް ނިކުތުމުން މުޅި ހަށިގަނޑު ތާޒާކޮށްލީ ޖެހެމުންދިޔަ މަޑު ފިނި ވައިރޯޅިތަކުންނެވެ. ފިނި ފައިބައިފައި ހުރުމުން ކުޑަކޮށް ފިނިވާންވެސް ފެށިއެވެ. މަގުމައްޗަށް ނިކުތުމުން މަރުހަބާ ކީ ކާޅާއި ކޮވެލީގެ މަޑުމަޑު މިއުޒިކީ ރާގުންނެވެ. މަޑު ހިނގުމެއްގައި ރަށުގެ ބޮޑު މަގުން ހިނގާފައި ދިޔައިރު ފަތިހު ކަސްރަތަށް ހިނގާށާއި ދުވަން ނިކުމެ އުޅޭ މީހުންނާ ދިމާވިއެވެ. ފަތިހާ ގޭދޮށު ކައިރި މަގު ކަހަން އިލޮށި ފަތި ހިފައިގެން އަަންހެންވެރިން އުޅެއެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކު ފެނުމުން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށް ނިތް އަރުވައިލައެވެ. މަގުގެ އެކި ހިސާބުގައި ކަސްރަތު ކުރަން ގުރޫޕު ހަދައިގެން ނިކުމެ އުޅޭ މީހުން ދުވަމުން ދިޔައީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. މަގުމަތިން ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނޑުތައް ދުއްވައިފާނެތީ ބަލާކަށް ނުޖެހެއެވެ. މަގުގެ ދެފަރާތުގައި ސައިކަލާއި ކާރު ޕާކް ކޮށްފައި ހުންނާތީ އުނދަގޫ ވެގެން އުޅޭކަށް ނުޖެހެއެވެ. މީހުން އުޅެމުން ދިޔައީ މިނިވަން ކަންމަތީ އަމިއްލަ ދުނިޔެއެއްގައެވެ. މަގުމަތީގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ.
ހެނދުނުގެ ނާސްތާ ކުރީ ގޯތި ތެރޭގައި ހުރި ބޮޑު ހިރުނދު ގަހުގެ ހިޔަލުގައި ތިބެގެންނެވެ. ގަހުގައި އެލުވާފައި ހުރި އުނދޯލިތަކުގައި ތިބެގެން ސައިބޮމުން ދިޔައިރު ކުދިވެރިން އޮޅުކޮށްގެން ގެންގުޅު ކުދި ކުކުޅު ފިޔޮއްތައް ވެސް ފައި ކައިރީގައި ތިބެގެން ވެލިގަނޑުން ހޮވައިގެން ކަމުން ދިޔައެވެ. ގޯތީ އެއްފަރާތެއްގައި ހުރި ފޭރު ގަހުގައި ތިބި ކާޅުތައް ދިޔައީ އެކުދި ފިޔޮއްތަކާ ދިމާއަށް ދަހިވެތި ނަޒަރަކުން ބަލަމުންނެވެ. ކުދިވެރިން ތިބީ ކާޅެއް އަންނަ އިރަށް ފައްސައިލަން ތައްޔާރުގައެވެ. ސައިބޮއި ނިމިގެންވެސް ހިތްހަމަޖައްސައިލާން އެތައް އިރަކު މަޑު މަޑުން އުނދޯލި ހެއްލަން ތިބީމެވެ. އެންމެން އެކީ ތިބެގެން ރާވަމުން ދިޔައީ މެންދުރު ކައްކައިގެން މޫދަށް ދިއުމަށެވެ. ކުދިވެރިންވެސް ހިތްހަމަ ޖައްސައިލުމަށެވެ.
މެންދުރު ތުނޑިއަށް ގޮސް ކައްކައިގެން މޫދަށް އެރުމަށް ރޭވުމުން، އެއްބަޔަކު ވަނީ ވަލަށެވެ. އުނދުން ޖަހައިގެން ކައްކަން ބޭނުންވާ ދަރު ހޯދާށެވެ. ވަލުތެރެއަށް ވަނަމުން އިވެމުންދިޔައީ އެކި ކަހަލަ ދޫނި ސޫފާ ސޫފި ގޮވާ އަޑެވެ. ކުކުޅާއި ކަނބިލި ފަދަ އެއްޗެހި އުޅެމުން ދިޔައެވެ. ކުރިގޮބޮޅި ރުކެއް ފެނުމުން ރުއްކައިރި އަތްފުނާ އެޅަން ފެށީ ވެއްޓިފައި އޮތް ކުޑަ ނަމަވެސް ކުރިގޮބަޅިއެއް ފެނޭތޯއެވެ. ކުރިގޮބަޅި ހޮވައިގެން އެ ކައިގެން، ބޭނުންވާވަރަށް ދަރު ލިބުމުން އަނބުރާ ދިޔައީ ގެޔަށެވެ. ގެއަށް ވަންއިރު، އިވެމުން ދިޔައީ ރޭޑިއޯގެ އަޑެވެ. ރޭޑިއޯ ހުރީ ދިވެހި ރާއްޖޭގެ އަޑަށް ޓިއުނު ކޮށްފައެވެ. ގޭގެ އެންމެން ބުރަކޮށް އުޅެމުން ދިޔައީ މެންދުރު ކައްކައިން މޫދަށް ދާތީ އެކަމަށް ތައްޔާރު ވުމަށެވެ.
