ރައްޔިތުންގެ މަޖިލިސް

ރިޕޯޓްގެ މައްސަލައިގައި ރައީސް ވަހީދު މަޖިލީހަށް ހާޒިރުކުރަން ގޮވާލައިފި

އެސްޓީއޯއިން މޯކޮމްއާއެކު ކޮށްފައިވާ ކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ރިޕޯޓް ފޮރުވި ކަމަށް ބުނާ މައްސަލައިގައި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ރައްޔތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

އެ މައްސަލައާ ބެހޭގޮތުން މަޖިލީހުގައި މިއަދު ކުރިއަށްދާ ބަހުސްގައި، ވާހަކަ ދައްވަމުން ބައެއް މެންބަރުން ވިދާޅުވީ، އެ މައްސަލައިގައި، އޭރުގެ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިޔާދާއި، އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރާއި، އެމްއެމްއޭގެ ގަވަރުނަރު ފަޒީލު ނަޖީބުވެސް ޒިންމާ ނަންގަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން އެބޭފުޅުންވެސް ޒިމާދާރު ކުރުވަން ޖެހޭނެ ކަަމަށް މެންބަރުން ވިދާޅުވިއެވެ.

ބައެއް މެންބަރުން ވިދާޅުވީ، އެ މައްސަލަ ބަލައި، އޭރުގެ ރައީސް ޑރ. ވަހީދުގެ މުދާ ސަރުކާރަށް ނަގަން ޖެހިއްޖެއްޔާ އެކަންވެސް ކުރަންޖެހޭ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އުފައްދަން ޖެހޭކަމަށާއި، އޭސީސީިން ވެސް އެ މައްސަލަ ބަލަން ޖެހޭކަމަށް މެންބަރުން ވިދާޅުވިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހަޅުއްވާފައިވާ މައްސަލައިގައި ވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި، މޯކޮމް ކުންފުންޏާ ދެމެދު 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް، ކުރީގެ ރައީސް މުހައްމަދު ނަޝީދުުގެ ވެރިކަމުގައި ސިންގަޕޫރުގެ ގްރާންތޯންޓަން އިންޓަނޭޝަނަލް ހަވާލު ކޮށްގެން ތަހުގީގު ކުރަމުން ގެންދަނިކޮށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެން އެ ތަހުގީގު ހުއްޓުވާލައި އޭގެ ބަދަލުގައި ދިވެހި ސަރުކާރުން އެކުންފުންޏަށް ދައްކަން ޖެހުނު 10 މިލިޔަން ޑޮލަރު ދެއްކުމަށްފަހު އެ މައްސަލައިގެ ރިޕޯޓް ގެނެސް އެމަނިކުފާނު ފޮރުވާފައިވާ ކަމަށް ބުނެ، އެ ރިޕޯޓް ހޯދައި މަޖިލީހާ ހަވާލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި، ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލައިފައެވެ.