ރައްޔިތުންގެ މަޖިލިސް

800 މިލިޔަން ޑޮލަރުގެ ހިޔާނާތް ބެލި ފަރާތުގެ ފައިލްތައް އަޅުގަނޑުގެ ބެލުމުގެ ދަށުން ހަވާލު ކުރީ އޭސީސީއާ: އުޝާމް

އިބްރާހިމް ޒަކީ

އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި، މޯކޮމް ކުންފުންޏާ ދެމެދު 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ތަހުހީގު ކުރި ސިންގަޕޫރުގެ ގްރާންތޯންޓަން އިންޓަނޭޝަނަލް އިން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމާބެހޭ ލިޔުންތައް ހިމެނޭ ފައިލްތައް، އަމިއްލަ ބެލުމުގެ ދަށުން އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީއާ ހަވާލު ކޮށްފައިވާނެ ކަމަށް ރައްޔިތުގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ގްރާންތޯންޓަން އިން އެ މައްސަލަ ބަލަމުން ދަނިކޮށް، ރައީސް ވަހީދު ވެރިކަމަށް ވަޑައިގެން، އެ މައްސަލަ ހުއްޓުވާލައި، ސަރުކާރުން އެ ކުންފުންޏަށް 10 މިލިޔަން ޑޮލަރު ދިނުމަށްފަހު، އެ ރިޕޯޓް ހޯދައި ފޮރުވިކަމަށް ބުނެ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ބަހުސް ކުރަމުންދާ މައްސަލައަށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ހިޔާލީ ވާހަކަތަކެއް ލިޔެ ހުށަހެޅުމަކުން އެއީ ހަގީގަތަކަށް ނުވާނެ ކަމަށެވެ.

އެ ކަމާބެހޭ ލިޔެކިޔުންތައް އެޓާނީ ޖެނެރަލްގެ އޮފީހާއި އޭސީސީގައި ހުންނާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން 10 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ވާހަކަ ދައްކާއިރު، އޭޖީ އޮފީހުގެ 2012 ވަނަ އަހަރުގެ އެކަމާބެހޭ ރިޕޯޓެއްގައި ބުނެފައިވަނީ އެ ކުންފުޏަށް 4.8 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އެ ރިޕޯޓާ ހަވާލާދީ އުޝާމް ވިދާޅުވީ، އެ ފައިސާއަކީ، އެ ފަރާތްތަކުގެ އިންވޮއިސްތަކަށް ދިވެހި ސަރުކާރުން ފައިސާ ނުދައްކާތީ، ސަރުކާރާއި އެފަރާތާ ދެމެދު ކޮށްފައިވާ އެއްބަސްވުންތައް ނިިމުމަކަށް ގެނައުމަށް އެފަރާތުން ބޭނުންވާ ކަމާއި، ނުދައްކާ ހުރި އެންމެހާ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސްކުރުމަަށް އަންގައި އަދި އެއަށް ޖަވާބު ނުދީފިނަމަ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިނގެރޭސި ވިލާތުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާނެކަމަށް ބުނުމުން، އެއްބަސްްވުންތައް އުވާލައި އެފަރާތަށް ދައްކަން ޖެހޭ ފައިސާ ހަލާސްކުރުމުގެ ގޮތުން ދައްކާފައިވާ ފައިސާއެއް ކަމަށެވެ. އަދި ފައިސާގެ މައްސަލައް ހައްލުކޮށް 26 މާޗް 2013 ގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށްވެސް އުޝާމު ވިދާޅުވިއެވެ.