މެންދުރު ނަމާދުކޮށްގެން އާއިލާ އެކީ ދިޔައީ ތުނޑިއަށް މޫދަށެވެ. މޫދު ކިތަންމެހާވެސް ރީއްޗެވެ. ކަނޑު މަޑު ދުވަހަކަށް ވުމުން ފެންނަ ފެނުމަށް ހީވަނީ މަޑު ނޫކުލައިގެ ދޫލައެއް އަޅާލާފައި އޮތްހެނެވެ. އެހާވެސް ހިތްގައިމެވެ. މޫދަށް ނަޖިސް ބޭރުވާ ހޮޅިތައް ހުރެދާނެތީ ވިސްނާކަށް ނުޖެހެއެވެ. ތުނޑީގައި އާއިލާއާއެކީ ވަގުތު ހޭދަކުރިއިރު، އެތާ މީހުން ގިނަކަމުން އުނދަގޫވެގެން އުޅޭކަށް ނުޖެހެއެވެ. އެންމެންވެސް ތިބީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި ވަރަށް ހިތްހަމެޖެހިގެންނެވެ. ފިރިހެންވެރިން ކައްކަން އުނދުން ޖެހުމުގެ މަސައްކަތް ކުރަމުން ދިޔައިރު އަންހެންވެރިން ދިޔައީ މަސްބަތް ކެއްކުމަށް ތައްޔާރުތައް ވަމުންނެވެ. ކުދިވެރިން މޫދަށް އެރި މަޖާކުރަމުން ދިޔައީ މިނިވަންކަންމަތީއެވެ. ރާޅުޖަހާ އަޑު އިވުމުން މީހާގެ ހިތާއި ސިކުނޑި ތާޒާކަން ލިބެ އެވެ. ކައްކައިގެން ކާން އެންމެ ދިޔައީ މޫދަށެވެ. މޫދު ކައިރީގައި ރާޅުޖަހާ ފަށުގައި އިށީނދެ ތިބެގެން ކެއުން، މާލޭގެ އަގުބޮޑު ރެސްޓޯރެންޓަކުން ކެއުމަށްވުރެ މާ ސަޅިއެވެ.
މޫދަށް އެރި ސަކަރާތްޖަހައި މަޖާކުރުމަށްފަހު ގެޔަށް ދިޔައިރު ހުރީ އިރޮއޮއްސެން ކައިރިވެފައެވެ. ކުދިވެރިން ފެންވަރައިގެން ދެނަމާދު ދޭތެރޭގައި ޔާސީން ސޫރަތް ކިޔެވިއެވެ. އެންމެންވެސް ތިބީ ވަރަށް ވަރުބަލި ވެފައެވެ. ކުދިވެރިން ނިންދަވާފައި އަންހެންވެރިން ދިޔައީ ކަސްރަތަށް ހިނގާށެވެ. އަވަށު މީހުންނާ އެކީ ކަސްރަތަށެވެ. އެމީހުން ރޭގަނޑު ބޭރުގައި އުޅެމުން ދިޔައީ އެއްވެސް ބިރެއް ނެތެވެ. މީހަކު ފުރައްސާރަކޮށް އަނިޔާއެއް ދީފާނެ ކަމުގެ ބިރުވެރިކަމެއް ނެތިއެވެ. ކަސްރަތަށް ހިނގުމަށްފަހު ހޮޅުއަށީގައި ތިބެގެން އެކިކަހަލަ އޮލަ ވާހަކަ ދެއްކުމަށްފަހު ގެޔަށް އައިސް އައިސް ކައި ހަދައިގެން ނިދީއެވެ.
މިއީ ރާއްޖެތެރޭ ރަށެއްގައި އެއްދުވަސް ހޭދަކުރި ގޮތެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ސައިކަލާއި ކާރުގެ ބަރުގޮނު އަޅާ އަޑުގެ ބަދަލުގައި އިވެމުންދާނީ ހޭޅިފަށަށް ރާޅު ޖަހާ އަޑާއި ވައިޖެހޭ އަޑާއި އެކިއެކި ދޫނިސޫފާސޫފީގެ އަޑެވެ. ބޭރަށް ގޮސް ހަދާއިރު މުދާކޮޅު ފޭރިގެންފާނެ ކަމުގެ ބިރަށް ގެ ތަޅުލާކަށް ނުޖެހޭނެއެވެ. މާލެހާ ހިދުމަތްތައް ރަނގަޅުވެފައި ތަރައްގީ ނޫން ނަމަވެސް އަހަރެމެން މިތާ އުޅެނީ ހަމަޖެހިގެން މިނިވަންކަންމަތީއެވެ.
ދިރިއުޅުމުގެ ހަރަދު ބޮޑުވެގެން ބޮލުގައެއް ނުރިހެ އެވެ. މަސް ނުނިމެނީސް ގޭގެ ވެރިމިހާ ކުލިކޮޅު ހޯދަން ގުޅާވަރުން ބޮލަށް އުނދަގޫ ވެގެން އުޅޭކަށް ނުޖެހެ އެވެ. ތަޅުމުގައި މާބުލް މުށި ނެތަސް ހެވެވެ. އަހަރެމެންގެ ގޭ ތެރޭގެ ބޮޑު ސިޓިން ރޫމާއި ބޭރުގޭ ތެރޭގައި މި ހުރި އުނދޯއްޔާއި ބޮޑެތި ކޮޓަރި ތަކާއި ރިސޯޓުތަކުގައި އެ ހުންނަ ވަރަށްވުރެވެސް ބޮޑު ވަޅު ގިފިއްޔާއި ގޯތި ތެރޭގައި މި އޮތް މާސިންގާ ހުސް ޖާގައިގެ އަގު ކޮންމެ ގޮތަކަށް ބެއްޔަސް މާ ބޮޑެވެ. ގޯތި ތެރޭގައި ހައްދާފައި މި ހުރި އެކި ބާވަތްތަކުގެ ގަސްތަކުން މުޅި މާހައުލު ފެހިކޮށްލައި ހިޔާދީފައި އޮންނަ އިރު ދެން ބުނާނީވެސް ކީކޭ ހެއްޔެވެ؟ ލައިގެންކާނޭ އެއްޗެއް ނެތިގެން ނުވަތަ މާރުކޭޓުން މަސް އަގުބޮޑުވެގެން އުޅޭކަށް ނުޖެހެ އެވެ. ކޮންމެ ދިމާއަކުންވެސް ދޮއްޓެއް ނޫނީ ނަނެއް ހިފައިގެން ގޮނޑުދޮށަށް ފޭބުމުން ކޮންމެވެސް ކަހަލަ މަހެއް ބޭނެ އެވެ. އަގެއް ދޭކަށް ނުޖެހެ އެވެ. އެ ނިއުމަތް އޮތީ ގުދުރަތުން ތަނަވަސްކޮށްދީފަ އެވެ. އެންމެ ދުރަށްވެސް ބޮއްކުރައެއްގައި ފަޅުތެރެޔަށް ނުކުތުމުން އެ ބޭނުން މާ ފުރިހަމަޔަށްވެސް ފުދެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެންމެ ބޭނުންތެރި ފެހި ފަތް، ތަރުކާރީ އަދި މޭވާވެސް އެހުރީ ގޯތި ތެރޭގަ އެވެ. ކޮޕީފަތާއި ކުއްޅަފިލާފަތާއި ދިގުތިޔަރަ ފަތެވެ. ތޮޅި މިރުހާއި ގިތެޔޮމިރުސް މިގޭ މީހުންނަށް ފުދި، މަދު ނުވާ ވަރަށް ގޯތި ތެރެއިން ލިބެ އެވެ. ބަނބުކެޔޮ ގަހުން ކޮންމެ މޫސުމަކުވެސް ބަނބުކެޔޮ ދޭއިރު، ތޮރާ އަދި ޗިޗަންޑާ ވެލުން މެދުނުކެނޑި ކަހަލަ ގޮތަކަށް އެތަކެތިވެސް ލިބެ އެވެ. ފަޅޯ، ޖުމުހޫރީ މޭވާ އަދި ފޭރުވެސް ގޯތި ތެރޭގައި އެބަ ހުއްޓެވެ. މި ލިޔެވުނު ގިނަ ބާވަތްތަކަކީ ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ތަނަވަސް ޖާގަ އޮންނަ ގޯތިތަކުން ފެންނާނެ ބާވަތްތަކެވެ. މީގެ އިތުރުން މިހާރަށް ބަލާއިރު ޖަނބުރޯލު އަދި އަނބުގަސްވެސް ގިނަ ގޭގޭގައި ހުރެ އެވެ.
