ރީކޯ މޫސާ މަނިކް

ރީކޯ މޫސަ ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގަތުމަށް ހުށަހަޅުއްވައިފި

1

ޕީޕީއެމްގެ މެންބަރުން ކަމުން ވަކިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ހުށަހަޅުއްވައިފި އެވެ.

"ވަން އޮންލައިން" އަށް ކަށަވަރުވެފައިވާ ގޮތުގައި މޫސަ ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ހުށަހަޅުއްވާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް ދާދި ދެންމެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަން އޮންލައިން އަށް ވިދާޅުވީ އެފަދަ ސިޓީއެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ވަން އޮންލައިން އަށް ކަށަވަރުވެފައިވާ ގޮތުގައި މޫސަ ޕީޕީއެމުން ވަކިވެވަޑައިގަތުމަށް އެދި ހުށަހަޅުއްވާފައި ވަނީ މިއަދުން ފެށިގެންނެވެ. ޕާޓީގެ މުސްތަގުބަލާ ދޭތެރޭގައި ޕާޓީގެ ލީޑާޝިޕުން މިދުވަސްވަރު ދައްކަވަމުން ގެންދަވާ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މޫސަގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށްވެ އެވެ.

ޕީޕީއެމްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން 13 ފަރާތަކަށް ޓިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ވަނީ ޕާޓީ މިހާރުގެ ލީޑާޝިޕަށް ގެއްލިވަޑައިގެންފާނެ ކަމަށް ގަބޫލުފުޅުކުރެއްވޭ ފަދަ މޭރުމަކުން ވާހަކަފުޅުދައްކަވައިފަ އެވެ. އެ ގޮތުން ސިޔާސީ ކުރިމަގަށް އެންމެ ރަނގަޅު ގޮތަކީ އާ ޕާޓީއެއް އުފެއްދެވުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ލީޑަރޝިޕް ރައީސް މައުމޫނަށް ލިބިވަޑައިގެންފި ނަމަ އޭނާ ޕީޕީއެމްގައެއް ނުހުންނަވާނެ ކަމަށް މޫސަ ކުރީން މީޑިއާގައި ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގަތުމަށް މޫސަ މިއަދު ހުށަހެޅުއްވި އިރު، އެ ޕާޓީން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ދިން 31 ފަރާތުގެ ތެރޭގައި މޫސަ ހިމެނިވަޑައެއް ނުގަންނަވަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މޫސައާ އެއްވެސް މަޝްވަރާއެއް ވެސް ކުރައްވާފައި ނުވާކަމަށް މޫސަގެ ގާތް ބޭފުޅަކު "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