އިންގްލެންޑާ އެކު މިމަހުގެ 28 ވަނަ ދުވަހު މެޗްތަކެއް ކުޅުމަށް ޕާކިސްތާނުގެ ކްރިކެޓް ޓީމު ފުރަން އޮތް ޓުއާގެ ކުރިން ހެދި ޓެސްޓުތަކުން ޕާކިސްތާނުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިއްޖެ އެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗީފް އެގްޒެކްޓިވް ވިސާމް ޚާން ވިދާޅުވީ އިންގްލެންޑް ޓުއާ އަކީ ވަރަށް މުހިންމު ދަތުރެއް ކަމަށާއި ކަނޑައާޅާފައިވާ ތާރީހުގައި އިނގިރޭސިވިލާތަށް ފުރާނެ ކަމަށެވެ. ޕާކިސްތާނުން އިންގްލެންޑުގައި ޓެސްޓް ތިން މެޗާއި، ޓުވެންޓީ ޓުވެންޓީ ތިން މެޗު ކުޅޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުގެ ދިހަ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ހުރިހާ ކުޅުންތެރިންވެސް މިހާރު ތިބީ ކަރަންޓީނުކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދިހަ ކުޅުންތެރިން ޕޮޒިޓިވް ވި ނަމަވެސް އެއިން އެއްވެސް ކުޅުންތެރިޔެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. ވިސާމް ޚާން ވިދާޅުވީ ހުރިހާ ކުޅުންތެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި މި ކުޅުންތެރިންގެ ކަރަންޓީނު މުއްދަތު ހަމަކޮށް، އިތުރު ދެ ޓެސްޓު ހެދުމަށް ފަހު ނަތީޖާތައް ނެގެޓިވް ވެއްޖެ ނަމަ މި ކުޅުންތެރިންވެސް އަލުން ޓީމާ ގުޅޭނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އިނގިރޭސިވިލާތަށް ފުރުމުގެ 24 ގަޑިއިރު ކުރިން އަލުން ހުރިހާ ކުޅުންތެރިންވެސް ޓެސްޓްކުރާނެ ކަމަށެވެ. ކުޅުންތެރިންނަށް ފުރޭނީ ނަތީޖާ ނެގެޓިވް ނަމައެވެ.
އިނގެރޭސި ވިލާތުން ވަނީ އިތުރު ޓެސްޓް ސީރީޒް މެޗްތަކެއް ވެސްޓް އިންޑީޒް އާ އެކު ވެސް ކުޅެން ނިންމާފައެވެ. އެމެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ސައުތު ހޭމްޓަން އާއި އޯލްޑް ޓްރޮފޯޑްގައެވެ. މިދަނޑިވަޅުގައި ރައްކާތެރި މާހައުލެއްގައި މެޗްތައް ކުރިޔަށް ގެންދިއުމަށް އިސްކަން ދިނުމަށް އިންގްލެންޑުން ވަނީ ނިންމައިފައެވެ.