މިއީ ރާއްޖެތެރޭގެ އާދައިގެ ރަށެއްގެ ތަފާތު ދިރިއުޅުމެވެ. މި ދިރިއުޅުން ހިތާއި ނަފުސަށް ހުރިހާ ގޮތަކުން ވެސް މާ ރަނގަޅެވެ. އަހަރެމެން އުޅެނީ ފައިމަގުގައެވެ. ޖެހިގެން ހުރި ގެޔަށް ދާން ވެސް ސައިކަލެއް ނެތިގެން ކާރެއް ނެތިގެން އުޅޭކަށް ނުޖެހެ އެވެ. ހިތަކަށްވެސް ނާރަ އެވެ. ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ކިތަންމެ ދުރަށް ދާން ޖެހުނަސް އެންމެ ދުވަސްވީ މީހާވެސް ދާނީ ހިނގައިފަ އެވެ. އަހަރެމެންގެ ސިއްހަތު އާންމު ގޮތެއްގައި ރަނގަޅީ އެހެންވެ އެވެ. މާލޭގައި ޖަލެއް ފަދަ މާހައުލެއްގައި އުޅޭ މީހުން ބޮޑު ހޭދައެއް ކޮށްގެން ޖިމަށް ދިޔަޔަސް، އަހަރެމެން ކޮންމެ ދުވަހަކު މި ހިނގާ ހިނގުމުން ލިބޭ ކަސްރަތު ވަކި ދެރައެއް ނޫނެވެ. އެކި ފާޑު ފާޑުގެ މެޝިން ލީ ޖިމް ނެތަސް އަހަރެމެންނަށް މައްސަލައެއް ނެތެވެ.
މާލެ ކިތަންމެ މޮޅަސް، މި ރަށަށް މާލެއިން އަންނަ މީހުން ފޮޓޯ ނަގަން ބޭނުން ވަނީ މި ރަށުގައި ރާނާފައި ހުންނަ ތެޅިގަލުގެ ފާރު ކައިރީގަ އެވެ. ފަންގެއެއް ފެނިއްޖެ ނަމަ ނަމަ އެތަނެއްގެ ފުރާޅު ފޮޓޮއަށް އަރުވައިގެންނެވެ. އަތިރިމަތީގަ އެވެ. ގޮއިވާ ފެންނަ ގޮތަށެވެ. ރަށުގެ ވެލިމަގުތައް މަތީގަ އެވެ. އެމީހުންނަށް މޮޅު ފޮޓޮއަކަށް ވަނީ މަގުމަތީގައި ކުދީން ވެލިމަތީގައި އެއްވެސް ބިރެއް ނެތި ކުޅޭން އެ އުޅޭ ގޮތުގެ މަންޒަރެވެ. ޅަފުރައިގެ ކުދީން ފާލަން ކައިރީން މޫދަށް ޑައިބު ޖަހާ ފޮޓޯތަކެވެ. އެހާ ޅަ އުމުރުގައި ވެސް އެކުދީން މޫދަށް ފަރިތަކަމުން އެ މީހުން ތިބެނީ ޝޮކު ޖެހިފަ އެވެ.
މީ ދިވެހި ދިރިއުޅުމެވެ. ހަގީގީ ދިވެހި ދިރިއުޅުމެވެ. މިޔަށް ރާއްޖެތެރޭ ދިރިއުޅުމޭ ކިޔަސް މައްސަލައެއް ނެތެވެ. ދެރައެއްވެސް ނުވެ އެވެ. ލަދެއްވެސް ނުގަނެ އެވެ. އަހަރެމެންނަށް މިއީ މުޅި ދުނިޔެއިންވެސް ލިބޭ އެންމެ އަގު ބޮޑު ދިރިއުޅުމެވެ. މި ދިރިއުޅުމަށްޓަކައި ޝުކުރުވެރިވަމެވެ. މި ނިއުމަތަށްޓަކައި ޝުކުރުވެރިވަމެވެ. އެދުމަކީ ދިވެހީންގެ ދިވެހި ވަންތަ މި ދިރިއުޅުން އަބަދުވެސް މި ގޮތުގައި މިންވަރުކުރައްވާފައި އޮތުމެވެ.