ދުނިޔޭގެ ފުޓުބޯޅަ އިދާރާ ފީފާއިން ބާއްވަމުން އަންނަ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް 2023 ވަނަ އަހަރު ބާއްވާނެ ގައުމެއް މާދަމާ ކަނޑައަޅަން އެއިދާރާއިން ނިންމައިފިއެވެ.
ކުރިން އެމުބާރާތް ބާއްވަން ނިންމި ޖަޕާނުގެ ބިޑު ވަނީ އަނބުރާ ގެންގޮސްފައެވެ. އެގައުމުން ބިޑް އަނބުރާ ގެންދިޔައީ މި އަހަރު ބާއްވަން ކަނޑައަޅާފައިވާ އޮލިމްޕިކް ގޭމްސް، ކޮވިޑާއި ގުޅިގެން އަންނަ އަހަރަށް ފަސްކުރަން ޖެހުމުންނެވެ. އަދި މިހާރު އެމުބާރާތް ބާއްވަން ބޭނުންވާ ކަމަށް ބުނެ ބިޑުކޮށްފައި ވަނީ އޮސްޓްރޭލިއާ- ނިއުޒީލަންޑްގެ ޖޮއިންޓް ހޯސްޓިން ބިޑުގެ އިތުރުން ކޮލަމްބިއާ އިންނެވެ.
2023 ވަނަ އަހަރުގެ ވޯލްޑްކަޕް ބިޑް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ އޮސްޓްރޭލިއާ އަދި ނިއުޒީލަންޑެވެ. އެއީ، އޭއެފްސީގެ ވޯޓުތައް ކުރިން އޮތް ގޮތުން އޮސްޓްރޭލިއާ- ނިއުޒީލަންޑްގެ ބިޑާ ޖަޕާނުގެ ބިޑަށް ބެހިގެން ދާނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު ޖަޕާނުން އެ ގައުމުގެ ބިޑު ނެގުމާއިގުޅިގެން ޖަޕާނަށް ތާއީދުކުރާ އޭއެފްސީގެ މެންބަރު ގައުމުތަކުގެ ތާއީދުވެސް އޮސްޓްރޭލިއާ- ނިއުޒިލަންޑް ބިޑަށް ލިބޭނެ ކަމަށް ބެލެވޭތީ އެވެ.
މި މުބާރާތުގެ ބިޑުތައް ޓެކްނިކަލް ކްރައިޓީރިއާތަކުން އިވެލުއޭޓްކޮށްފައިވާއިރު، އިވެލުއޭޝަނުންވެސް ކުރި ހޯދާފައިވަނީ އޮސްޓްރޭލިއާ- ނިއުޒީލަންޑުން ހުށަހަޅާފައިވާ ޖޮއިންޓް ބިޑެވެ. ފީފާގެ ކައުންސިލުން މާދަމާ އޮންލައިންކޮށް ބާއްވަން ނިންމާފައިވާ މި ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕް ބާއްވާނެ ގައުމެއް ކަނޑައަޅާނީ އޯޕަން ވޯޓަކުންނެވެ.
އެންމެ ފަހުން ބޭއްވި އަންހެނުންގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވަނީ އެމެރިކާއިންނެވެ. ފްރާންސްގައި ބޭއްވި އެ މުބާރާތް އެމެރިކާއިން ކާމިޔާބު ކުރީ ނެދެލަންޑްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.