މުނިފޫހިފިލުވުން

މަޝްހޫރު ތަރިންގެ ދަރިންވެސް ސޯޝަލް މީޑިއާއާއި ދުރަށް

އީމާ މުހައްމަދު ވަހީދު

ޝުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވުމާއި ގުޅިގެން ބޮލީވުޑް ތެރޭގައި ނެޕްޓިޒަމާއި ތަފާތު ކުރުންތައް އޮތް މިންވަރާ ބެހޭ ގޮތުން ގިނަބަޔަކު ދަނީ ބަހުސްކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް މީހުން ދަނީ ތަފާތު އެއްޗެހި ކިޔައި، އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަތައްވެސް ހުށަހަޅަމުންނެވެ.

އެގޮތުން ދާދިފަހުން ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންނަޔާ ޕަންޑޭވެސް ވަނީ އޭނާގެ އިންސްޓަގްރާމު ޕޯސްޓްތަކަށް ކޮމެންޓް ކުރެވޭ މިންވަރު ލިމިޓްކޮށްފައެވެ. ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން ބޮލީވުޑަށް ތައާރަފުވި އަނަންނަޔާ އަށް ދަނީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންނެވެ. އެގޮތުން އަނަންނަޔާ އަކީ ބޮލީވުޑްގައި ނެޕޮޓިޒަމް އޮތް މިންވަރު ހާމަވާ އަލިގަދަ މިސާލެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ސިފަކުރާ ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ވެސް މިވަނީ އޭނާގެ އިންސްޓަގްރާމު ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ. ސުހާނާ އަދި ރަސްމީކޮށް ބޮލީވުޑަށް ތައާރަފެއްވެސް ނުވެއެވެ. އެހެންނަމަވެސް ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރަށާއި މަޝްހޫރު ތަރިންގެ ދަރިންނަށް މީހުން ފާޑުފާޑުފެ އެއްޗެހި ކިޔަމުންދާތީ އެކަމާ ދުރުގައި ހުންނަން ސުހާނާ ވެސް ކޮމެންޓް ނުކުރެވޭ ގޮތް ހެދީއެވެ.

ސަލްމާނު ހާންގެ ކޮއްކޮގެ ފިރިމީހާ އަޔުޝް ޝަރުމާ ވެސް މިވަނީ މީހުންގެ ނަފްރަތަށް ކެތް ނުކުރެވިގެން ޓޫވީޓާ ޑިއެކްޓިވޭޓް ކޮށްފައެވެ. އެގޮތުން އަޔުޝް ސަލްމާނުގެ ކޮއްކޮއާ ކައިވެނި ކުރީ ހަމައެކަނި ފިލްމަކުން ޖާގަ ހޯދުމުގެ މަގްސަދުގައި ކަމަށްބުނެ ވެސް ގިނަ ބަޔަކު ދަނީ ވާހަކަ ފަތުރަމުންނެވެ.

އާއްމުންގެ ފަރާތުން ލިބެމުންދާ ނަފްރަތަށް ކެތް ނުކުރެވިގެން އިންސްޓަގްރާމު އަދި ޓުވީޓާއާ ދުރުވި ތަރިންގެ ތެރޭގައި ސޯނަމް ކަޕޫރު، އާލިއާ ބަޓް، ސޮނާކްޝީ ސިންހާ އަދި ކަރީނާ ކަޕޫރުވެސް ހިމެނެއެވެ.